އާންމު ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން “ބިލެތްމާ ޓޭސްޓީ” ބްރޭންޑުގެ ދަށުން އުފައްދާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށް، އެ ތަނަށް ފިޔަވަޅު އަޅައިފިއެވެ.
އެމްއެފްޑީއޭ އިން ބުނީ، އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން “ބިލެތްމާ ޓޭސްޓީ” ބްރޭންޑުގެ ދަށުން ތެލުލި ފަތާއި، ކޮށި މަހާއި، ކުޅި ކާޖާ އަދި ރިހާކުރު ފަދަ ތަކެތި އުފައްދާ ތަން ބަލައި ފާސްކުރިއިރު، އެތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އެއީ އެމްއެފްޑީއޭގައި ރަޖިސްޓްރީނުކޮށް ހިންގަމުންދިޔަ ތަނެއްކަންވެސް ވަނީ ހާމަވެފައެވެ.
މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން ވަނީ އެ ތަނުގައި ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް އަންގާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ނަމުގައި އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި އާންމުން ބޭނުން ނުކުރުމަށާއި، ފިހާރަތަކުން އެ ތަކެތި ނުވިއްކުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.