English Edition
Dhivehi Edition

އިންސާނުންގެ ތެރެއިން ގިނަ މީހުންނަކީ އަބަދުވެސް ވަރަށް ދުނިޔޭގެ އެދުން ބޮޑު މީހުންނެވެ. އެއީ ވަކި ދީނަކަށް ބެލުމެއް ނެތި އެވެ. ކޮންމެ ދީނެއްގައި ވެސް އެކަކު އަނެކަކަށް އަޅާލުމަށް ބާރު އަޅާފައިވާ އިރުވެސް މިކަން އޮތީ ހަމަ އެގޮތަށެވެ. މީގެ ތެރެއިން ބައެއް މީހުން ތިބެނީ އަމިއްލަ ދުނިޔެވީ އެދުމުން ފުރިބާރުވެ އޭގައި ކަސްތޮޅު އެޅިފައެވެ.

ގިނަ މީހުންނަށް އަނެކަކަށް ކަމެއްކޮށް ދެވެނީ އެމީހަކު ބޭނުންވާ ކަމެއް ކޮށްދޭ ފަރާތަކަށެވެ. ކަމެއް ކޮށް ނުދެވޭ މީހުންނަށް ދެރަގޮތް މެދުވެރި ކުރުވުމަކީ އެމީހުންގެ ތަބީއަތުގައި ހުންނަ ސިފައެކެވެ. ނަމަވެސް މި ދުނިޔޭގައި މަދު ބަޔަކު ދުނިޔޭގެ އެދުމުން ފޯވެފައި އުޅެއެވެ. މުޖަތަމައު އެމީހުންނާއި ދޭތެރޭ ދެކޭގޮތް އެއްގޮތަކަށް ވެސް ބަލާލާކަށް ބޭނުމެއް ނުވެއެވެ.

އެ މީހުންނަށް އެމީހުންގެ ކަންތައް ބަރާބަރަށް ފުރިހަމަ ވީމަ ނިމުނީއެވެ. މިފަދަ މީހުންނަށް ސައިންސް ވެރިން ކިޔާ އުޅެނީ “މެޗިއަވެލިއަންސް” މީހުންނެވެ. މިފަދަ މީހުންނަށް ޖައްބާރު ނުވަތަ ދަހި ނުވަތަ ވިކާޅަ މީހުންނޭވެސް ދިވެހިން ކިޔާ އެޅެ އެވެ.

ސައިންސްވެރިން ވަނީ ވަރަށް ފަހުން މިފަދަ މީހުންގެ ސިކުނޑީގެ ތަހުލީލެއް ކޮށްފައެވެ. އެމީހުންގެ ވިސްނުމާއި ވައްޓަފާޅި ދެނެގަތު މަށެވެ. އެމީހުންނަށް ބަޔަކު ކިތައްމެ އިޚްލާސް ތެރިކަމާއި އެކު ވަރުބަލި ވަންދެން މަސައްކަތްކޮށް ކިތައްމެ ކަމެއް ކޮންދިން ކަމުގައި ވިޔަސް އެމީހުންނަކަށް އެއީ އެހާ ބޮޑު ކަމަކަށް ނުވެ އެވެ.

މިފަދަ މީހުންނަކީ އަބަދުވެސް އެމީހުންގެ ބާރުގެ ދަށުގައި ކަންކަން ގެންގުޅެން ބޭނުންވާ، އެއްވެސް މިންވަރެއްގެ އިޚްލާސްތެރި ކަމެއް އަދި އިހްސާން ތެރިކަމެއް ހުންނަ ބައެއް ނޫނެވެ.

އެމީހުން އަބަދުވެސް އުޅޭނީ މޮޅަތި ރޭވުންތައް ރާވާ އެމީހުންގެ ބާރު އެހެން މީހުންގެ މައްޗަށް ފޯރުވުމަށް މަކަރުވެރި ރޭވުންތައް ރާވާލަ ރާވާލަ އެވެ.

ދިވެހި މުޖުތަމަޢުގައިވެސް މިފަދަ މީހުން މިހާރު މަދެކޭ ދެއްނެވޭކަށް ނެތެވެ. އެމީހުންގެ ކަމަކަށް ވެފަ މިއޮންނަނީ އަބަދުވެސް އެހެންމީހުންގެ އަގު ވައްޓާލާ، އަބުރު ކަތިލާ އަދި އެހެންވެސް ކަންތައްތައްކޮށް އެމީހުން އޭގެއިން ނެގެން އޭރަކަށް އޮތް ހުރިހާ ފައިދާ އަކާއި މޮޅެއް ހޯދުމެވެ. މިފަދަ މީހުންގެ ދިރާސާއެއް ވަރަށް ފަހުން ހަންގޭރީގެ ޕެކްސް ޔުނިވާސިޓީ ރިސާޗަރުން ވަނީ ހަދާފަ އެވެ.

އެމީހުން ރިސާޗްކޮށްފައި ވަނީ ހޮވާލެވިފައިވާ ކުދިން ދެބަޔަކަށް ބަހާލާއިގެންނެވެ. އެއްބަޔަކީ ވަރަށް ބޮޑަށް ދުނިޔޭގެ އެދުން ކުރިއަށް ނަގައިގެން އުޅޭ ކުދިންނާއި އަދި މީގެ ތަންކޮޅެއް ދަށް ފަންތީގެ ކުދިންނެވެ. އެކުދިންނާއި ހަވާލު ކުރެވުނީ އިތުބާރު ހިފަހައްޓަން ޖެހޭ ކުޅިވަރެއް ކުޅުމަށެވެ. އަދި ތަހުލީލު ކުރާމީހުން އެކުދިންގެ ސިކުނޑި އެމްއާރުއައި ގެ އެހީގައި ދަސްކުރަމުން ދިޔައެވެ.

މި ކުޅިވަރުގައި ކޮންމެ ކުއްޖަކަށް އެކުއްޖެއްގެ ބައިވެރިއެއް ވެއެވެ. އެކުދިން އަތައް ދެވިފައިވަނީ ފަސް ޑޮލަރެވެ. ކޮންމެ ކުއްޖަކާވެސް ކުރެވޭ ސުވާލަކީ އެކުދިންގެ ބައިވެރިޔާއަށް “އިންވެސްޓް” ކުރުމަށް ކިހާވަރެއް ދެވިދާނެތޯއެވެ؟ ކޮންމެ ކުއްޖަކަށްވެސް ހީވެފައި އޮތީ އެކުދިންގެ ބައިވެރިއަކީ އެހެން ކުއްޖެއް ކަމެވެ. ހަގީގަތުގަ އޭގެއިން ކޮންމެ ކުއްޖެއްގެ ބައިވެރިއަކީ ކޮމްޕިއުޓަރަކެވެ.

ކޮމްޕިއުޓަރުގައި ހުންނަނީ ޚާއްސަ ޕްރޮގޮރާމެއް ރަންކޮށްފައެވެ. އޭގެއިން އެކުދިން ކުރާ އިންވެސްޓް އަނބުރާ ލިބޭ ދެގޮތެއް ވެއެވެ. އެއީ އިންސާފުވެރިކޮށާއި އަދި ބޭއިންސާފުންނެވެ. އިންސާފުވެރިކޮށް މިލިބެނީ އެކުދިން އިންވެސްޓް ކުރާވަރުގެ %10 އިތުރަށެވެ. ބޭއިންސާފުން މިދެވެނީ އިންވެސްޓް ކުރިވަރަށްވުރެ %30 މަދުނަނެވެ. މިގޮތަށް ފުރަތަމަ ބުރު ގެންދިއުމަށްފަހު ކުރިންހުރި ގޮތާއި އިދިކޮޅަށް އަތުރާލަނީއެވެ. ދެން އެކުދިން ޖެހެނީ އެކުދިން އެ އިންވެސްޓް ކުރިވަރު ދޭނެ މިންވަރެއް ކަނޑަ އެޅާށެވެ.

މިގޮތަށް މިފަހަރު މީގެ ތެރެއިން ދުނިޔޭގެ އެދުން ބޮޑު ނޫން ކުދިން އެމީހުންގެ ބައިވެރިޔާއަށް މުޖުތަމަޢުގައި އޮންނަ އާއްމު އުސޫލުން ކަންތައް ކުރިއެވެ. އެމީހުންނަށް އިންވެސްމެންޓް ރަނގަޅަށް ލިބުނު ކުދިން އެމީހުންގެ ބައިވެރިޔާއަށް ރަނގަޅަށް ކަންތައް ކުރިއެވެ. ނަމަވެސް އޭގެ ބަދަލުގައި އިންވެސްޓުން ގެއްލުންވި ކުދިން ބޭނުންވީ އެމީހުންވެސް އެމީހުންގެ ބައިވެރިޔާއަށް މަކަރު ހެދުމެވެ. އިންވެސްޓް ކުރިވަރު ވެސް ނުދިނުމެވެ.

ނަމަވެސް ދުނިޔޭގެ އެދުން ކޮޅުން ލާފައި ތިބި ހުރިހާ ކުދިންވެސް އެމީހުންގެ ބައިވެރިޔާއަށް އިންސާފު ވެރިކޮށް އިންވެސްޓް ކުރިވަރު ނުދިނެވެ. މީގެއިން އެންމެ ހައިރާންކަމެއް ލިބުނު ނަތީޖާއަކީ ގޭމް ނިމުނުއިރު ދުނިޔޭގެ އެދުމުން ފުރިފައިވާ ކުދިން އަތުގައި ފައިސާ މާގިނަ ވުމެވެ.

މިގޭމް ކުރިއަށް ދިޔައިރު ރިސާޗަރުން ދިޔައީ ދުނިޔޭގެ އެދުން ގަދަ ކުދިންގެ ސިކުނޑީގެ ހަރަކާތްތައް ދިރާސާކުރަމުންނެވެ. ކޮމްޕިއުޓަރުން މިފަދަ ކުދިންނަށް އިންސާފުން ފުރަތަމަ އެމީހުން އިންވެސްޓް ކުރިވަރު އޭގެ ނަފާއާއި އެކު ދިނުމުން އެކުދިން އެކަމަށް ވަރަށް ގަޔާވެ އެކުދިން އެއަށް ވުރެ މޮޅުގޮތް ހޯދުމަށް ސިކުނޑި ހަރަކާތް ތެރިވެގަނެއެވެ.

މި ދިރާސާ ކުރި ފަރާތްތަކަށް އެނގިގެން ދިޔައީ އެގޮތަށް ކަންތައް ދިމާވުމުން އެކުދިން އެކަމަށް ގަޔާވާ މިންވަރު އިތުރުވެ އަދި ގިނައިން ނަފާ ލިބޭގޮތް ބަލާ އެކަމަށް ހިސާބު ހަދާ ބައިވެރިޔާގެ ފަރާތުން ލިބޭނެ ހުރިހާ މޮޅުކަމެއްގެ ބޭނުން ހިފަން ވަގުތުން ރާވާލާކަމެވެ.

ކަންކަމުގެ ނަފާ ލިބޭނެ ގޮތް ކުރިއަށް ބަލާ އަދި އިޚްލާސްތެރި ނޫން މީހުން ކޮންމެހެން މީހުންނަށް ލަނޑު ދޭން ބޭރުފުށުން ނުދައްކާ ސަބަބަކީ އެފަދަ މީހުން އެމީހުންގެ ބައިވެރިންނަށް ދުވަހަކުވެސް އިންސާފުވެރިކޮށް ކަމެއް ނުކުރާނެއެވެ. އަދި އެމީހުންގެ ހިތުގައި އިހްސާންތެރި ކަމުގެ އެއްވެސް މިންވަރެއް ވެސް ނުހުންނާނެ އެވެ.

އެމީހުންނަށް އެއްވެސް މީހަކު އިންސާފުން ކަންތައްކޮށް އެމީހުންނާއި ގުޅުން ރަނގަޅުނަމަ އަބަދުވެސް އުޅޭނީ އެބަޔެއްގެ ފަރާތުން ލިބެން ހުންނަ ހުރިހާ ކަމެއް ދަނޑިވަޅު ބަލައި ދަމައި ގަންނާށެވެ. އަދި އެބަޔަކު ނިކަމެތިކޮށް ބަލިކޮށްލާށެވެ. އެހާ ހިސާބުން އެމީހުންގެ އަގު ވައްޓާލާ އަދި އެމީހުންގެ ޝަޚްސިއްޔަތު ވަރަށް ހަލުއި ކަމާއިއެކު ކަތިލާ ވެއްޔާ މޮޑެލާނެއެވެ. އެއީ ދެވަނަފަހަރު އެމީހުންނާއި ކުރިމަތި ނުލުމުގެ ބޭނުމުގައެވެ.

ވިސްނާލަން ޖެހޭ ކަމަކީ ރައްޓެހިން ތެރޭވެސް މިފަދަ މީހުން ވަރަށް ގިނަވާނެ ކަމެވެ. އަދި އެމީހުން ހޯދައި ފާހަގަ ކުރުމަކީ މުސްތަހީލު ކަމެކެވެ. އެއަށްވުރެ އެމީހުންގެ ސިކުނޑީގެ ގޭމް މާ ބޮޑަށްވެސް ވަރުގަދަ ވާނެއެވެ. ހުވަފެންތައްވެސް ހަމަ ވަރަށް ކައިރިން ދައްކާނެއެވެ. އެމީހުންނަކީ އެމީހުންގެ މަދަދު ވެރިން ކަމުގައި ދައްކާވެސް ހަދާނެއެވެ. ރަހުމަތް ތެރިކަމުގެ ކުލަވަރު ބޭރުފުށުން ދައްކާ އެމީހުން ބޭނުންވާ ހުރިހާ ކަމެއް ކުރުވާނެއެވެ. ނަމަވެސް އާޚިރު ނަތީޖާ ހިތިވާނެއެވެ.
އެފަދަ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އުނދަގުލުން ނަމަވެސް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެފަދަ މީހުންގެ ހެޔޮ އަމަލު ވަރަށް މަދުވާނެ އެވެ. ނުވަތަ ހެޔޮ އަމަލު ބޭރު ފުށައް ވަރަށް ދައްކާނެއެވެ. އެފަދަ މީހުން ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. ދިރާސާ ކުރާމީހުން ބުނާގޮތުގައި އެމީހުން ހަގީގަތުގަ އެހީއަށް ބޭނުންވާ ބަޔަކަށް އެމީހުން ބޭނުންވާ ވަގުތަކު ކޮށެއް ނުދޭނެއެވެ. ނުވަތަ އެކަމެއް ކޮށްދިނުން ބިނާވާނީ އާދޭސް ކުރިވަރަކަށެވެ. ނުވަތަ އެހެން ފަރާތަކަށް ކަންދެއްކުމުގެ

ގޮތުންނާއި މަޝްހޫރުކަން ހޯދުމުގެ ބޭނުމުގަ އެވެ. އެދޭ މިންވަރާ ގާތަށްވެސް ކަމެއް ކޮށެއް ނުދޭނެއެވެ. ކުރިން ކަމެއް ދިމާވެފައިވާނަމަ އެކަމުގެ ބަދަލު ހިފާނެއެވެ. މައާފު ކުރުމުގެ ސިޔާސަތެއް ނުގެން ގުޅޭނެއެވެ.

ނަމަވެސް އެމީހެއްގެ ފަރާތުން ފަހުން ނަމަވެސް ފައިދާއެއް ލިބޭނެ މަގު ފަހިވެފައި ވާ މީހެއް ނަމަ ވަރަށް އަވަހަށް އެހީތެރި ވާނެއެވެ.