މީގެ 40 އަހަރު ކުރިން ސައުތު އެފްރިކާގައި ހިނގައި ދިޔަ ހާދިސާއެކެވެ. އޭރު ޑރ. ސޮނެޓް އެލާސްގެ އުމުރަކީ 20 އަހަރެވެ. އޭރު އޭނާ ހުރީ ސައުތު އެފްރިކާގެ ހޮސްޕިޓަލެއްގައި މެޑިކަލް ރިސާޗެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.
ކުއްލިއަކަށް ފެންނަނީ ދޮރު ވަދެގެން އައި މަރުވެފައި ހުރި ގަބުރެއް ފަދަ އަންހެން ކުއްޖެކެވެ. ލޮލުގެ ހަރަކާތެއް ނެތެވެ. އަނިޔާތަކެއް ލިބިފައިވާކަން ބަލާލުމުން އެނގެ އެވެ. އޭނާގެ ފުރާނަ އާއި ހަކަތަ އޭނަގަ މަސްގަނޑުން ނެތިގެން ގޮސްފައިވާ ފަދަ އެވެ. އޭނާ ހުރީ ބިރުވެރިކަމުން ގޮތް ހުސްވެފައެވެ. އެއީ އެކްސިޑެންޓެއް ނޫނެވެ. ބަޔަކު އެ އަންހެން ކުއްޖާ ރޭޕް ކުރީ އެވެ.
ޑރ. އެލާސް އަދިވެސް އެކުއްޖާއަށް ލިބިފައިވާ ބިރުވެރި އަނިޔާއަށް ފަރުވާ ލިބެމުން ދިޔަ ވަގުތު ބުނަމުން ދިޔަ ބަސް ކަންފަތުގައި ހަރުލާފައި އެބަ ހުއްޓެވެ. “އެ ތަނުގައި ދަތް ހުރި ނަމަ އެވެ.”
އެ ދުވަހުން ފެށިގެން ޑރ. އެލާސް މަސައްކަތް ކުރަމުން އައީ މިފަދަ ނޭއްގާނީ އަނިޔާތަކުން އަންހެން ކުދިން ސަލާމަތް ކުރެވޭނެ އާލާތެއް އީޖާދު ކުރުމަށެވެ. މިކަމަށް މިހާރު ޑރ. އެލާސް ތައްޔާރު ވެއްޖެއެވެ. އޭނަގެ އީޖާދަކީ އަންހެން ކަނބަލުންނަށް ޚާއްސަ ކޮންޑޮމް އެކެވެ. މި ކޮންޑޮމްގެ އެތެރޭގައި ހުންނަނީ ތޫނު އެތިކޮޅުތަކެއް ހަރު ކުރެވިފަ އެވެ.
މީގެ ތެރެއަށް ވަންނަ ކޮންމެ އެއްޗެއް އޭގެ ހުންނަ ތޫނު އެތިކޮޅުން ސަލާމަތެއް ނުވާނެއެވެ. ކަޓަރަކުން އަޅާލާފައި ހުންނަ ގޮތަށް ދިގަށް ކަފައިލަ އެވެ. އަދި އޭގެއިން ސަލާމަތެއް ނުވެ އެވެ.
މި ކޮންޑަމް ތައްޔާރު ކުރެވިފައިވާ ގޮތުން އޭގެތެރެއަށް ޒަޚަމްވާ އެއްވެސް އެއްޗެއްގެ ލޭގެ އަސަރު އަންހެން ކުދިންނަކަށް ނުކުރާނެ އެވެ. އެހެން ކަމުން އެފަދަ ހާލަތެއްގައިވެސް އެއިޑްސް ފަދަ އެއްވެސް ބައްޔެއް އަންހެން ކުދިންނަކަށް ނުޖެހޭނެ އެވެ. ޑރ. އެލާސް މި އީޖާދު ތައްޔާރުކޮށްފައި ވަނީ މި ހުރިހާ ކަމަކަށް ބަލައިފަ އެވެ. އޭނަ ގަސްތު ކުރަނީ މީގެ 30،000 ކޮންޑަމް ހިލޭ ބަހައިލާށެވެ.
ސައުތު އެފްރިކާގައި ރޭޕް ކުރުމުގެ މިންވަރު އުޅެނީ ވަރަށް މަތީގައެވެ. ސާވޭ ތަކުން ދައްކާގޮތުން ފިރިހެނުންގެ 28 އިންސައްތަ މީހުން ސައުތު އެފްރިކާގައި އަންހެން ކުދިން ރޭޕް ކުރެ އެވެ. އެ ގައުމުގެ ކޮންމެ 20 އަންހެން ކުއްދިންގެ ތެރެއިން އެކަކީ ކޮންމެވެސް ފިރިހެނެއްގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ.
ޑރ. އެލާސް ގަބޫލު ކުރާ ގޮތުން މި އުފެއްދި އާ އީޖާދުގެ ސަބަބުން އެކަށީގެންވާ ހައްލެއް މިކަމަށް ލިބިގެންދާނެ އެވެ. ނަމަވެސް މިކަމުގެ އިދިކޮޅު ފަރާތް ތަކުން ދެކެނީ މިކަމުން އެއްވެސް ވަރަކަށް ހައްލެއް ލިބިގެން ނުދާނެ ކަމަށެވެ.
ފުރަތަމަ ކަމަކީ މިކަމުގެ ބިރުވެރިކަމެވެ. އަދި މިފަދަ ހަމަލާ ތަކުން އަންހެން ކުދިންނަށް ނަފްސާނީ ގޮތުން ލިބޭ ގެއްލުން އެއްވެސް ވަރަކަށް ހައްލު ނުވާނެކަމެވެ. ހަމަ އެކަނި މިކަހަލަ އާލާތެއް އީޖާދު ކުރުމަކުން ހައްލެއް ނުލިބޭނެ ކަމަށް އެމީހުން ބުނައެވެ. އެއަށް ވުރެ ރޭޕް ކުރުމުގެ ކަންތައް އެގައުމުގައި މާ ބޮޑެވެ.
ޔަގީންވާ ކަމަކީ ޑރ. އެލާސްގެ މި އީޖާދުން އަންހެން ކުދިންނަށް ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމެވެ. ސަބަބަކީ އެ މީހުންނާ ދިމާކޮށް އެފަދަ ނޭދެވޭ އަމަލެއް ހިންގާ މީހަކަށް ލިބޭނެ އަނިޔާ އާއި ތަދެވެ.
އެ ހާލަތުގައި އެމީހުންގެ ފިރިހެން ގުނަވަނުގައި ރަނގަޅަށް މި ކޮންޑޮމް ވަކި ހިއްޕާލަ އެވެ. އަދި އެ ނެގޭނީ ޑޮކްޓަރެއްގެ އެހީތެރިކާމާއި އެކުގައެވެ. އަދި އެނަގާ ނިމޭއިރު އެފަދަ މީހަކު ވަގުތުން ހައްޔަރުކޮށް ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެއެވެ.
މިހާރު އުފެދޭ ސުވާލަކީ އަންހެން ކުދިން މީގެ ބޭނުން ހިފާނެތޯ އެވެ؟. ނޫން ނަމަ މިއަށް ވުރެ ރަނގަޅު އުސޫލުތަކެއް ރޭޕް ކުރުން ހުއްޓުވުމަށް ގާއިމު ކުރެވިދާނެ ތޯ އެވެ؟ އަޅެ ތިބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯ އެވެ؟