ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕުގެ ސެމީފައިނަލުގައި އެފްސީ ޒެފިއާ އާއި ތަށި މިލްކު ކުރަން ހިފައިފައިވާ އެފްސީ ބޭރުމަތި ސެމީގެ ފުރަތަމަ މެޗަށް ނުކުންނައިރު ދެ ޓީމު ވެސް ވަނީ އިތުބާރާއި އުންމީދުން ފުރިފައެވެ.
އެފްސީ ބޭރުމަތި ޓީމުގެ މެނޭޖަރ ޙަސަން އަރީޝް ބުނީ ޒެފިއާއަކީ މޮޅު ޓީމެއް ކަމަށެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއްހެން އެޓީމް މޮޅުވެފައިވަނީ އިދިކޮޅު ޓީމުން ލީޑު ނަގައިފައިވަނިކޮށް ފަހަތުން އަރައި ލަނޑު ޖަހައިގެންނެވެ. “އެވަރު ކުރެވޭނީ ވަރަށް މޮޅު ޓީމަކަށް. ފަހަތުން އަރައި މޮޅުވާން މަސައްކަތް ކުރާނީ ވަރަށް ހިތްވަރުގަދަ ޓީމެއް. އެހެންވީމާ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރަން ކަށިން ހިތްވަރު ނެރެންޖެހޭނެ މެޗެއްމީ. ޒެފިއާ ދޫދިނުމެއްނެތް. ނުކުންނަނީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރަން.” އަރީޝް ބުންޏެވެ.
އޭނާ ބުނީ މެޗުން މޮޅުވެ ފައިނަލަށް ދިޔުމަށް އެންމެފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ. މި ދެޓީމަކީ ވެސް ހިތަދޫ ދެ ޓީމެވެ. އެހެންވީމާ ވާދަވަރިކަން ވެސް ބޮޑުވާނެއެވެ.
އެފްސީ ބޭރުމަތި ސެމީގެ ޖާގަ ހޯދީ ޒިލޯން އަތުން މޮޅުވެގެންނެވެ.