English Edition
Dhivehi Edition

ރާއްޖޭގެ ހުރިހާ ރަށެއްގެ ވަށައިގެން އޮންނަނީ މޫދެވެ. ގިނަ ރަށްރަށުގައި ރީތި ބޮޑު ފަޅު އޮވެފައި އަދި ސާފު މޫދު އޮވެ އެވެ. ފަތާލަން އެރިލާނެ ތަންތަން މުޅި ރަށުގެ އެކި އެކި ދިމަދިމާލުގައި އެއޮތީ އެވެ.

ކުރީ ޒަމާނުގައި ފަތަން ނޭގޭ އެއްވެސް މީހަކު ނުހުރެއެވެ. ކުދި ބޮޑު އަދި ދެންޖިންސުގެ ހުރިހާ އެންމެނަށް ފަތަން އެގެއެވެ. މޫދު ކުޅިވަރު ކޮންމެވެސް ވަރަކަށް ހިންގިފައިވާ ކަމަށް ތާރީޚުން ފެންނާން އެބައޮތެވެ. ދޯނި ރޭސް، ފަލިޖެހުމުގެ ރޭސް ހިންގިފައި އެބަ ހުއްޓެވެ. މީގެ އިތުރުން ފެތުމުގެ ރޭހާއި މިހެންގޮސް އެކިއެކި ކުޅިވަރު ކުޅިވަފައި އެބަހުއްޓެވެ.

ނަމަވެސް މިހާރު މަންޒަރު ތަފާތެވެ. ރާއްޖޭ ހިކި ސަރަހައްދައް ވުރެ މޫދު ސަރަޙައްދު ބޮޑު ކަމުގައި ވިޔަސް މޫދުގެ އުފާ ލިބި ނުގަނެއެވެ. ނަމަވެސް ރާއްޖެއަށް ދަތުރު ކުރާ ފަތުރުވެރިން މި ގުދުރަތީ ރީތިކަމަށް މޮޔަވެއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަނީ ގިނަވަގުތު މޫދުގެ ކޮންމެވެސް ކުޅިވަރެއްގައެވެ.

އައްޑު އާއި މާލެ ރާއްޖޭގެ އެހެން ހިސާބުތަކާ ވަރަށް ތަފާތެވެ. ވަށައިގެން މޫދު އޮތް ކަމުގައި ވިޔަސް ފަތާލަން އެރިލާނެ ރަނގަޅު ސަރަހައްދެއް ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ. މާލޭގެ މިހާރު އެއޮތީ އާޓިފިޝަލް ބީޗެއް ހަދާފައެވެ. އަދި ފަތާ ޓްރެކްވެސް އެއޮތީ ހަދާފައެވެ. މީގެ ބޭނުން މާލޭގެ ދިރިއުޅޭ އެންމެހާ މީހުން ހިފައެވެ.

މާލޭގައި މިތަންތަން ހެދިފަ ހުރީ ފުދޭވަރަކަށް ރަނގަޅު ފެންވަރެއްގައެވެ. ފަތާ ޓްރެކް ސަރަހައްދުވެސް އޮންނަނީ ގައުތައް ނަގާ ވަރަށް ރީއްޗަށް ސާފު ކުރެވިފައެވެ. ހަޑި ވީމަ ސާފުކުރެވޭނެ އިންތިޒާމު ހަމަ ޖެހެއެވެ.

އައްޑޫގައިވެސް މިހާރު ފަތާ ދެ ޓްރެކް އަޅާފައި އެބައޮތެވެ. މިއީ އައްޑޫ ރައްޔިތުން އުފަލާއިއެކު ބަލައިގަތް ކަމެކެވެ. ނަމަވެސް އެ ދެ ޓްރެކްވެސް އަޅާފައި އޮތް ސަރަހައްދު އެހާ ސާފު ވެފައެއް ނެތެވެ. ޚާއްސަކޮށް މަރަދޫ ހުޅަނގު ފަރާތުގައި އަޅާފައިވާ ޓްރެކް ހިސާބުގައި ވަރަށް ބައިވަރު ގާ އެބަހުއްޓެވެ. އެންމެ ރަނގަޅުހެން ހިވާ ހިސާބުގައި އަޅާލައިފައި އޮތީއެވެ.

ނަމަވެސް ކޮންމެވެސް ވަރަކަށް ކުދިވެރިން އެޔަށް އެރިލާ މަޖާނަގައެވެ. ޓްރެކް އެތެރޭގައި ވަރަށް ގިނަ ކުނި މިހާރު ޖަމާވެފައި އެބަހުއްޓެވެ. އެހާ ރަނގަޅަކަށް ބެލެހެއްޓޭނެ ނިޒާމެއް އަދި ޤާއިމުވެފައި ވާކަމަކަށް ނުބެލެވެއެވެ.

އައްޑޫ ލިންކް ޜޯޑަކީ ފުދޭވަރަކަށް ބާރު ސްޕީޑުގައި ދުއްވާ އެއްޗެހި ދުއްވާ މަގެކެވެ. ކޮންމެ ބަޔަކުވެސް ދުއްވޭނެ ބޮޑުޖާގައި އޮތީމާ ދުއްވާނެއެވެ. ބާރަށް އެދުއްވަނީ ކޮންމެހެން އައްޑޫ މީހުންނަށް ވީމައެއް ނޫނެވެ. އެހެން ހިސާބުގައިވެސް ދުއްވާލެވޭ ގޮތަށް ދިގު މަގު ހުންނަނަމަ އެބަޔަކުވެސް ދުއްވާނެކަން ޔަގީނެވެ. އެއީ ދުނިޔޭގެ ހަޤީގަތެވެ.

އައްޑޫ ލިންކް ރޯޑުގެ ހައިވޭ ފެށިގަންނަނީ މަރަދޫ ހުޅަނގު ފަރާތުންނެވެ. މިހާރު ފަތާ ޓްރެކް އަޅާފައިވާ ހިސާބުންނެވެ. އެހިސާބަށް އަރާ ހަމަވުމުން ހުރިހާ އެންމެންވެސް ހެލްމެޓް އަޅާ ދުވެލި ބާރުކޮށްލާނެއެވެ. އަދި ހިތަދޫ ފަރާތުން ބާރު ދުވެލީގައި އަންނަ ދުއްވާ އެއްޗެހި މަޑުކުރެވޭ ހިސާބަކީ ވެސް އެޔެވެ. އެ ބާރު ދުވެލީގައި ފަތާ ޓްރެކްއަށް ވުރެ އިރުމަތީ ފަރާތަށް ދެވެއެވެ.

2015-06-12 17.41.33

ފަތާ ޓްރެކަށް އެރި އުޅޭ ކުދިންގެ ރައްކަލަކަށް މިހާރު އެހިސާބުގައި ވަނީ ދަގަނޑު ފެންސެއް ޖަހާފައެވެ. މިހާރު އެޔަށް އެރި އުޅޭ ކުދިން ދުވެލާފައި ގޮސް ލިންކް ރޯޑަށް އެރުމުގެ ފުރުސަތު ކުޑަވާނެއެވެ. ނަމަވެސް ފެންސް ޖަހާފައިހުރީ ލިންކު ރޯޑުން ނައްޓާ ގާތްގަނޑަކަށް 2 ފޫޓު ދުރުމިނުގައެވެ.

ބާރު ސްޕީޑުގައި އަންނަ ދުއްވާ އެއްޗެއް ކިރިޔާވެސް ކޮންޓްރޯލުން ނެއްޓިއްޖެނަމަ އެޔަށް އަރާ އެކްސިޑެންޓް ވުމުކީ ނުވުމަށް ވުރެން އެފަދަ ހާދިސާއެއް މެދުވެރިވުން ކައިރި ކަމެކެވެ. އެހެންވެއްޖެނަމަ އެއީ ދެރަކަމެކެވެ.

މިޒަމާނަކީ ކޮންމެ ކަމެއް ކުރުމުގެ ކުރިން އިންސާނީ ސަލާމަތަށް ބަލަން ޖެހޭކަންކަމެވެ. އެތަނުގައި ފެންސް ޖެހިއިރު ޕްލާސްޓިކް ނުވަތަ މަޑު ރަބަރު ފާޑެއްގެ ފެންސެއް ބޭނުން ކުރެވުނުނަމަ އޭގެ ރައްކާތެރިކަން ވަރަށް ބޮޑުވާނެކަން ޔަގީނެވެ. މި ފެންސުގެ ބޭނުމަކީ ލިންކް ރޯޑުން ދުއްވާ އެއްޗެހިން ފަތާ ޓްރެކަށް އެރިލަންދާ މީހުން ސަލާމަތް ކުރުމެވެ. ސަބަބަކީ އެސަރަހައްދަކީ އައްޑޫ ސިޓީގައި ދުއްވާ ހުރިހާ އެއްޗެއް ހުރަސް ކުރަން ޖެހޭ ހިސާބެވެ. އެހެންވާނަމަ އެސަރަހައްދުގެ ޓްރެފިކް އެހެން ސަރަހައްދު ތަކަށް ވުރެ ބޮޑުވާނެކަން ޔަގީނެވެ.

އައްޑޫ ސިޓީގައި ދުއްވާ އެއްޗެހި ގިނަވާ ނިސްބަތް މިދަނީ ވަރަށް ހަލުއި ދުވެއްޔަގައި މައްޗަށެވެ. މީގެ މާނައަކީ މުސްތަޤުބަލުގައި އެސަރަހައްދުގައި ދުއްވާ އެއްޗެހި މިހާރަށް ވުރެ ގިނަވާނެކަމެވެ. އާއްމު ގޮތެއްގައި ޒުވާން ފުރައިގެ ކުދިން ދުއްވާ އެއްޗެހިވަނީ ގިނައެވެ. އެކުދިން އެއްޗެހި ދުއްވާ ދުވެލި ބާރުވެސް ވާނެއެވެ.
ހަމަ މިއާއެއްކޮށް އެއްކަލަ ފަތާ ޓްރެކަށްވެސް އެރޭ ކުދިންގެ ނިސްބަތް ގިނަވާނެކަން ޔަޤީނެވެ.

އެހެން ވެއްޖެކަމަށް ވާނަމަ މުސް ތަގުބަލުގައި އެސަރަހައްދުގައި މިހާރު ޖަހާފައި ހުރި ފެންސުގެ އިތުރުން ޓްރެފިކް ފުލުހުންވެސް ބައިތިއްބަން ޖެހިދާނެއެވެ. އެއީ ފަތަން އެރި އުޅޭ ކުދިންގެ ސަލާމަތަކަށެވެ. ދުއްވާ އެއްޗިހެން މެދުވެރި ވެދާނެ އެކްސިޑެންޓްތައް މަދުކުރުމަށެވެ.

މިހުރިހާ ކަމެއްވެސް އެކަން ކުރަން ތިބި މުޢައްސަސާތަކުން ކުރާނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ފަތާ ޓްރެކް ހަގީގަތުގައި ވެސް އެޅިފައި އެއޮތީ ހަމަ އެންމެ އެކަށީގެންވާ ސަލާމަތްތެރި ހިސާބުގައި ތޯއެވެ؟ ކޮންމެ ކަމެއް ކުރާއިރުވެސް ހުރިހާ ދިމާއަކަށް ނަޒަރު ހިންގާލަން ޖެހޭނެއެވެ. އެއީ ހުރިހާ އެންމެންގެ ސަލާމަތާއި ފަސޭހައަށްޓަކަ އެވެ.