19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ރައީސްގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުޙައްމަދު އަސްލަމް ގެނައުމަށް ވޯޓު ދެއްވާނެ ކަމަށް ފޭދޫ ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވަވާ ނިހާދު ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރު ދިފާޢު ކުރުމަށާއި އަދި ޚާއްސަ ގޮތެއްގައި އައްޑޫ ސިޓީގެ ފޭދޫ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަޖިލީހުގެ ރައީސަކަށް އަސްލަމް ގެނައުމަށް ވޯޓު ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އާ ދައުރުގެ ރައީސް ކަމަށް އަސްލަމް ގެންނަން ތާޢީދު ކުރުމާއި އެކު ނައިބު ރައީސްގެ މަޤާމަށް ގެންނަން ތާޢީދު ކުރައްވާނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ކަންވެސް ނިހާދުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހުގެ ވެރިކަން ދިފާޢު ކުރުމަށް، އަސްލަމް އަށް ވޯޓު ދެއްވާނެކަން ނިހާދި އިއުލާނުކުރެއްވި އިރު، ހިތަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު އިބްރާހިމް ނާޒިލް ވެސް ވަނީ އަސްލަމްއަށް ތާއީދު ކުރައްވާނެ ކަން ހާމަ ކުރައްވަވާފައެވެ.
މަޖިލިސް ރައީސް ކަމަށް އެމްޑީޕީގެ ފަސް މެމްބަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ ވިލުފުށި ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފު އަދި އައްޑޫ މީދޫ ދައިރާ މެމްބަރު ރޮޒޭނާ އާދަމެވެ.
މަޖިލީހުގެ ރައީސްކަމުގެ ރޭހުގައި ވާދަ ވެރިކަން ބޮޑީ، އަފީފާއި އަސްލަމްއާ ދެމެދުގަ އެވެ.
އަންގާރަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުޅުވުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މަޖިލީހުގެ ރައީސް ކަމަށް 87 މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓު އޮންނާނީ އެރޭއެވެ.