English Edition
Dhivehi Edition
ތިމާވެށި ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތު

ރާއްޖެއިން ބޭރުން ގެންނަ ބައެއް ގަސްގަހުގެ ސަބަބުން ރާއްޖޭގެ ގަސްގަހާގެއްސަށް ބަލިތައް ޖެހޭކަމަށް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ދުވަހާއި ގުޅިގެން މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވުނު ތިމާވެށީގެ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، ރާއްޖެއިން ބޭރުން ގެންނަ ބައެއް ގަސްގަހުގެ ސަބަބުން ރާއްޖޭގެ ގަސްގަހާގެއްސަށް ބަލިތައް ޖެހޭ ކަމަށެވެ.

މިފަދަ ކަންކަމުން ރައްކާތެރި ވެވޭނީ ތިމާވެށި ހިމާޔަތްކުރުމަށް ހަދާފައިވަ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށްވެސް މިނިސްޓަރުގެ ވާހަކަ ފުޅުގައި ވިދާޅުވެފައި ވެއެވެ.

މި ކާނިވާ ފެށުމުގެ ގޮތުން، މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ، އެންވަޔަރަމެންޓް މިނިސްޓަރު ޑރ، ހުސައިން ރަޝީދުގެ އިތުރުން ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދެވެ.

ކާނިވާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، މިފަދަ ޕްރޮގްރަމްތަކަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ޕްރޮގްރާމްތަކެއް ކަމަށާއި، ޒަމާނާ އެއްގޮތަށް ރައްޔިތުންގެ ބޭނުންތައް ފުއްދުމުގެ ބޭނުމުގައި ގަސްތައް ކަނޑާ، ގަސްކަރަ ނައްތާލަން ނުޖެހޭނެ ކަމަށެވެ.

ކާނިވާ ކުރިއަށް ދަނީ މިއަދު ހެނދުނު 10 ކުން ރޭގަނޑު 10 ގެ ނިޔަލަށެވެ. އަދި ކާނިވަލުގެ ތެރެއިން ހާއްސަ ސެޝަންތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ކާނިވަލުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ސެޝަންތައް އޮންނާނީ މެންދުރު 2:00 އިން ހަވީރު 4:00 އަށެވެ.

މިކާނިވަލަކީ،ތިމާވެށީގެ ދުވަހާ ގުޅިގެން، މިނިސްޓްރީ އޮފް އެންވަޔަރަމެންޓާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ގުޅިގެން ބާއްވާ ކާނިވަލެކެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ސަރުކާރުން ގެންދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.

މިގޮތުން “ތާރީޚުގެ ތެރެއިން ތިމާވެށީގެ ވަޒީރުން”ގެ ނަމުގައި މިމަހު ތޭރަވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވީ،މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ތިމާވެށި ހިމާޔަތް ކުރުން ކަމަށެވެ. އެގޮތުން އީޕީއޭއަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުން ވަރަށް އަވަހަށް މަސައްކަތް ފައްޓާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެ ލައްވާފައެވެ.