English Edition
Dhivehi Edition

އަތޮޅު މަދުރަސާގައި 2012 ވަނަ އަހަރު “އެގްރިކަލްޗަރ އެންޑް ފާމިންގ” މި މާއްދާ އަށް ކިޔަވަން ފުރުސަތު ހުޅުވާލުމުން އެކަމަށް ގިނަ ދަރިވަރުން ފަސް ޖެހުނެވެ. ސެކަންޑްރީ ލެވެލްގެ ބިޒްނަސް ސްޓްރީމާއި ސައިންސް ސްޓްރީމުގެ އިތުރުން މަސައްކަތްތެރިކަމާއި ހުނަރު ދަސްކޮށްދޭ މި މާއްދާ ކިޔަވަން ދަރިވަރުން ޖެހިލުންވި އެވެ.

ނަމަވެސް ތައުލީމު ޙާސިލް ކުރުމަށް ވަކި ދާއިރާއެއް ނެތް ކަމާއި ކާމިޔާބީއަކީ ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ކޮންމެ ރޮނގަކުން ވެސް ލިބޭނެ އެއްޗެއްކަން އަތޮޅު މަދުރަސާގެ ދަރިވަރު އާމިނަތު ޝާސާ ވަނީ ޔަގީންކޮށް ދީފައެވެ.

މީދޫ ސަމާ، އާމިނަތު ޝާސާ ވަނީ ސ. އަތޮޅު މަދުރަސާގެ އެގްރިކަލްޗަރ އެންޑް ފާރމިން ކިޔެވި ފުރަތަމަ ބެޗް ގައި ހިމެނި ނިމިގެންދިޔަ އޯލެވެލް އިމްތިޙާނުގައި މުޅި ރާއްޖެއިން އެ މާއްދާއިން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލްކޮށްފައެވެ. ޝާސާގެ މި ކާމިޔާބީ އާއެކު އަތޮޅު މަދުރަސާގައި އެމާއްދާ ކިޔެވުމަށް ގިނަ ދަރިވަރުންތަކެއް ޝައުގުވެރިކަން އުފެދިގެން ދިޔަ އެވެ.

10994063_340399286156867_5620762541020463766_n
“ކިޔެވުމަށް މުހިއްމީ ސައިންސާއި ބިޒްނަސް އެއް ނޫން. ކޮންމެ މާއްދާއަކީ ވެސް އެކުއްޖަކު ޝައުގުވެރިކަމާާއެކު ކިޔަވަން ބޭނުންވެއްޖެއްޔާ ކާމިޔާބީ ހާސިލް ކުރެވޭނެ މާއްދާތައް. އެގްރިކަލްޗަރ އެންޑް ފާރމިން ކިޔަވަން ފެށުމުން އެކަން އެނގިގެން ދިޔައީ” ޝާސާގެ ކާމިޔާބީ އާ ބެހޭ ގޮތުން “އަައްޑޫ އޮންލައިން” އަށް ބުންޏެވެ.

ޝާސާ ބުނީ ސްކޫލުގެ މުދައްރިސުން ކިޔައިދެއްވާ ގޮތްވެސް ވަރަށް ފަސޭހަ ކަމަށާއި މާއްދާކިޔެވުމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސްކޫލުން ފޯރުކޮށް ދެއްވަވާތީވެސް ކިޔެވުމުގެ ދުވަސްތައް ދިޔައީ ވަރަށް ޝައުގުވެރިކަމާއެކުގައި ކަަމަށެވެ.

“ޕްރެކްޓިކަލް ބައި ދިޔައީ ވަރަށް ޝައުގުވެރިވާ ގޮތަށް. މި ސްޓްރީމް ގައި ކިޔެވި 17 ދަރިވަރުންވެސް ވަރަށް ކިޔަވާ ހިތުން ކިޔެވީ. މާއްދާ ކިޔެވުމުގައި އެއްވެސް ކަހަލަ އުނދަގުލަކާ ދިމަލެއް ނުވޭ. ސްކޫލުގެ މެނޭޖުމަންޓުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށް ދެއްވާ އަބަދުވެސް.” ޝާސާ ބުންޏެވެ.

ސ.އަތޮޅު މަދުރަސާއަކީ ގްރޭޑް 8 އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ސްކޫލަކަށް ވީ ނަމަވެސް ސްކޫލުގެ އާބާދީ މަދެވެ. އެއް ސަބަބަކަށް ވެފައިވަނީ ހުޅުމީދޫގެ އާބާދީ ވެސް ނިސްބަތުން މަދުކަމެވެ. ގިނަ އާއިލާތައް ވަނީ މާލެއަށް ހިޖުރަ ކޮށްފައެވެ.

ރަށުގައި ދިރިއުޅޭ މަދު މީހުން ވެސް އެމީހުންގެ ދަރީން ޕްރައިމަރީ ތައުލީމު ނިމުމުން އެހެން ދިމަ ދިމާއަށް އަށް ފޮނުވައެވެ. އަމިއްލަ ރަށުގައި ތިބެގެން އެކަށީގެންވާ ނަތީޖާއާއި ކާމިޔާބީ ނުލިބިދާނެކަމަށް ހީކޮށްފައެވެ.

11001942_356592121204250_9076346429153501379_n

ނަމަވެސް އަތޮޅު މަދުރަސާގެ ދަރިވަރުން ވަނީ އެއީ މުޅިން ކުށް ހީއެއްކަން ރަށުގެ ރައްޔިތުންނަށް ދައްކާފައެވެ. އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ވަނީ ދުނިޔޭގެ ވަނައާއި ގައުމީ ރަން ވަނައިގެ އިތުރުން ގައުމީ ގަދަ ދިހައިގައިވެސް ހިމެނި މޮޅު ނަތީޖާ ހޯދައިފަ އެވެ.

ގައުމީ ގަދަ ދިހައެއްގައި އެސްކޫލުގެ 7 ދަރިވަރަކު ހިމެނިފައިވާ އިރު އެތަނުން އެއްދަރިވަރަކު ވަނީ ގަދަ ދިހައެއްގެ 1 ވަނަ ވެސް ހޯދާފައެވެ. މީގެ ތެރެއިން އެސްކޫލުގެ ދަރިވަރު އާމިނަތު އަބްދުﷲ ވަނީ ކޮމާސް އިން ދުނިޔޭގެ 10 ވަނަ ހޯދާފައެވެ. ހަމަ އެއާއެކު އެގްރިކަލްޗަ އެންޑް ފާމިން އިން އާމިނާތު ޝާސާ ވަނީ ރާއްޖެއިން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލްކޮށްފަ އެވެ.

މިއީ އަތޮޅު މަދުރަސާގެ ތާރީޚްގައިވެސް ލިބިގެން ދިޔަ އެއްމެ ބޮޑު ކާމިޔާބީއަށް ވުމާއެކު އެސްކޫލުގެ މެނޭޖުމަންޓުން ތިބީ މިލިބުނު ކާމިޔާބީ ދެމެހެއްޓުމުގެ ވަރުގަދަ އަޒުމާއެކުގަ އެވެ.

ޝާސާ ގެ ކާމިޔާބީ އައްޑޫއޮންލައިން ނޫހާއި ޙިއްސާ ކުރަނީ
ޝާސާ ގެ ކާމިޔާބީ އައްޑޫއޮންލައިން ނޫހާއި ޙިއްސާ ކުރަނީ