English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ރިޕޯޓް ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ، މިނިސްޓްރީއޮފް ހޯމް އެފެއާރޒް ޝައިޚް އިމްރާން ޢަބުދުﷲ އަރުވައިފިއެވެ.

މިރިޕޯރޓް ރައީސަށް އަރުވާފައިވަނީ މަޖިލިސްކުރާ ގޭގައި ރައީސް މުޙައްމަދު ނަޝީދާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން ޢަބްދުﷲ އާ މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެ ރިޕޯޓުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ގުޅޭގޮތުން ހިމެނި މައުލޫމާތުތަކުން އެ ކޮމިޝަނުން ވަނީ ހިތްހަމަނުޖެހިފަ އެވެ. އެކަމާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ޖަލު އޮޑިޓް ކޮމިޝަނުން ނެރެފައިވަނީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް ކަމަށެވެ. އެޗްއާރުސީއެމްގެ މަސައްކަތްތަކާއި ޒިންމާތަކާ ގުޅޭ މައުލޫމާތު ހިއްސާކުރި ނަމަވެސް ރިޕޯޓުގައި އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް، ރައީސް މުޙައްމަދު ނަޝީދު ހޮވި ވަޑައިގަތުމަށް ފަހު ނަޝީދު ދަނީ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވަމުންނެވެ. މިގޮތުން މިއަދު ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑަ އަޅުއްވާފައިވާ ސަފީރާވެސް ބައްދަލުކުރައްވާފައެވެ.