English Edition
Dhivehi Edition
ސްޓެލްކޯ ހެޑް އޮފީސް - ފޮޓޯ: މިހާރު

ކާފު އަތޮޅުގެ ހުރިހާ ރަށެއްގައި ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ފަށައިފިއެވެ. މިއީ އެ ކުންފުނީގެ ހިދުމަތް މާލެ އަތޮޅުގައި ފުރިހަމައަށް ފުޅާވެގެންދިޔަ ތާރީހީ މަރުހަލާއެކެވެ.

މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ސްޓެލްކޯގެ ހިދުމަތް ކަވަރުކުރެވުނީ، ފެނަކަ ކޯޕަރޭޝަނުން ކ. ހުރާގައި ދެމުންދިޔަ ހިދުމަތްތައް މިއަދު ސްޓެލްކޯއާ ހަވާލުކުރުމާ ގުޅިގެންނެވެ. މިކަމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން އެމްޑީ މުހައްމަދު ނަޖާހު ސޮއިކުރެއްވިއިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ޑީއެމްޑީ ޑރ. އަލީ އަޒްވަރު އެވެ.

މި ބަދަލާއެކު ހުރާގައި މަސައްކަތްކުރާ ފެނަކައިގެ 32 މުވައްޒަފުން މިހާރު ވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސާފައެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުރާގެ ހިދުމަތްތައްވެސް އެހެން ރަށްރަށެކޭ އެއްފަދައިން ސްޓެލްކޯގެ މިންގަނޑަށް ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

ސްޓެލްކޯއިން މިހާރު ދަނީ ގްރޭޓާ މާލެ ސަރަހައްދާއި، ކ، އއ، އދ އަދި ވ އަތޮޅުގެ ޖުމްލަ 36 ރަށެއްގައި ހިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ކަރަންޓުގެ ހިދުމަތްދޭ 25 ރަށާއި، ފެނާއި ނަރުދަމާގެ ހިދުމަތްދޭ ގިނަ ރަށްތަކެއް ހިމެނެއެވެ. މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ހިދުމަތް ފުޅާވުމަކީ ކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ޓެގު