English Edition
Dhivehi Edition

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގައި، ސްރީ ލަންކާގެ ޝިފާނީ ޖުވެލާޒް އިން ހިންގާ ޝިފާނީ ޖުވެލަރީ ޝޮޕުން ވައްކަން ކުރި މައްސަލައިގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގިނަ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ޝަންގްރިއްލާ ރިސޯޓުގެ މެނޭޖްމަންޓުން ބުނެފި އެވެ.

ވައްކަމުގެ މައްސަލައާއި ގުޅިގެން ތަފާތު އެތައްގޮތަކަށް އެކިމީޑިއާތަކުންނާއި ، ޝަންގްރިއްލާގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން އަދި އާންމުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. ވައްކަމުގެ މައްސަލައިގައި ޝަންގްރިއްލާގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށް އަދި ތަހުގީގަށް މާލެ ފޮނުވާލާފައިވާ އިރު ގިނަ ބަޔަކު ބުނަމުންގެންދަނީ ބަންދުކުރި މުވައްޒަފުން އެއީ މައްސަލައާއި ގުޅުން ނެތް ބައެއް ކަމަށާއި ޝަންގްރިއްލާއިން ދިވެހި މުވައްޒަފުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށެވެ.

އަދި އެތަނުގައި މިފަދަ އެއްވެސް މައްސަލައެއްގައި ބިދޭސިމުވައްޒަފަކަށް އިނގިލި ދިގުނުކުރެވި ދިވެހި މުވައްޒަފުންގެ ބޮލުގައި އިލްޒާމު އަޅުވަން ރިސޯޓުގެ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. ހަމައެއާއެކު ވައްކަމުގެ ހާދިސާ ހިނގި ރޭ ގިނަ ކަންތައްތަކެއް “އިއްތިފާގުން ” ހިނގާފައިވާ ކަމަށާއި މިއީވެސް ރޭވިގެން ކުރެވިފައިވާ ވައްކަމެއްކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން ޝަންގްރިއްލާ ރިސޯޓާ ދެކޮޅަށް މިމަހުގެ 22 ވަނަ ދުވަހު އަޑުއުފުލުމަށް ތައްޔާރުވެ އެކަމަށް ގޮވާލާ ލިޔުންތަކެއް ވެސް ސޯޝަލްމީޑިއާގައިދަނީ ދައުރުވަމުންނެވެ.

މިހުރިހާ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް މިއަދާ ހަމައަށް ޝަންގްރިއްލާއިން އޮތީ ހަމަހިމޭންކޮށެވެ. މައްސަލައާއި ގުޅޭ އެއްވެސް ވާހަކައަކަށް އެއްވެސް ރައްދެއް ނުވަތަ މައުލޫމާތެއްވެސް ރިސޯޓު މެނޭޖުމަންޓުން ދީފައެއް ނުވެއެވެ.

DSC01721

އެހެން ނަމަވެސް އައްޑޫގައި މަސައްކަތް ކުރާ މީޑިއާތަކާ ބައްދަލުކޮށް އިއްޔެ ޝަންގްރިއްލާއިން ވަނީ މައްސަލައާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް އަދި އެތަނާ ބެހޭގޮތުން ފެތުރެމުންދާ ވާހަކަތަކަށް ޖަވާބުދީފައެވެ.

“އަޅުގަނޑުމެން ފަހަރެއްގައިވެސް ދިވެހިންނާއި ބިދޭސީ މުވައްޒަފުން ތަފާތެއް ނުކުރަން. މިތަނަކީ ރާއްޖޭގައި ހިނގާ ރިސޯޓުތަކުގެ ނިސްބަތުން ބަލާއިރުން ދިވެހި މުވައްޒަފުންގެ އަދަދަ ގިނަ ތަނެއް. ދިވެހިންނަށް އަބަދުވެސް ރިސޯޓުން އިސްކަންދެން” ކަމަށް ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރ އަލްވިން ޑްރެގޯ ވިދާޅުވިއެވެ.
ޝަންގްރިއްލާގެ މެނޭޖްމަންޓުގައި މަސައްކަތް ކުރައްވާ ދިވެހި އިސް މުވައްޒަފަކު ވިދާޅުވީ އޭނާއަކީ ވަރަށް ކުރިއްސުރެންވެސް އެތަނުގައި އައިޓީ ދާއިރާގައި މަސައްކަތްކުރަމުން ދާ މުވައްޒަފެއްކަމަށެވެ. “އަޅުގަނޑަކީ ދިވެއްސެއް. މި ތަނުން ދިވެހިންނަށް ދޭ އަހައްމިއްޔަތު އަޅުގަނޑުމެންނަށް ފެނޭ. މިތަނުގައި ދިވެހިންނާއި ބިދޭސީ މުވައްޒަފުން ތަފާތުކުރާ ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް. އާދައިގެ މުވައްޒަފެއްގެ ގޮތުގައި އަޅުގަނޑު މިތަނާ ޖޮއިންކުރީ. އެކަމަކުމިއަދު މެނޭޖްމަންޓް ޓީމުގައި އަޅުގަނޑުވެސް ހިމެނިގެންދާކަން މިއީ މިކަމުގެ ހެއްކެއް” ކަމަށް އޭނާ ބުންޏެވެ.

ވައްކަމުގެ ހާދިސާ ހިނގި ރެއަކީ، ރިސޯޓުގެ ޖީއެމް ޗުއްޓީގައި ހުންނެވުމަށްފަހު ރިސޯޓަށް އަންނަން ހަމަޖެހިފައިވާ ތާރީޚް ކަމަށް ވިއަސް ޖީއެމްގެ ދަތުރުވެސް “އިއްތިފާގަކުން” ޖޫން 7 އަށް ލަސްވުމާ ގުޅުވައިގެން ވެސް ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. އެކަމާ ގުޅިގެން ޖީއެމް ވިދާޅުވީ ޖޫން 2 ގައި އެނބުރި ރިސޯޓަށް އަންނަން އޮތް ނަމަވެސް ދަރިފުޅު ބަލިވުމާއި އަދި ވިސާ ކެންސަލް ވާތީ އަލުން ވިސާ ހެއްދުންފަދަ ކަންތައްތަކުގައި ލަސްވީކަމަށާއި ރިސޯޓުގެ މެނޭޖްމަންޓަށް އެކަން މާ ކުރިންވެސް އެނގޭނެ ކަމަށެވެ.

އާންމުން އެންމެ ބޮޑަށް ކުރަމުންގެންދާ އަނެއް ޝަކުވާ އަކީ އެރިސޯޓުގެ މުވައްޒަފުންތަކެއް ޑިއުޓީގައި ތިއްބާ މައްސަލައެއްގައި ބަންދުކުރުމާ ގުޅިގެން އާއިލާއަށްވެސް އެކަން، ރިސޯޓުގެ މެނޭޖްމަންޓުން އަންގާފައި ނުވާކަމެވެ. މިކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން މެނޭޖްމަންޓުން ބުނީ ތަންކޮޅެއް ކުރިން ހިނގި ވައްކަމުގެ މައްސަލައެއްގައި އެންމެ ފުރަތަމަ ބަންދުކުރި މުވައްޒަފުގެ މައްސަލާގައި ރިސޯޓުން އާއިލާއަށް އަންގާފައި ނުވާކަމަށާއި އެއީ މެނޭޖުމަންޓުގެ އިހުމާލުން ވީ ކަމެއްކަމަށް ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް މިފަހަރުގެ މައްސަލާގައި ބަންދުކުރި މުވައްޒަފުން ބަންދުކުރުމާއެކު އެ މުވައްޒަފެއްގެ އާއިލާއަށް ނުވަތަ އިމަޖެންސީގައި އެންގުމަށް މުވައްޒަފު ދީފައިވާ ނަމްބަރަށް ގުޅާ އެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މެނޭޖުމަންޓުގެ ފަރާތުން މުވައްޒަފުންގެ އާއިލާއާވެސް ބައްދަލުކޮށްފައިވާނެކެމަށެވެ.

“އެ މައްސަލައަކީ އަޅުގަނޑުމެން ޖެއްސި މައްސަލައެއްނޫން. މިތަނުގައި އަމިއްލަ ބަޔަކު ހިންގާ ޖުވެލަރީ ޝޮޕުން ކުރި ވައްކަމެއްގައި އެފަރާތުން ހުށަހަޅާ މައްސަލައެއް. އެމައްސަލައަކީ އެ ޝޮޕް ހިނގާ ފަރާތުންނާއި ފުލުހުން ކުރިއަށްގެންދާ ކަމެއް. އަޅުގަނޑުމެންނަކާ އެކަމަކާ ގުޅުމެއް ނެތް.އެއީ މިތަނުގައި ހުރި ޝޮޕެއްގެ މައްސަލައަކަށް ވުމުން މައްސަލައާއި ގުޅިގެން ތަހުގީގަށް ބޭނުންވާ ސުވާލުތައް އަޅުގަނޑުމެންނާ ކުރުމުން އެކަމަކާ ގުޅޭގޮތުން ދޭން ޖެހޭ ޖަވާބެއް ދެނީ. ފުލުހުންގެ އެދުމަކަށް އެސަރަހައްދުގައި ހުރި ސީސީޓީވީގެ ކެމެރާ ފުޓޭޖްވެސް ދީފައިވާނީ. އެ މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ޝަންގްރިއްލާއަކަށް ނޭނގެ. މިތަނުގެ މުވައްޒަފުންތަކެއް އެ މައްސަލާގައި ހައްޔަރުކުރުމުން ރިސޯޓުންވެސް ކަންބޮޑުވޭ.” ކަމަށް މެނޭޖްމަންޓުން ބުނެއެވެ.

ޝިފާނީ ޖުވެލަރީ ޝޮޕުގެ ބިއްލޫރިގަނޑެއް ނައްޓާލައިގެން ވަދެ 10،20،000 ޑޮލަރުގެ އަގުހުރި ގަހަނާ ވަގަށް ނެގި މައްސަލަ ޝިފާނީން ފުލުހުންނަށް ރިޕޯޓް ކުރުމުން އެ މައްސަލާގައި ޝަންގްރިއްލާގެ ފަސް މުވައްޒަފަކު ހައްޔަރުކޮށް، އަދި އެ މީހުން ތަހުގީގަށް ކަނޑުމަގުން މާލެ ފޮނުވާލާފައިވާއިރު ބަންދުކުރި މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށް ގަދަކަމުން އެއްބަސްކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބައެއް މީހުންދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ޝަންގްރިއްލާއިން ބުނީ އެކަމާގުޅިގެން ޖަވާބު ދެވޭނީ ފުލުހުންނަށް ކަމަށާއި އެއީ ފުލުހުން ބަލަމުންގެންދާ މައްސަލައެއް ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ކުރަނީ ކޮންކަންތައްތަކެއް ކަމެއް ރިސޯޓުގެ މެނޭޖްމަންޓަކަށް ނޭނގޭ ކަމަށެވެ.

ޖލކލ
ވައްކަމުގެ މައްސަލަހިނގިރޭ އެތަނުގެ ސެކިއުރިޓީ ކެމެރާތައްވަނީ ނިއްވާލާފައިވާކަމަށްދެކެވޭ ވާހަކަވެސް މެނޭޖްމަންޓުން ދޮގުކުރެއެވެ. “އެސަރަހައްދުގައި ހަރުކޮށްފައިވާ ކެމެރާތަކާ ކުޅެ، ކެމެރާތައް ނިއްވާލާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ޚިލާފުވާހަކަތަކެއް. ޝިފާނީ ޖުވެލަރީ ޝޮޕާ ދިމާއަކަށް ނޫން އެސަރަހައްދުގެ ކެމެރާ ހަރުކޮށްފައި ހުންނާނީ. އެތަނުގައި ހިންގާ ޝަންގްރިއްލާގެ އަމިއްލަ ދެ ފިހާރައަކާ ދިމާއަށް ކެމެރާތައް ހުންނާނީ. ޝިފާނީ ޝޮޕަކީ އެހެން ބައެއްގެ ތަނެއްވީމާ އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުން ހަމަޖެހިފައި އޮންނަނީ އެތަނުގެ އޯނަރުންނަށް. އެ ފިހާރައިގައި އެއްވެސް ސެކިއުރިޓީ އެއްވެސް ސިސްޓަމެއް ހަރުކޮށްފައެއް ނުހުރޭ. ފުލުހުންގެ ތަހުގީގަށް، ޝަންގްރިއްލާ ޝޮޕާ ދިމާއަށް އެސަރަހައްދުގައި ހަރުކޮށްފައިވާ ކެމެރާގެ ފުޓޭޖްވާނީ ދީފައި. އިތުރު ކެމެރާއެއް އެސަރަހައްދުގައި ނުހުރޭ” ރިސޯޓުގެ އައިޓީ ޑިޕާޓްމަންޓުން ބުންޏެވެ.

ޝަންގްރިއްލާ ރިސޯޓުން ބުނީ އެރިސޯޓުގެ މެނޭޖުމަންޓުން އައްޑޫގެ ތަރައްގީއަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެމުން ގެންދާ ކަމަށާއި ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ފާހަގަ ކުރުމެއްނެތި ރިސޯޓާ ގުޅިގެން ދެކެވޭ ހަގީގަތާ ޚިލާފު ވާހަކަތަކަށް ރައްދުދީ އެވާހަކަތައް ފަތުރާ ރިސޯޓުގެ އަގުވެއްޓުމަށް ބައެއް މީހުން ކުރަމުންގެންދާ މަސައްކަތާ މެދު ކަންބޮޑުވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ކުންފުނީގެ ނަމަށްވެސް އަސަރުކުރަމުން ދާނެ ކަމަށެވެ. “އެހެންކަމުން އެފަދަ މަސައްކަތް ކުރުން ހުއްޓާލުމަށް އިލްތިމާސްކުރަން” ކަމަށް މެނޭޖުމަންޓުން ބުނެއެވެ.