ފޮރިން މިނިސްޓަރ ޖަރުމަންވިލާތަށް ފުރާވަޑައިގަންނަވައިފި
4 މަސް ކުރިން
އާމިނަތު ޒީނާ

ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖަރުމަންވިލާތަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޖޫން 4ގައި ބާއްވާ ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ޖަރުމަންވިލާތަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ހަތަރުވަނަ ޖަރމަން-އޭޝިއަން ބިޒްނަސް ޑައިލޮގްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

Advt

Advertisement

ފޮރިން މިނިސްޓްރީން ހާމަކުރާ ގޮތުގައި ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސްގެ ނަމުގައި މާދަމާ ފަށާ ކޮންފަރެންސްގައި ގައުމުތަކުގެ ސަރުކާރުން ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި އަމިއްލަ ކުންފުނިތަކާއި އިލްމީ ބޭފުޅުން ބައިވެރިވާނެއެވެ.

ބަރލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކުން ރައްކާތެރިވުމަށާއި، ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ގައުމުތަކުގެ އިސްވެރިންނާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކާއި ޕްރައިވެޓް ސެކްޓާތަކާއި ސިވިލް ސޮސައިޓީ އަދި ސައިންޓިފިކް ކޮމިޔުނިޓީތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ފޮެރިން މިނިސްޓަރގެ މިދަތުރުފުޅުގައި ޖަރުމަނު ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވަން ވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.