ގައިދީންނަށް ޖަލުގައި ލިބޭ ގިނަ ވަގުތުތައް ބޭކާރު ގޮތުގައި ދިޔަ ނުދިނުމަށް ފޮތް ކިއުންފަދަ މުހިންމު ކަމެއް ކުރަން ލިބެން ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަށް ފޮތްފަދަ ތަކެތި ފޯރުކޯށްދިނުމަކީ އުނދަގޫ ކަމެއްކަމަށާއި ނަމަވެސް ހޯމް މިނިސްޓްރީން މިފަދަ މަސައްކަތެއް ކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި ޖަލުތަކުގައި ތިބި ޤައިދީންގެ މަޢުލޫމާތު މުއްސަނދިކުރުމާއި ފޮތް ކިޔުމުގެ ފުރުޞަތު ހޯދައިދިނުމަކީ މުހިއްމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެއެވެ.
ޔުމްނާ ވިދާޅުވީ އާއިލާގެ ބޭފުޅުން ޖަލުގައި ތިއްބެވިއިރު އެބޭފުޅުންނަށް ފޮތް ފޮނުވުމުގައި ދަތިތަކެއް ހުރި ކަމަށާއި އެކަން ތަޖުރިބާ ކުރެއްވުމާއެކު އެތަނުގައި އެލިބޭ ވަގުތު ބޭނުން ގޮތުގައި ހިފޭނެ ނިޒާމެއް ހުންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
“ޖަލުތަކުގައި ތިއްބަވާ ބޭފުޅުންނަށް ފޮތްކިޔަން ލިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑަށްވެސް ތަޖުރިބާ ކުރެވުނު، އަޅުގަނޑުގެ ބައްޕައާއި ކޮއްކޮއާއި ފިރިމީހާ ޖަލުގައި ތިބިއިރު އަޅުގަނޑުވެސް ފޮތް ފޮނުވިން ކޮންމެވެސް ވަރަކަށް. އެކަމަކު އެބޭފުޅުންނާ ހަމައަށް ފޮތް ދިއުމުގައި ދަތިތަލެއް ދިމާވި. އެހާ ގިނަ ވަގުތު އެބޭފުޅުންނަށް ލިބިވަޑައިގަންނަވާއިރު ފޮތް ކިއުމަކީ ވަރަށް ރަނގަޅު އާދައެއް.” މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވީ މިފަދަ މުހިންމު މަސައްކަތެއް މިނިސްޓްރީން އިސްނަގައިގެން ކުރެއްވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި ޖަލުތަކުގެ ލައިބްރަރީތައް ރަނގަޅުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުގެ ބޭނުމަކީ ޖަލުގައި ފޮތް ކިޔުމުގެ ޝައުގުވެރިކަން އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ޤާބިލުކަން އިތުރުކޮށްދޭ މަޢުލޫމާތު ހިމެނޭ ފޮތްތައް ކިއުމުގެ ފުރުޞަތު ގައިދީންނަށް ތަނަވަސްކޮށްދިނުން ކަމަށެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިމަހުގެ 22 އިން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށް އަމީނިއްޔާ ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި މިނިސްޓަރު ޔުމްނާ މައުމޫނާއި އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރައްވާފައެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ނާޒިމާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ ގިނަ ޢަދަދެއްގެ ފޮތް ހަދިޔާކުރައްވާފައެވެ.
މި ޕްރޮގްރާމް ރޭ ނިންމާލާފައި ވާއިރު ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް ކަރެކްޝަނުން ބުނެއެވެ.