English Edition
Dhivehi Edition
އެމްއައިބީގެ އޭޓީއެމްއެއް ފޮޓޯ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގެ ބޭންކިންގް ދާއިރާއަށް އިސްލާމީ އުސޫލުތައް ތައާރަފުކޮށް، ޑިޖިޓަލް ހިދުމަތްތަކާއެކު އާ އުސްމިންތަކަކަށް ދަތުރުކުރާތާ މިއަދަށް 15 އަހަރު ފުރިއްޖެއެވެ. 2011 ވަނަ އަހަރު ހިދުމަތް ފެށި މި ބޭންކަކީ ރާއްޖޭގައި ފުރަތަމަ އަދި ހަމައެކަނި ‘ފުލީ-ފްލެޖްޑް’ އިސްލާމިކް ބޭންކެވެ.

ފާއިތުވި 15 އަހަރުގެ ތެރޭގައި އެމްއައިބީން ވަނީ ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ‘ފައިސާނެޓް’ އިންޓަނެޓް ބޭންކިންގް އަދި ‘ފައިސާމޮބައިލް’ މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މުއާމަލާތްތައް ކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ‘އެޕްލައި ނައު’ އަދި ‘އުޖާލާނައު’ ޕޯޓަލް ފަދަ ވަސީލަތްތަކަކީ ބޭންކަށް ނުގޮސް ގޭގައި ތިބެގެން ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ލިބުނު ބޮޑު ލުޔެކެވެ.

އެމްއައިބީގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ހެކިލިބެނީ ބޭންކުގެ މާލީ ކުރިއެރުމުންނެވެ. އެންމެ 10 މިލިއަން ޑޮލަރުގެ ރައުސްމާލަކުން ފެށި ބޭންކު، 15 އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ ބޭންކަކަށް ފުޅާވުމަކީ ދިވެހި ބޭންކިންގް ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އަދި 2019 ވަނަ އަހަރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި ލިސްޓުކުރުމަކީވެސް އެ ބޭންކުން ހާސިލުކުރި މުހިންމު ހަރުފަތެކެވެ.

އެމްއައިބީން ބުނާ ގޮތުގައި އެ ބޭންކުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުންގެ އަޑުއަހައި، ޒަމާނީ ޓެކްނޮލޮޖީއާއެކު އިސްލާމީ ބޭންކިންގްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމެވެ.