English Edition
Dhivehi Edition

މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެން އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މަޣްރިބު ނަމާދާއި އިޝާނަމާދާ ދޭތެރޭ ކަމަށް ވާތީ އެކަމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރަން ފައްޓަވައިފިއެވެ.

ބޮޑުވަޒީރު މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައި ކަމަށް ވާއިރު މި ވަގުތާ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ސިފަކުރެއްވީ، މިއީ މަޖިލީހުގެ ރައީސް، ދީނާއި ސިޔާސަތު ވަކިކުރުމުގެ ސިޔާސަތެއް ގެންގުޅުވާ ކަމުގެ އިޝާރަތެއްގެ ގޮތުގައެވެ.

އަދި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ މަޣްރިބު ނަމާދާއި އިޝާނަމާދާ (ދެ ނަމާދު ދޭތެރެ) ދޭތެރެއަށް ވާގޮތަށް އެޖެންޑާ ކުރުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ބޮޑުވަޒީރު އަންނަންވާތީ މާލޭގެ ގިނަ މަގުތަކެއް ބަންދުކުރަން ހަމަޖެހިފައިވާއިރު މިއީ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވެރިކަމާ ހަވާލުވެ ވަޑައިގެން ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިޔާ އަށެވެ.

ބޮޑުވަޒީރު މޯދީ އަލަށް ރާއްޖެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ. މިފަހަރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެދުވަހަށެވެ.