މިއަދު ހުކުރު ނަމާދަށް ހުއްޓާ އަނބުރައިގަނެގެން ވެއްޓުމުން ނައިބު ރައީސް ފައިސަލް ނަސީމު އެހީތެރިވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެއްޖެ އެވެ.
ހުކުރު ނަމާދަށް ހުއްޓާ މިސްކިތް ތެރެއަށް ވެއްޓުނު އުމުރުން 44 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު އާއި އެމަނިކުފާނުގެ ސެކިއުރިޓީގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންނެވެ. އެ މަންޒަރު ފެންނަ ފޮޓޯތައް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ޒިޔާރަތް މިސްކިތުގައި ނަމާދަށް ހުއްޓާ ވެއްޓުނު އެމީހާ މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިސްކިތުގައި ހުއްޓައި ބޯއަނބުރައިގަނެގެން ވެއްޓިގެން ހޮސްޕިޓަލަށް ގެނައި އެމީހާ މަރުވެފައި ވަނީ ޓެސްޓްތަކެއް ހެދުމަށް ފަހު އިތުރު ފަރުވާދެމުން ދަނިކޮށް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ މަރުވާން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހުކުރު ނަމާދަށް ހުއްޓާ އެ މީހާ ވެއްޓުނީ ނަމާދު ނިމެން ކައިރިވެފައިވަނިކޮށެވެ. އަދި އެ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީ ގޮތުން ނައިބް ރައީސް ފައިސަލް ވަނީ ބައިވެރިވެވަޑައިގެންނަވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިސްކިތް ތެރެއަށް ވެއްޓުނު އެ މީހާ ހޮސްޕިޓަލަށް ގެންދިއުމަށް އަރުވާފައި ވަނީ ނައިބް ރައީސްގެ ސެކިއުރިޓީންގެ ކާރުކޮޅަށެވެ.