English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލިހުގައި ތަގްރީރު ކުރައްވާނީ، އަންނަ ހޮނިހިރު ދުވަހު ކަމަށް މަޖްލިސް އިދާރާ އިން މިއަދު ބުނެފި އެވެ.

މަޖްލިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައި ކަމަށެވެ.

މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވަން ދައުވަތު އަރުވަން، ބުދަ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމަވައިފަ އެވެ. މިކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްވެސް ވަނީ އެދިލައްވާފައވެ. މޯދީ ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 7 އިން 8 އަށެވެ.

ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ.

ނިއުޝާ ވިދާޅުވީ މި ޖަލްސާ އަށް ކެބިނެޓުގެ ހުރިހާ ވަޒީރުންނާއި ބޭރު ގައުމުތަކުގެ ސަފީރުންނަށް މަޖިލިހުގެ އިދާރާ އިން ދައުވަތު އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މި ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގަތީ އިންޑިއާއަށެވެ. ބޮޑުވަޒީރު މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގައިވެސް ރާއްޖެ ވަޑައިގަންނަވާފައެވެ.