English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަމުގެ ކުއާޓަރ ފައިނަލަށް ވަރަށްބޮޑަށް ތައްޔާރުވެފައިވާ ކަމަށް ކުއާޓަރގެ ދެވަނަ މެޗުގައި ޒެފިއާ އާ ދެކޮޅަށް މިރޭ ނުކުންނަ ކުލަބް ސްކަވެންޖާސް އިން ބުނެފިއެވެ.

އެޓީމުގެ މެނޭޖަރ ޙުސައިން ސާމީ އަދުނާމް ބުނީ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި އެޓީމު ކުޅުނު ގޭމް ކުއާޓަރގައި ބަދަލުވާނެ ކަމަށެވެ. “މިރޭގެ މެޗުގައި އެންމެބޮޑު ތަފާތަކަށް ފެންނާނީ އަޅުގަނޑުމެންންގެ ގޭމް ޕްލޭން. މުޅި ގޭމް މިރޭ ފެންނާނީ ތަފާތުކޮށް،” މެނޭޖަރ ބުންޏެވެ.

އޭނާ ބުނީ ޒެފިއާއަކީ މި މުބާރާތުގެ ނަން މަޝްހޫރު މޮޅުޓީމެއް ކަމަށެވެ. އެހެންނަމަވެސް އެ ޓީމު ހުއްޓުވައިލެވޭނެ ފެންވަރުގެ ކުޅުންތެރިން ސްކަވެންޖާސްގައި އެބަތިބި ކަމަށެވެ. ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު ވެސް ސްކަވެންޖާސް ޖެހިލުވާ އެއްވެސް ކުޅުންތެރިއަކު ޒެފިއާގައި ނެތް ކަމަށް އޭނާ ބުންޏެވެ. “އަޅުގަނޑުމެންގެ ޓީމުގައި ވެސް ތިބީ މޮޅެތި ކުޅުންތެރިން. އެކުޅުންތެރިން ތިބީ ޒެފިއާއަށް އެންމެ ތަންފުކެއް ވެސް ދޫދޭކަށް ނޫން. މުބާރާތުގެ މިހިސާބަށް އާދެވުމުން އިތުރަށް މަސައްކަތް ކުރަންޖެހޭނެ. މިމެޗުން މޮޅުވުން ނޫން ގޮތެއް މިރޭއަކުނެތް،” އޭނާ ބުންޏެވެ.

ސްކަވެންޖާސް މިރޭގެ މެޗަށް ނުކުންނަނީ ފުރިހަމަ އިތުބާރާއި އެކުގައި ކަމަށާއި އަމާޒަކީ ޒެފިއާ ބަލިކުރާއިރު ބޮޑު ތަފާތަކުން ބަލިކުރުން ކަމަށް އޭނާ ބުންޏެވެ. ކިތަންމެ އުންމީދު ބޮޑަސް މެޗަށް ނުކުންނާނީ ޒެފިއާއަކީ ވަރުގަދަ ޓީމެއްކަން އެނގިތިބެ ކަމަށް އޭނާ ބުންޏެވެ. ގުރޫޕް ސްޓޭޖުގެ މެޗުތަކާއި ކުއާޓަރފައިނަލާ ވަރަށް ތަފާތުވާނެ ކަމަށާއި ކުއާޓަރގައި ކޮންމެ ޓީމެއްގެ ވިސްނުން ހުންނާނީ ސީދާ މޮޅަކަށް ކަމަށް އޭނާ ބުންޏެވެ.

މެޗަށް ނުކުންނައިރު ޓީމުގައި އެއްވެސް މައްސަލައެއް އަދި އިންޖަރީއެއްވެސް ނެތެވެ. އެހެންކަމުން ހުރިހާ ކުޅުންތެރިންގެ ވިސްނުން ހުރީ ސެމީގެ ޖާގައެއް ކަށަވަރު ކުރަން ކަމަށް އޭނާ ބުންޏެވެ.

ސްކަވެންޖާސް ކުއާޓަރ ފައިނަށް ދަތުރު ކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއްމެޗުން ބަލިވެ 6 ޕޮއިންޓާއެކު ގްރޫޕް ޑީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.