English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕުގެ ކުއާޓަރ ފައިނަލުގެ ދެވަނަ މެޗަށް އެފްސީ ޒެފިއާ މިރޭ ނުކުންނައިރު އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކެޕްޓަން މުޙައްމަދު އާލިފް ފަހުމީއަށް އެންމެ ފަހުމެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ނުކުޅެވޭ މައްސަލަ ކަމަށް އެޓީމުން ބުނެފިއެވެ.

ޓީމުގެ ކޯޗު އަދި ތަޖުރިބާކާރު ކުޅުންތެރިއާ ޝަމްވީލް ޤާސިމް (ބޮންޑާ) ބުނީ މިރޭގެ މެޗަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. މޮޅުވުން ނޫން ގޮތެއް ނެތް މިމެޗަށް ނުކުންނައިރު މުޅި ޓީމުއޮތީ އެއްރޫޙެއްގައި އެކައްޗެއް ކިޔައިގެން ކަމަށް އޭނާ ބުންނެވެ. “އެހެންނަމަވެސް ކެޕްޓަން އާލިފަށް އެންމެފަހު މެޗުގައި ރަތްކާޑު ދެއްކުމުގެ ސަބަބުން އޭނާއަށް ނުކުޅެވޭ މައްސަލަ އަކީ ބޮލުގެ ރިހުމެއް،” ބޮންޑާ ބުންނެވެ. އޭނާ ބުނީ ޓީމުގައި އިތުރު އެއްވެސް މައްސަލައެއް ނުވަތަ އިންޖަރީއެއް ވެސް ނެތް ކަމަށެވެ.

މިރޭ އިދިކޮޅުން ނުކުންނަ ކުލަބު ސްކަވެންޖާސް އަކީ ގަދަފަދަ ޓީމެއް ކަމަށް އޭނާ ބުނެއެވެ. އެޓީމާ މެދު އެންމެ ފަހު ސިކުންތާ ހަމައަށް ސަމާލު ނުވެއްޖެ ކަމަށްވާނަމަ ލޮޓި ލިބުމަކީ ދުރުކަމެއް ނޫން ކަމަށް ބޮންޑާ ބުންޏެވެ. “މުބާރާތުގެ ކުއާޓަރއަކަށް ނާންނާނެ ދެރަ ޓީމެއް. އެންމެ މޮޅު އަށް ޓީމު ކުއާޓަރގައި ވާދަ މިކުރަނީ. މިރޭގެ މެޗުގައި ސްކަވެންޖާސް އެމީހުންގެ ބެސްޓު ދައްކާނެ. އެހެންވީމާ މިރޭގެ މެޗު އެއްގޮތަކަށް ވެސް ފަސޭހަ ނުވާނެ. އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރަންޖެހޭ މެޗެއްމީ. ބަލިވެއްޖެއްޔާ ކެޓީ. އެހެންވީމާ އަޅުގަނޑުމެންގެ ޓީމު ވެސް އޮތީ ދޫކުރާ ގޮތަކަށް ނޫން. ބެސްޓު ދައްކަން މަސައްކަތް ކުރާނަން،” ބޮންޑާ ބުންޏެވެ.

އޭނާ ބުނީ ޒެފިއާއަށް އަބަދުވެސް ޖެހިފައިވަނީ ފަހަތުން އަރައި މޮޅުވާން ކަމަށެވެ. ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ވެސް އެމީހުން މޮޅުވީ އިދިކޮޅު ޓީމުން 2 ލަނޑު ޖަހައިފައިވަނިކޮށް ފަހަތުން އަރައި 4 ލަނޑު ޖަހައިގެންނެވެ. އެގޮތަށް ކުޅުމަކީ ފަސޭހަކަމެއް ނޫންކަމަށާއި މިރޭގެ މެޗުގައި އެހެންވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ބުންނެވެ.

ކުއާޓާއާ ހަމައަށް އައިސްފައި ހުސްއަތާ ގެއަށްދާން ބޭނުން ނުވާކަމަށް ވެސް ބޮންޑާ ބުންޏެވެ.

ޒެފިއާ ކުއާޓާއަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ބީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި މެޗު ފަށާނީ މިރޭ 10:30 ގައެވެ. މެޗު ކުޅޭނީ މަރަދޫ ވެންބޮޅޮ ސްޓޭޑުއަމުގައެވެ.