މިރެއަކީ ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕުގެ ބޮޑުރެއަކަށްވާނެއެވެ. މިރެއަކީ މުބާރާތުގެ ކުއަޓަރގެ މެޗުތައް ފަށާރެއެވެ. ކުއަޓަރގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ތަށި މިލްކުކުރަން ނުކުމެފައިވާ އެފްސީ ބޭރުމައްޗާއި އެފްސީ ޒިލޯންއެވެ.
މިރޭގެ މެޗަށް ނުކުންނައިރު އެފްސީ ބޭރުމަތި މިމުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިފައެއް ނުވެއެވެ. އެޓީމް ކުއާޓަރއަށް ދަތުރުކުރީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު އޭ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޒިލޯން ކޮލިފައިވެފައިވަނީ ގްރޫޕް ސީ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
މިރޭގެ މެޗަށް ނުކުންނައިރު މާޒީއާ މެދު ނުވިސްނާ ކަމަށް ޒިލޯން އިން ބުންޏެވެ. މެނޭޖަރ ޙުސައިން އާބިދު ބުނީ މާޒީގެ ނަތީޖާތަކުން މިރޭގެ މެޗަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. މިރޭގެ މެޗަކީ މުޅިން އެހެން މަރުޙަލާއެއްގެ އެހެން މެޗެއް ކަމަށް އޭނާ ބުންޏެވެ.
މި މެޗަށް ޒިލޯން ނުކުންނަނީ އެފްސީ ބޭރުމައްޗަށް ތަށި މިލްކުވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް ތައްޔާރުވެގެންނެވެ. “ބޭރުމަތި ހުއްޓުވައި އެމީހުންނަށް ތަށި މިލްކުކުރުމުގެ ފުރުސަތު ގެއްލުވާލުމުގެ ބާރު މިރޭ މިލިބެނީ ޒިލޯންއަށް. އެހެންވެ މިރޭ ނުކުންނާނީ އެމީހުން ހުއްޓުވައި މުބާރާތުގެ ސެމީއާ ހަމައަށް ވެސް އެމީހުން އަޔަނުދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް،” ޙުސައިން ބުންޏެވެ.
އެފްސީ ބޭރުމައްޗަކީ މޮޅު ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ މޮޅު ޓީމެއް ކަމަށް ޒިލޯން އިން ޤަބޫލު ކުރެއެވެ. އެހެން ކަމުން މިރޭ ނުކުންނާނީ އެޓީމަށް ދޭން ޖެހޭ ފުރިހަމަ އިޙުތިރާމް ވެސް ދީގެން ކަމަށް ޒިލޯން އިން ބުނެއެވެ. ޒިލޯންގައި ތިބީ މަރަދުއަށް ނިސްބަތްވާ މަރަދޫ ކުޅުންތެރިންނަށް ވިޔަސް ހުރިހާ ކުޅުންތެރިންގެ ވިސްނުން ހުރީ ސީދާ މޮޅަކަށް ކަމަށް މެނޭޖަރ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ޒިލޯން ވަނީ ގްރޫޕް ސްޓޭޖުގައި އެމީހުން ކުޅުނު ފަހު މެޗު 8-1 އިން ކާމިޔާބުކޮށް އިތުބާރު ބޮޑު ކޮށްފައެވެ. މި މެޗު ވެގެންދާނީ މުބާރާތުގައި ފެނިގެންދާނެ އެންމެ ތަފާތު އެއް މެޗަށް ކަމަށް ބެލެވެއެވެ.
ޙުސައިން ބުނީ މެޗަށް ނުކުންނައިރު ޓީމުގައި އިންޖަރީގެ މާބޮޑު މައްސަލައެއް ނެތް ކަމަށެވެ. ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗަށް ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.