English Edition
Dhivehi Edition
18 ވަނަ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ފޮތް ގާސިމް ނެރެދެއްވަނީ: ފޮޓޯ: ޔޫސުފް ސަފްވާން : ވީނިއުސް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލަމަތީ ކަންކަން އިތުރަށް ވަރުގަދަކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުނަށް ބޭއްވި އޮރިއެންޓޭޝަނާއި، މަޖިލީހުގެ އައު ވެބްސައިޓް އަދި 18ވަނަ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ފޮތް ނެރުމަށް މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށެވެ.
“އަޅުގަނޑުމެންގެ ސަލާމަތައި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ސާޖެންޓް އެޓް އާމް ގިނަ މަސައްކަތްކުރައްވާ. ކުރިއަށް އޮތްތާ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާއިރު އެމްއެންޑީޢެފްގެ އެހީތެރިކަމާއެކު މުވައްޒަފުންގެ ހޭންޑް ބޭގް ސްކްރީން ކުރުމާއި މެންބަރުން ދޮރުން ވަދެވަޑައިގަންނަވާއިރުވެސް ސްކްރީން ކުރެވޭނެ. އެކަމަށް ބަޖެޓް ހޯދުމަށް ރައީސަށް ވާނީ ދަންނަވާފައި. އާންމު ކޮމިޓީންވެސް ވަނީ އެކަން ހަމަޖައްސާދީފައި.” ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ 2019 މެއި 28 ވާ އަންގާރަ ދުވަހުގެރޭ އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. އެ އިދާރާއިން ހާމަކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ(މާދަމާރޭ) 10:30 ގައެވެ.