ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ދިޔަވަރު ބޮޑުވާ ވަގުތު އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރާގޮތުގައި، އުތުރާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައި ގަދަ ވުމާއި ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކޮށްފާނެ ކަމަށް ވެސް މެޓު އޮފީހުން ބުނެއެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަ ވުމާއި ރާއްޖެއާއި ދުރުން ރާއްޖޭގެ ހުޅަނގުއުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެ ކަމަށް ލަފާކޮށް، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައި ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.
މެޓު އޮފީހުން މިއަދު ބުނީ، ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، އަދި ދޭތެރެ ދޭތެރެއިން ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވެސް ވައި ގަދަވެގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރާ ކަމަށެވެ.
އެހެންވެ، މެދުތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި މެދުތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެއެވެ.
މެޓު އޮފީހުން ވަނީ އުތުރާއި މެދުތެރޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައެވެ.