މަރަދޫ ވެންބޮޅޮ ފިށި ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕްގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި އެފްސީ ޒިލޯން 5-2 އިން ބަލިކޮށް ސެމީފައިނަލްގެ ފުރަތަމަ ޖާގަ އެފްސީ ބޭރުމަތި ކަށަވަރު ކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ބޭރުމަތި ޓީމުންނެވެ. ލަނޑެއް ޖެހުމަށްފަހު އިތުރު ލަނޑެއް ޖެހުމަށް ހިތްވަރާއެކު ދެ ޓީމުން ވެސް އަވަސް ކުޅުމެއް ކުޅެމުން ދަނިކޮށް އަނެއްކާވެސް ލަނޑުޖެހީ ބޭރުމަތީ ޓީމުންނެވެ. ދެ ލަނޑެއްގެ ލީޑެއްގައި އޮވެކުޅެމުން ދަނިކޮށް ޒިލޯން ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-1 އަށް ބަދަލު ކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ ދެތިން މިނިޓް ތެރޭގައި ޒިލޯން ވަނީ ލަނޑެއްޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ނުވަނީސް ބޭރުމަތިވަނީ އެމީހުންގެ ތިންވަނަ ލަނޑު ޖަހައި އަނެއްކާ ވެސް ލީޑު ނަގައިފައެވެ. އަނެއްކާވެސް އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިތަން ފެނުނީ އެފްސީ ބޭރުމަތީންނެވެ. އެލަނޑު ޖެހިތާ މާގިނައިރެއް ނުވަނީ އެޓީމުންވަނީ ފަސްވަނަ ލަނޑުވެސް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ.
އެފްސީ ބޭރުމަތީގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ އަޙުމަދު ނާޝިދާއި، ޙަސަން މިރާޙުއާއި، ޢަލީ ހާފިޒު މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ. އަނެއް ދެ ލަނޑު ޖަހައިދީފައިވަނީ އިބްރާހީމް މުބީން އަޙުމަދު ރަޝީދެވެ. ޒިލޯންގެ ލަނޑުތައް ޖަހައިފައިވަނީ ޙުސައިން އައިކާއި ޙަސަން ލައުޙުއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބޭރުމަތީގެ ޖާޒީނަމްބަރު 9 ޢަލީ ޙާޝިމެވެ.
އެފްސީ ބޭރުމަތި މިމުބާރާތަށް ނުކުތީ ތަށި މިލްކުރުމަށެވެ. އެމީހުން މިމުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލީ އެފަހަރު ތަށި މިލްކު ކުރަން ނުކުތް ފޭދޫ ހަބޭސް ބަލި ކޮށްގެންނެވެ. މިރޭގެ މެޗުން ހޯދި މޮޅާއެކު ބޭރުމަތިވަނީ މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ކުރިއަށް ގެންދާ ސިލްސިލާއަށް ބޮޅެއް އިތުރު ކޮށްފައެވެ.
ގޯދިއްޔާ ފުޓުސަލް ކަޕް ކުރިއަށްދާތާ 25 އަހަރު ވެފައިވާއިރު މިހާތަނަށް އެއްވެސް ޓީމަކަށް ތަށި މިލްކު ކުރެވިފައެއްނެތެވެ. އެހެން ކަމުން އެފްސީ ބޭރުމަތި މި މުބާރާތަށް ނުކުތީ ތަށި މިލްކުކޮށް ތާރީޚުގެ ތެރެއަށްވަނުމުގެ ޢަޒުމުގައެވެ.
މިރޭ ކުޅޭ ކުއާޓަރފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެފްސީ ޒެފިއާއި، ކުލަބު ސްކަވެންޖާސް އެވެ.