އެފްސީ ބޭރުމަތި ގޯދިއްޔާ ފުޓުސަލް ކަޕް މިލްކު ކޮށްފި
4 މަސް ކުރިން
ޙަސަން ޙުސެއިން

އައްޑޫ ސިޓީ މަރަދޫގައި ކުރިއަށް ގެންދާ “ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް” ގެ ޗެމްޕިއަންކަން ވިދިވިދިގެން ތިން ފަހަރު ހޯދައި މުބާރާތުގެ ތަށި ހިތަދޫ އެފްސީ ބޭރުމަތި މިލްކު ކޮށްފިއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ވެސް މި ތަށި ޓީމަކަށް މިލްކު ކުރެވުނު ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި މުބާރާތުގެ ތަށި ފުރަތަމަ ކާމިޔާބު ކުރި ޓީމުގެ ގޮތުގައި ބޭރުމަތި ވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ.

މި މެޗު އެއްކޮށްހެން ކުޅެފައިވަނީ ވެހެންމުންދިޔަ ވާރޭ ތެރޭގައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. ދެވަނަ ހާފުގައި ކުޑައިރުކޮޅަކަށް ވާރޭ ހުއްޓިއަސް ދަނޑު ތެމިފައި އޮތުމުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫވިކަން ފާހަގަ ކުރެވުނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އެހެން ކަމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

Advt

Advertisement

ޕެނަލްޓީ ޖަހައިގެން އެފްސީ ބޭރުމަތި މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ހޯދީ 4-3 ލަނޑުން ފްރެންޑްސް ކުލަބު ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައިވަނީ ފްރެންޑްސް ކުލަބުގެ ޖާޒީނަމްބަރު 6 ޙުސައިން ޝަރީފެވެ. މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒިލޯންގެ ޖާޒީނަމްބަރ 4 ޙަސަން ރައުފެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރެންޑްސް ކުލަބުގެ ޖާޒީނަމްބަރ 7 މުޙައްމަދު ޢިމްރާނެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެފްސީ ބޭރުމަތީގެ ކޯޗު އަޙުމަދު ނަސީމެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ ޒެފިއާއެވެ. ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ޒެފިއާގެ ޖާޒީ ނަމްބަރ 8 ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށް ހޮވިފައިވަނީ އެފްސީ ބޭރުމަތީގެ ޖާޒީ ނަމްބަރ 1 މުޙައްމަދު ޝަފީގެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އެފްސީ ބޭރުމަތީގެ ޢަލީ ހާފިޒާއި، އެޓީމުގެ އިބްރާހީމް މުބީން އަހުމަދު ރަޝީދު، ފްރެންޑްސް ކުލަބުގެ ހުސައިން ޝަރީފް، ޔަންގްވަންސްގެ އިސްމާޢީލް މުނީޒް، ފްރެންޑްސް ކުލަބުގެ މުޙައްމަދު ޢިމްރާނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރެންޑްސް ކުލަބުގެ ޙުސައިން ޝަރީފެވެ.

މިބާރާތުގެ ރަނަރއަޕް ޓީމަކީ ފްރެންޑްސް ކުލަބެވެ. އެޓީމަށް މެޑެއްޔާއި ފައިސާގެ އިނާމް ޙަވާލު ކޮށްދެއްވީ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފެވެ. މުބާރާތުގެ ޗެމްޕިއަންޓީމް އެފްސީ ބޭރުމައްޗަށް ތައްޓާއި ފައިސާގެ އިނާމާއި މެޑެލް ޙަވާލު ކޮށްދެއްވީ މި މެޗުގެ ޝަރަފްވެރި މެހުމާން ހެޕީމާކެޓުގެ ސީއީއޯ ޢަލީ އިޙުސާނެވެ.