English Edition
Dhivehi Edition

އިއްޔެ ހެނދުނުން ރޭ ފަތިސް ވަންދެން ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރާގައި އެސަރަހައްދުގެ ބައެއް ތަންތަނަށް ބޯކޮށް ވާރޭވެހި، ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ރަށްރަށުގައި ފެން ބޮޑުވެ، ގޭގެއަށް ފެންވަދެ، އާންމުން ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އިއްޔެ ހެނދުނު ހަތަކުން ފެށިގެން ރޭ 12 ޖެހުމާއި ހަމަޔަށް 3 ޔެލޯ އެލާޓް ނެރެފައިވާ ކަމަށާއި އަދި މިތިން ޔެލޯ އެލާޓުގައިވެސް ގއ އަތޮޅާއި، ގދ އަތޮޅާއި، އަދި އައްޑު އަތޮޅާއި ލ އަތޮޅަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، އެންޑީއެމްއޭއިން މިހާރު ދަނީ ރަށްރަށުގެ ހާލަތު ކައިރިން މޮނީޓާރކޮށް ވިއްސާރާގައި ގެއްލުންވަމުންދާ ހުރިހާ ފަރާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.