English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބް ރައީސް ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރުން ކަނޑައަޅައިފިއެވެ.

މި ފަސް މެމްބަރުން ކަނޑައަޅާފައިވަނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންނެވެ. މި ގޮތުން މަޖިލިސްގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ،މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

މި ފަސް މެމްބަރުންނާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަކީ 2005 ވަނަ އަހަރުން ފެށިގެން ،މެދުކެނޑުމެއްނެތި މަޖިލީހުގައި މަސައްކަތް ކުރައްވަމުން އަންނަ މެމްބަރެއް ކަމަށެވެ. އަދި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ 19 އަހަރުވަންދެން މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ ތިން މެމްބަރުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެންދިޔަ މި ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ހަވާލުކުރެވުނު ޒިންމާ ރަނގަޅަށް އަދާކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.އަދި މެމްބަރު ހަސަން އަފީފް ވިދާޅުވީ މެމްބަރުންގެ އިހްސާސްތައް ދަނެގެން ރިޔާސަތު ބަލަހައްޓަވާނެ ކަމަށެވެ.މީގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ހަވާލުކުރެވުނު ޒިންމާ ވީހާވެސް ރަނގަޅަށް އަދާކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.