English Edition
Dhivehi Edition

ކޮންމެ މީހަކީ ވެސް ވިޔަފާރި ކުރުމުގެ ޚިޔާލު ހުންނަ މީހަކެވެ. ނަމަވެސް ކޮންމެ މީހަކީ މިކަމަށް ވާސިލު ވެވޭ މީހެއް ނޫނެވެ. މީ ހަޤީގެތެވެ. މިކަމަށް ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. މިއަދުގެ ސަރުކާރުން ޒުވާނުންނަށް ވިޔަފާރި ފުރުސަތު ދިނުމަށް އެކި ޕްރޮގްރާމްތައް އެބަހިންގަވައެވެ. ޒުވާނުން މިފުރުސަތު ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށް ބަލަމާތޯއެވެ.

ސުވާލަކީ ވިޔަފާރި ފަށައިގެން ކުރީކޮޅު ވަރަށް ފޯރީގައި އުޅުމަށްފަހު ވިޔަފާރި ބިކަވެ މުޅިން ހުލިވެގެން ދަނީ ކީއްވެބާއޭ ކުރެވޭ ސުވާލެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި މިކަމަކީ ނަސީބާއި ގުޅިފައިވާ ކަމެކެވެ. ހަޤީގަތުގައި އެއީ ނަސީބަށްވުރެ ވިޔަފާރީގައި އެޅޭ ކަތި ފިޔަވަޅު ތަކެއްގެ ސަބަބުންވާ ކަމެކެވެ. ދުނިޔޭގެ ވިޔަފާރީގައި ކުރިއެރުން ހޯދާފައިވާ މާހިރުން އެއްބަސްގޮތުގައި ވިޔަފާރި ނެތި ދިއުމަށް މެދުވެރިވާ ދިހަ ކަމެއް އޮވެ އެވެ.

* މާއަވަހަށް ވިޔަފާރި ފުޅާކުރަން އުޅުން:

ވިޔަފާރި ކުރިއަރައި ފުޅާވެ ދިއުމަކީ ކޮންމެ މީހަކުވެސް ދެކޭނެ އެންމެ ބޮޑު ހުވަފެނެވެ. އެކަމަކު ވިޔަފާރިއާއި ނުބައްދަލު ގޮތަކަށް ވިޔަފާރި ފުޅާ ކުރުމަކީ އެޅޭނެ އެންމެ ގޯސް ފިޔަވަޅެވެ. ބާޒާރަށް އެންމެ ކުރީގައި އާ މުދާ ގެނައުމަށް ވަރަށް މަސައްކަތް ކުރެވެއެވެ. މީގެ ސަބަބުން އިތުރު ޚަރަދު ތަކެއް ކުރަން ޖެހޭނެއެވެ. ނަމަވެސް ބޭނުންވަނީ އިންވެސްޓު ކުރަން ތިބޭ މީހުންނަށް ތިމަންނަގެ ކުޅަދާނަކަން ދައްކާ އެމީހުންގެ އެއްބާރުލުން އިތުރުކުރާށެވެ.

ގިނަ ފަހަރު މިކަން ދިމާވެފައި އޮންނަނީ ވާސިލުނުވެވޭ ކަންތައްތަކެއް ނުބެލި ގޯސް ވިސްނުމަކަށް ދަތުރު ކުރެވުމެވެ. ކަމެއް ކުރާއިރު އަބަދުވެސް ބަލަންވާނީ އެކަމަކީ ދާންބޭނުންވާ މަގު ތަނަވަސް ވެފައި އޮތް މަގެއްތޯ ބެލުމެވެ. މުދާ އިތުރުކޮށް ވިޔަފާރި ފުޅައު ކުރަންވާނީ އެމުދަލަކީ ބާޒާރަށް ބޭނުންވާ މުދަލެއް ކަމުގައި ބަލައިފައެވެ.

* ވިޔަފާރީގައި ހިސާބު ކިތާބު ނުބެލެހެއްޓުން:

ކޮންމެ ވިޔަފާރިއެއް ހުލިވެގެންދާއިރު އެވިޔަފާރި ވެރިއާ އޮންނަނީ އެތައް ތަނަކަށް ދަރާފައެވެ. މީ ވަރަށް ބޮޑަށް ވިސްނާލަން ޖެހޭކަމެކެވެ. ވިޔަފާރި ކުރެވޭނީ ކަމުދާ މުދާ ހުރެގެންނެވެ. ކޮންމެ މުދަލަކީ ވަގުތުން ފައިސާ ދައްކައިގެން ހޯދާނެ މުދަލެއް ނޫނެވެ. ވީއިރު އަބަދުވެސް ބަރާބަރަށް މިބިލްތަކަށް ފައިސާ ދެއްކުމުގެ ހަރުދަނާ އުސޫލެއް ޤާއިމު ކުރަން ވާނެއެވެ. ލިބޭ ފައިސާ އާއި އަދި ޚަރަދު ކުރެވޭ ފައިސާގެ ލިޔެކިއުން ބަރާބަރަށް ބަލަހައްޓާ އެކަމަށް އަބަދުވެސް ސަމާލުވާށެވެ.

* އިތުރަށް ޚަރަދު ކުރުން:

ގިނަ ފަހަރު އަލަށް ވިޔަފާރި ފަށައިގަންނަ މީހާއަށް މިކުރެވޭ ކަމަކީ އަތުގައި ހުރިފައިސާގެ މިންވަރު ބެލުމެއްނެތި ވިޔަފާރި ފެއްޓުމަށް އެތަކެއް ފައިސާ ބޭކާރު ގޮތުގައި ޚަރަދު ކުރެވެނީ އެވެ.

މީ ހަޤީގަތުގައި ވިޔަފާރީގެ ނުބައި ތަސައްވަރެއް ސިކުނޑީގައި އެނބުރޭތީ ވާގޮތަކެވެ. ވިޔަފާރި ފަށައިގަންނަ އިރު އަބަދުވެސް ވިޔަފާރީގައި ކާމިޔާބު ހޯދާފައި ތިބޭ ގާތް ބޭފުޅުންނާ މަޝްވަރާ ކުރާށެވެ. ނުވަތަ ވިޔަފާރިން ރިޓަޔާ ކޮށްފައި ތިބޭ އިސް ބެފުޅުންނާ އެވިޔަފާރިއެއްގެ ތަސައްވަރު ހިއްސާކޮށް އެބޭބޭފުޅުންގެ ލަފާ ހޯދާށެވެ. އެހެންނޫންނަމަ ގިނަ ޚަރަދުތަކެއް ކުރީކޮޅުގައި މާބޮޑަށް ކުރެވިދާނެއެވެ. އޭރުން ވިޔަފާރި ދެމެހެއްޓުން ވަރަށް އުނދަގޫވާނެ އެވެ.

* ފަހަށް ރައްކާ ކުރެވޭ ފައިސާ މަދުވުން:

ވިޔަފާރި ކުރާއިރު އަމިއްލަ އިޚްތިޔާރުގައި ނެތް ކިތައްމެ ކަމަކާ ދިމާވާނެއެވެ. އެކަމަށް އަބަދުވެސް ހުންނަން ޖެހޭނީ ތައްޔާރު ވެގެންނެވެ. މިކަމަކީ މިހާރުވެސް ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކެވެ. މިގޮތުން ވަރަށް ފަހުން ވަނީ ކަރަންޓް ބިލް ބޮޑުވެފައެވެ. މިކަން ވިޔަފާރިވެރިންނަށް ވެގެން ދިޔައީ ވަރަށް ދަތިކަމަކަށެވެ. މީގެ ބޮޑު އަސަރު ކުރީ ކުދި ވިޔަފާރި ވެރިންނަށެވެ. ބާޒާރު ހިފަހައްޓައިގެން ތިބި ވިޔަފާރިވެރިން ބޭރުފުށުން ނުރުހުން ދެއްކި ކަމުގައި ވިޔަސް މިކަމުން ފަސޭހައިން އެމީހުން އަރައިގަންނާނެއެވެ.

ރާއްޖޭގެ ވިޔަފާރިއަކީ މިނިވަން ވިޔަފާރިއެއް ކަމުން މުދާ ގަންނަން ލިބޭ އަގުވެސް ބޮޑުވެދާނެއެވެ. އަދި މުދާ ވިޔަފާރި ކުރާ ފިހާރައަށް ގެންނަންޖެހޭ މަޖޫރީވެސް ބޮޑުވުމަކީ ވަރަށް ގާތް ކަމެކެވެ. ސަރުކާރުގެ ޓެކްސް ބޮޑުވެދާނެއެވެ. އެހެންވީމާ އަބަދުވެސް މިކަހަލަ ކަންތައްތަކުން އަރައިގަންނަން ބޭނުންވާ ވަރަށް ފައިސާ ފަހަށް ރައްކާ ކުރާށެވެ. އެފައިސާ ވާންވާނީ މިހާލަތްތަކަށް އެކަނި ބޭނުން ކުރެވޭ އެއްޗަކަށެވެ. އެނޫން ކަންކަމަކަށް ނޫނެވެ.

* ވިޔަފާރި ކުރެވޭ ސަރަހައްދު ނޭގުން:

ވިޔަފާރިއަށް އަބަދުވެސް ރަނގަޅު ހިސާބެއް ޚިޔާލު ކުރާށެވެ. މީހުން މަދުން އުޅޭ ހިސާބުތަކުގެ ވިޔަފާރި ދަށްވާނެކަމީ ފެންނާންއޮތް ހަޤީގަތެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ޤަބޫލު ކުރާގޮތުން “ފްރީ ޑެލިވަރީ” ޚިދުމަތް ދެވުމުން ވިޔަފާރިކުރާ ތަން މުހިއްމު ނުވެއެވެ.

އަވަހަށް ޑެލިވެރީ ކޮށް ދިނީމާ ނިމުނީއެވެ. މިއީ ގޯސް ވިސްނުމެކެވެ. ޑެލިވެރީ ކުރުމަކީ ހަޤީގަތުގައި އިތުރު ޚަރަދަކެވެ. ވިޔަފާރީގައި ދިމާވާ ވާދަވެރިކަމަށް ވިސްނާށެވެ. އެއްވައްތަރެއްގެ ވިޔަފާރި ކުރާ ތަންތަން އެއް ހިސާބެއްގައި ހުރުމުން މިވާގޮތަކީ ވިޔަފާރިއަށް ބުރޫ އަރަނީއެވެ. ކުރިއަށް ދާންވާވަރަށް ނުދެއެވެ.

އަބަދުވެސް ބަލަންވީ މީހުން ގިނައިން އުޅޭ ހިސާބު ތަކަށާއި އެހިސާބުން ނުކުރާ ވިޔަފާރިއަކަށެވެ. ރާއްޖޭގައި މިކަން ކުރުމަކީ ދަތި އުނދަގޫ ކަމެކެވެ. ކޮންމެ ފިހާރައަކުންވެސް މިބަލަނީ ހުރިހާ މުދަލެއް ފިހާރަށް ލެވޭތޯއެވެ.

ފޮތް ފިހާރަތަކުން ލިބޭ ޚިދުމަތް ދަޅުކާނާ ވިއްކާ ފިހާރައިންވެސް ކުރެވޭ ތޯއެވެ. މިއީ މިހާރު ވިސްނާލަން ޖެހޭ ކަންކަމެވެ. މި ސްޓައިލް ބަދަލު ކުރަން ޖެއެހެވެ. މިހެން ވިޔަފާރި ކުރުމުން ހަޤީގަތުގައި މިވާ ގޮތަކީ ބޭނުން ނުވާ ސްޓޮކް އިތުރު ވެއެވެ.

* ދެވޭ ޚިދުމަތުގެ ފެންވަރު ދަށްވުން:

ވިޔަފާރި ކުރަން ފިހާރައަށް ވަންނަ ކޮންމެ މީހަކީ މުހިއްމު މީހަކެވެ. ވިޔަފާރީގެ ކުރިއެރުމާއި ވެއްޓުން އޮތީ އެމީހުންގެ އަތްމަތީގައެވެ. ވިޔަފާރި ވެރިޔާ އަތަކު ނޫނެވެ. މިހާރަކަށް އައިސް މިވާ ގޮތަކީ ޚިދުމަތް ދިނުން ވަރަށް ސަކަރާތެވެ. ތަނުގައި ތިބޭ މުވައްޒަފުން އަނގައިން އެބަސް ނުބުނި ކަމުގައި ވިޔަސް ކަލޭ މިތަނުން ދާށޭ ބުނާކަ ހަލައެވެ. މީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

ވިޔަފާރީގެ ވެރިޔާއިން ފެށިގެން އެއްމެ ދަށް މުވައްޒަފަށްވެސް ލިބޭ އެއްޗެއް ބިނާ ވާނީ ވިޔަފާރި ކުރަން އަންނަ މީހާ ދޭއެއްޗެއްގެ މައްޗަށެވެ. ދެވޭ ޚިދުމަތް ހުރިހާ ކަސްޓަމަރުންނަށް ތަފާތު ކުރުމެއް ނެތި އެންމެ ފުރިހަމަޔަށް ދޭށެވެ. ނޫންނަމަ ވިޔަފާރި ޣަރަގުވުން ވަރަށް ކައިރިވާނެއެވެ. މުވައްޒަފުންނާއި ގާތް ގުޅުމެއް ބާއްވާ އަބަދުވެސް ވިޔަފާރިން ދެވޭ ޚިދުމަތް ރަނގަޅު ކުރާށެވެ. އެތެރޭގެ ހިންގުން އަބަދުވެސް ގާތުން ބަލާ ހަމަ މަގަށް އަޅުވަން މަސައްކަތް ކުރާށެވެ.

* ވާސިލު ނުވެވޭ ވިޔަފާރި ތަސައްވަރު:

ކޮންމެ ވިޔަފާރިއެއް ކުރިކަމުގައި ވިޔަސް އެކަމަށް ދުރާލާ ވިސްނާ ރަނގަޅު ތަސައްވަރެއް ގާއިމު ކުރާށެވެ. ވިޔަފާރީގައި ދިމާވެދާނެ ހުރިހާ ކަމަކަށް ވިސްނާ ރަނގަޅު ޕްލޭނެއް ހަދާށެވެ. އެކަން ވާންޖެހޭނީ ވާސިލް ވެވޭ އެއްޗަކަށެވެ. އަތުގައި ހުރި ފައިސާއަކީ އެންމެ މުހިއްމު އެއްޗެވެ. ވީއިރު ރަނގަޅު ޕޮލިސީއެއްގެ ދަށުން ވިޔަފާރި މެނޭޖް ކުރާނެ ގޮތުގެ ޕްލޭނެއް ވެސް ރާވަން ވާނެ އެވެ.

* ސާއަތަށް ބަލާފައި ބަދަލު ނުގެނެވުން:

ސާއަތަށް ބަލާފައި ވިޔަފާރީގައި ލިބޭ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރާށެވެ. ވަކިގޮތަކަށް ހިފަހައްޓައިގެން އެއީ ކަންކަންތައް ކުރަން ޖެހޭގޮތް ކަމަށް ނުދެކޭށެވެ. ލިބޭ ފުރުސަތުތަކަށް ބަދަލު ވެވޭ ވިސްނުން ހުންނަނަމަ މުހިއްމު ސާއަތުގައި ވިޔަފާރި ހަމަޔަކަށް އެޅުވޭނެއެވެ. ދަސްކުރަންވީ އަބަދުވެސް އެއް ތޮއްޕެއް އަޅައިގެން ހުރުމުގެ ބަދަލުގައި ގިނަ ތޮފި އެޅޭ މީހަކަށެވެ. ކަންތައްތަކަށް ފިޔަވަޅު އެޅުމަށް ލަސް ނުކުރާށެވެ. އާހޯދުންތައް ހޯދާ ދިރާސާކުރާށެވެ. ދަނޑިވަޅު ބަލާފައި ފުންމައިގަންނާށެވެ.

* މުދާ މާކެޓް ނުކުރެވުން:

ކުރަން ބޭނުންވާ ވިޔަފާރި ހުރިތަން ކަސްޓަމަރުންނަށް އެގެން ޖެހެއެވެ. އަދި އެއީ ކޮން ކަހަލަ ވިޔަފާރިއެއްކަންވެސް އެގެންޖެހެއެވެ. މިކަމަށް އިސްކަންދީގެން އިޝްތިހާރު ކުރާށެވެ. މިޒަމާނުގައި އިޝްތިހާރު ކުރުމަކީ މާ ގިނަ ފައިސާތަކެއް ޚަރަދު ކުރަން ޖެހޭ ކަމެއް ނޫނެވެ. އޮންލައިން ވެބްސައިޓެއް ހަދާށެވެ.

ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތެއް ފުރިހަމައަށް ބޭނުން ކުރާށެވެ. (ފޭސް ބުކް، ޓްވިޓާ، އިންސްޓަގްރަމް) މުހިއްމު ކަސްޓަމަރުން ފާހަގަކޮށް މެއިލްގެ ޒަރިއްޔާއިން މުދާތައް އިޝްތިހާރު ކުރާށެވެ. ކުދިކުދި ލީފްލެޓް ބަހާށެވެ. އަދިވެސް ކުރެވެން ހުރި ރަނގަޅު ކަންތައް ކުރާށެވެ. މުދާ ގިނަ ވެ ބޮޑު ސްޓޮކެއް ބޭކާރު ގޮތުގައި ގުދަން ކުރުވޭނެ މަގު ފަހިނުކުރާށެވެ. އެގޮތަށް ސްޓޮކްވާ ކޮންމެ މުދަލަކީ އަމިއްލައަށް ފްރީޒް ކޮށްލާ ފައިސާއެވެ.ވިޔަފާރި

* ވާދަވެރި ވިޔަފާރި ނޭގުން:

ކަސްޓަމަރުންގެ އިތުބާރަކީ ކުއްލިއަކަށް ދިމާވާ ކަމެއްނޫނެވެ. އެއީ އުނދަގުލުން ހޯދައިގަންނަން ޖެހޭ އެއްޗެކެވެ. އަބަދުވެސް ވާދަވެރި ވިޔަފާރިއަށް ފާރަލާ އެއްފިޔަވަޅު ކުރީގައި އުޅުމަށް މަސައްކަތް ކުރާށެވެ. ކަސްޓަމަރުންނަށް ރަނގަޅަށް ކަމޭނުހިތޭނަމަ އަދި އެމީހުންގެ އިތުބާރާއި ލޯބި ނުލިބޭނަމަ ވިޔަފާރި އެފައްތާލެވެނީ ފުންކަނޑަކަށެވެ. އެކަނޑުން އަރައިގަތުމަކީ ނާދިރު ކަމެކެވެ.