ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި, ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް މަޖިލީހުން އިސްލާހު ގެނެސްފައިވާއިރު، އެ އިސްލާހު ރައީސް ތަސްދީގުކުރައްވާނީ، އެކަމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން އެ ގޮތަށް ފެންނަކަމަށް ނިންމައިފިނަމައެވެ.
އެގޮތުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކު އެ ވޯޓު ނެގުމަށް ހަމަޖެހިފާއިރު، ގާސިމް ވިދާޅުވީ ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަގީގަތެއް ކަމަށވެެ. 2019 އަދި 2023 ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާއިރު މިހާރު މިއޮތް ގޮތުން ރައްޔިތުން 5 އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާފަރާތަށް މިޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ 6 މަސްދުވަސް އެކަމުގައި ހޭދަކުރަންކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވާ ކަން ގާސިމް ވަނީ ފާހަގަކުރައްވާ ފައެވެ.
“އެހެން ކަމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެން. މަޖިލީހުން ގެންނެވި މި އިސްލާހް ރައީސް ތަސްދީގް ކުރައްވާނީ، ރައްޔިތުންގެ މިކަމަށް އާބަސް ބުނުމުންކަމަށްވާތީ، އަޅުގަނޑު އެދެނީ އަންނަ އެޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އެކު އޮންނަ ރައްޔިތުންގެ “ފެންނަނުފެންނަ” ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް “ފެންނަ” ކަމަށް ވޯޓު ދެއްވުން. އެހެނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށް” ގާސިމް ވިދާޅުވިއެވެ.
އިތުރަށް ގާސިމް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުސަތު ލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމަށެވެެ.