English Edition
Dhivehi Edition

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދެވަނަ ދައުރަކަށް ހޮވި ވަޑައި ގަތުމަށްފަހު އެއްމެ ފުރަމަތަމަ ވެސް ޤައުމުން ބޭރަށް ކުރައްވާ ދަތުރު ފުޅު ރާއްޖެ އަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯދީ ރާއްޖެ ވަޑައި ގަތުމަށް ހަމަ ޖެހިފައިވަނީ މިއަދުގެ މެންދުރުގެ ފަހުގައެވެ. އަދި އެއަށްފަހު މޯދީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހަވީރު 4:00 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ހަރަކާތްތައް ނިއްމެވުމަށްފަހު ، ދެ ޤައުމުގެ ލީޑަރުގެ ރަސްމީ މަޝްވަރާތަކަށް މޯދީ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހަށެވެ.

ފޮރިން މިނިސްޓްރީން ހާމަކުރާ ގޮތުގައި ދެ ޤައުމުގެ ލީޑަރުންގެ ޖޮއިންޓް ޕްރެސް ކޮންފަރެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކޮންފަރެންސްގެ ކުރިން، އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކުގެ އިތުރުން، ޅ. މާފިލާފުށީގައި ގާއިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިނިންގ ސިސްޓަމް އިފްތިތާހު ކުރައްވާނެއެެވެ.

އިންޑިއާގެ ބޮޑު ވަޒީރު، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ވަޑައިގަންނަވާނީ އެއަށްފަހުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މަޤްރިބް ނަމާދަށްފަހު ގަ އެވެ.

ފޮރިންގ މިނިސްޓްރީން ބުނީ މޯދީގެ މި ދަތުރުފުޅުގައި ،ރައީސްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ބައްދަލު ކުރައްވާނެކަމަށެވެ.

މޯދީގެ ޝަރަފްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޖާފަތެއް ވެސް މާދަމާ ރޭ ކުރުނބާ މޯލްޑިވްސް ގައި އޮންނާނެ އެވެ.މޯދީގެ ދަތުރު ނިންމަވާ ލައްވަން ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގައި މޯދީގެ ދެއްވާ ތަގުރީރު ވެގެންދަނީ ރާއްޖޭގެ ރައްޔިތުންގެ މަޖްލިހުގައި ބޭރު ޤައުމެއްގެ ވެރިޔަކު އެއްމެ ފުރަތަމަ ދެއްވާ ތަޤްރީރަށެވެ. ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ތަގްރީރް ކުރެއްވުމުގެ ފުރުސަތު ގައުމުތަކުން އަރުވަނީ، އެ ގައުމަކުން އެ މެހްމާނަކަށް ދެވޭނެ އެންމެ މަތީ ޝަރަފު އެރުވުމުގެ ގޮތުންނެވެ.