English Edition
Dhivehi Edition

ރާއްޖޭގެ ފަސް ރަށެއްގައި ހުރި 10 ހޮސްޕިޓަލެއް، “ސްޕެޝަލައިޒްޑް” ނުވަތަ ވަކި ދާއިރާއަކަށް ހާއްސަ، މަތީ ފެންވަރުގެ އެކި ހިދުމަތް ލިބޭ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ އޭގެ ތެރެއިިން ފަސް ހޮސްޕިޓަލެއްގެ ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އެތަންތަނަށް 480 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަސް ހޮސްޕިޓަލް ތަރައްގީ ކުރާއިރު، އެ ސަރަހައްދަކަށް ބޭނުންވާ ސިއްހީ ހުރިހާ ހިދުމަތެއް އެތަންތަނުން ލިބޭ ވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.
“ސްޕެޝަލިސްޓު ޑޮކްޓަރުންނާއި، ތަހުލީލު ކުރެވޭނެ ގޮތްތަކާއި، އަދި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ފުރިހަމަ ކުރުމާއި، މިހާރު އެ ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކުން މާލެ އަށް މީހުން އަންނަން ޖެހެނީ ކޮން ކަންތައްތަކަކަށްތޯ ބަލާ އެކަންކަން ހައްލު ކުރުން،” އަމީން ވިދާޅުވި އެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ހާއްސަ އިސްކަމެއް ދީގެން ތަރައްގީ ކުރަމުންދާ ފަސް ހޮސްޕިޓަލަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަމު ރީޖަނަޕް ހޮސްޕިޓަލް، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކަމަށެވެ.

“ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޓަޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ނިމިފައި މިހާރު. ދެން މިމަހުގެ ނިޔަލަށް އާ އިމާރާތް ހަވާލުކުރާނެ މިނިސްޓްރީ އަށް ކޮންޓްރެކްޓަރުގެ ފަރާތުން،” މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ފަސް ހޮސްޕިިޓަލްގެ ތަރައްގީގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ރަނގަޅު މެނޭޖްމަންޓެއް އުފެއްދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަމީން ވިދާޅުވީ ކްލިނިކަލް ކަންތައްތަކުގަ އާއި ނަރުހުންނާއި ހިންގުމާއި ފައިސާއާ ގުޅޭ ކަންކަމުގައި ޒިންމާދާރު މީހުން ބައިތިއްބަން އިސްކަން ދެއްވާނެ ކަމަށެވެ.