English Edition
Dhivehi Edition

ރަން ދިހަ ފަހެއްގެ ނަމުގައި ދިވެހި ރުފިޔާގެ އާ ސީރީޒެއް ތައާރަފް ކޮށްފިއެވެ. ހަމައެއާއެކު އެއިން ބޮޑުވެގެން އިމްލާ ކުށެއް ނުކުމެ ސޯޝަލް މީޑިއާގައި ފެތުރެން ފެށިއެވެ. ފަތުއަޑު ކިޔާފައި އެވާހަކަ ފެތުރެން ފެށުމުން އެމްއެމްއޭއިން އެކަން ދިފާއު ކުރިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އާޒިމާ އާދަމް ވަނީ “ފައްސަތޭކަ” ލިޔެވިފައިވަނީ ކުށަކުން ނޫންކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެހެން ކަމަށްވާނަމަ މާނައަކީ އެކަން ކޮށްފައިވަނީ އެނގިވަޑައިގެން ތިއްބަވައިގެން ގަސްތުގައެވެ.

އާޒިމާ ވިދާޅުވެފައިވަނީ “ފައްސަތޭކަ” ލިޔުނީ އާންމުކޮށް ކިޔާ ގޮތަށް ކަމަށްވާތީއެވެ. އެގޮތަށް އާންމުކޮށް ކިޔަނީ ހުވަދޫ، ފުވައްމުލައް، އައްޑޫ ބަހުރުވައިގައެވެ. ދިވެހި ބަސްފޮތުގައިވެސް 500 ތާނައިން ލިޔާއިރު ފައްސަތޭކަ ލިޔެފައި އެބައޮތެވެ. އެހެންނަމަވެސް އެހެން ކިޔަނީ ކޮންއަތޮޅެއްގެ މީހުން ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ. އެކަމަކު ބަސްފޮތުގެ ފެށޭ ހިސާބުގައި ވަނީ ތިން އަތޮޅެއްގެ މީހުން އެބަހެއް އެއްގޮތަކަށް ކިޔާ ކަމަށްވާނަމަ އަތޮޅެއް ފާހަގަ ނުކުރާ ގޮތަށެވެ. “ފައްސަތޭކަ” އިގައި އަތޮޅު ޖަހައިފައި ނެތީ އެހެން ވެގެންނެވެ. ގައުމީ މަރުކަޒުން އެކުލަވައިލައި ގައުމީ ޔުނިވަރުސިޓީ އިން 2011 ގައި ނެރެފައިވާ ބަސްފޮތުގައި “ފަސްސަތޭކަ” ލިޔެފައިވަނީ ސީނު ސުކުނެއްގައެވެ.

މިހާރު އަޅުގަނޑުމެން ބޭނުން ކުރަމުންދާ 500 ރުފިޔާގައި ލިޔެފައިވަނީ ފަސް ސަތޭކައެވެ. އެފައިސާ ބޭނުންކުރާތާ ބައްތިރީސް އަހަރުވީއިރުވެސް އެހެން ލިޔެފައި އޮތުމުން އެއްވެސް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އާ 500 ރުފިޔާގައި “ފައްސަތޭކަ” ލިޔެގެން އަދި ބޭނުން ކުރަން ނުފަށަނީސް މިއޮތީ ފާޑުކިޔަން ފަށައިފައެވެ.

ކަމުގެ އެކޮޅު މިކޮޅު ބަލާލަން މިއީ ރަނގަޅު ވަގުތެކެވެ.

ބައެއް ބަސްތައް އުފެދިފައި ހުންނަނީ ލަފުޒުތައް ގުޅިގެންނެވެ. ދެ ލަފުޒެއް ގުޅިގެން އާ މާނައެއްގައި އާ ބަހެއް އުފެދުމަކީ އާންމު ކަމެކެވެ.

ފަސް ސަތޭކަ މިބަސް އައިސްފައިވަނީ ދެލަފުޒެއް އެއް ކޮށްގެންނެވެ. އެއީ “ފަސް” އާއި “ސަތޭކަ” އެވެ. މިހާލަތުގައި “ފަސް”އަކީ އަދަދެވެ. އެއްޗަކީ ރުފިޔާއެވެ. ބުނެދޭން މިއުޅެނީ 100ގެ ކިތައް ރުފިޔާ ކަމެވެ. އެހެންވީމާ 5 އިން ބުނެދެނީ ސަތޭކައިގެ ކިތައް އެތިކަމެވެ.

ގުނަން ފަށަމާ ހިނގާށެވެ. ފަސްރުފިޔާ، ފަސްސަތޭކަ ރުފިޔާ، ފަސްހާސް ރުފިޔާ، ފަސްލައްކަ ރުފިޔާ، ފަސްކުރޯޑު ރުފިޔާ އެވެ. މިއިން ކޮންމެ ލަފުޒަކުން ދޭހަ ކޮށްދޭ އަދަދަކީ ފަހެކެވެ. އޭގެ ފަހަތަށް ރުފިޔާ އިތުރު ކުރުމުން ކިތައް ރުފިޔާ ކަން އެނގިގެން ދެއެވެ.

ރުފިޔާގެ ބަދަލުގައި އަދަދު މީހުންނަށް ނިސްބަތް ކުރަމާ ހިނގާށެވެ. ދެ މީހުން، ތިން މީހުން، ހަތަރު މީހުން، ފަސް މީހުން މިހެންނެވެ. އަދަދު ލިޔާއިރު އެއަށް އެއްވެސް ބަދަލެއް ނާދެޔެއް ނޫންތޯއެވެ. އެހެން އެއްޗަކަށް އަދަދު ނިސްބަތް ކުރަމާ ހިނގާށެވެ. އެއް ގޮނޑި، ދެ ގޮނޑި، ތިން ގޮނޑި، ހަތަރު ގޮނޑި، ފަސް ގޮނޑި މިއިންވެސް ހަމަ އަދަދަށް އެއްވެސް ބަދަލެއް ނާދެއެވެ.

ފަސް ރުފިޔާ ލިޔާއިރު އަދަދު އަންގައި ދިނުމުގެ ގޮތުން ފައް ރުފިޔާ ލިޔުނީމާ އަންނަނީ ބޭނުންވާ މާނައެއް ނޫނެވެ. ފަސް މީހުން ލިޔާއިރު ސީނު ސުކުނުގެ ބަދަލުގައި އަލިފު ސުކުން ކޮށްގެން ލިޔަމާ ހިނގާށެވެ. ފައް މީހުން، ފައް ގޮނޑި މިހެން ލިޔުމުން އެނުކުންނަ މާނައަށް ވިސްނާ ލަމާތޯއެވެ. އެހެން ކަމަށްވާނަމަ ފަސް ސަތޭކައިގެ ބަދަލުގައި ފައް ސަތޭކަ ލިޔުމުން އެއީ ރަނގަޅޭ ނުބުނެވޭނެއެވެ.

ފަސް ސަތޭކައާއި، ފައްސަތޭކަ ކިޔާއިރު އެއް އަޑެއް ނުކުންނަ ކަމަށް ބުނެ ފައްސަތޭކަ ލިޔާކަމަށްވާނަމަ އަޅުގަނޑުމެންނަށް ލިބިފައިވާ އަމިއްލަ އަކުރާއި، ބަހާއި، ހަމަތަކަށް ހުތުރު އެރުވުން ނޫން އިތުރު ކަމެއް ނުވެއެވެ.

އެމްއެމްއޭ ކަހަލަ ދައުލަތުގެ މުހިންމު މުއައްސަސާއަކުން މިފަދަ ކަމެއް ކުރިއިރު ދިވެހިބަހުގެ އެކެޑަމީ ކޮބައި ހެއްޔެވެ؟ ރުފިޔާ އަލަށް ފަރުމާ ކުރުމަށްފަހު އެތަނުގެ މެންބަރުންނަށް ދެއްކެވިންތޯއެވެ؟

ހަމަގައިމުވެސް ފަރުމާ ކޮށްފައިވާ ރުފިޔާތައް ބަހުގެ ބައެއް އެދުރުންނަށް ދެއްކެވިއެވެ. އޭގައިވާ ލިޔުންތައް ރަނގަޅު ކުރުމަށް ނުދައްކަވާ ކަމަށް އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެހެންވީމާ، ގަވަރުނަރު ވިދާޅުވިޔަސް އެކަން އިހުމާލަކަށް ނުވާނޭ މަގެއް ނުފެނެއެވެ.

މަޝްހޫރު އަދީބެއް ކަމަށް މުހައްމަދު ޝާހިދު ހަލީމް ވިދާޅުވެފައިވަނީ 500 ތާނައިން ލިޔާއިރު ސުކުން ކުރާނީ ސީނުގައި ކަމަށެވެ. ” 500 ގެ 5 އަކީ ވަކި ބާވަތެއްގެ ފަހެތިކަން ބަޔާންކުރާން ބޭނުންކުރާ ފަސް ކަމަށްވާތީއެވެ. މިފަސްގެ ފަހަތަށް އެހެން ލަފުޒެއް ގުޅުނަސް ފަސްގެ ސުކުން ކޮށްފައިއޮތް މަގާމުގައި ސުކުން ނޫން އެހެން ފިއްޔެއް (މިސާލަކަށް ފަސް+އެތި = ފަހެތި) ނުޖެހޭނަމަ ސުކުން ކޮށްފައިއޮތް އަކުރަށް (ސީނަށް) ބަދަލެއް ނާންނާނެއެވެ. ފަސް ސިލޭހަ، ފަސް ސައިބޯނި ލިޔާގޮތަށް ލިޔާނީ ފަސް ސަތޭކަ.” ޝާހިދު ވިދާޅުވެފައިވެއެވެ.

ގައުމީ ޔުނިވަރސިޓީން ނެރެފައިވާ ބަސްފޮތުގައި 500 ތާނައިން ލިޔެފައިވަނީ ފަށް ސަތޭކަ މިހެންނެވެ.

ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަހެވެ. ދިވެހި ބަހުގައި ތަފާތު ބަހުރުވަ އެބަހުއްޓެވެ. މިސާލަކަށް އައްޑޫ ބަސް، ހުވަދޫ ބަސް، ފުވައް މުލަކު ބަހެވެ. މި އަތޮޅުތަކުގެ މީހުން ކިޔާ ގޮތަށް ބަސްފޮތުގައި ހިމަނާފައި އެބަހުއްޓެވެ. އެހެން ކަމަށްވިޔަސް ދެކުނުގެ ހަތަރު އަތޮޅުގެ މީހުން ބަސް ކިޔާ ގޮތަށް ރަސްމީ ބަހުގައި ލިޔެކިޔައި ނޫޅެއެވެ. ދައުލަތް ހިންގުމުގައި ބޭނުންކުރަނީ ދިވެހިބަހުގެ ތެރެއިން އެންެމެ ގިނަމީހުންނަށް ރަނގަޅަށް ފަހުމުވާ ރަސްމީ ބަހުރުވައެވެ.

އެމްއެމްއޭގެ ގަވަރުނަރާ ހަވާލާދީ މީޑިއާގައި ބުނެފައިވާ ގޮތުން “ފައްސަތޭކަ” ލިޔުއްވީ އިހުމާލަކުންނެއް ނޫނެވެ. އާންމުކޮށް ކިޔާގޮތް ކަމަށްވާތީއެވެ. އާންމުކޮށް ކިޔާގޮތަކީ ގޮތެކެވެ. އެކަމަކު އެގޮތަކީ އުސޫލެއް ކަމަށް ކަނޑައަޅައިގެން އަމަލުކޮށްފައިނުވާކަން އާނޫޓުތަކުން ސާބިތުވެއެވެ. މިހެނީ އާނޫޓުގައި ހިމެނޭ 1000 ރުފިޔާގެ ނޫޓޫގައި އެ އަދަދު ތާނައިން ލިޔެފައި އޮތީ އާންމުކޮށް ކިޔާގޮތަށް “އެންހާސް” އެއް ނޫނެވެ. “އެއްހާސް” އެވެ. އެހެންވީމާ ގަވަރުނަރުގެ ބަސްފުޅު ކަސިޔާރު ވެއްޖެއެވެ.

ފައްސަތޭކައަކީ އެއްލަފުޒެއް ކަމަށްވާނަމަ ބުނާނެ އެއްޗެއްނެތެވެ. އެކަމަކު އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތަކީ ފަސް އެއީ އަދަދެއް ކަމަށެވެ. ރުފިޔާއަކީ އެއްޗެއް ކަމަށެވެ. އެހެން ކަމަށްވާނަމަ އެއީ ދެ ލަފުޒެވެ. ކައްސާލުން ލިޔާއިރު ކަސް ސާލުން ލިޔެފި ކަމަށްވާނަމަ އަންނަ މާނަ ތަފާތެވެ. އެއީ ކައްސާލުން މިލަފުޒަކީ އެންމެ ލަފުޒެކެވެ. ދެލަފްޒަށް ހަދައިފި ކަމަށްވާނަމަ ނުކުންނާނީ ބޭނުންވާ މާނައެއް ނޫނެވެ.

ދިވެހިން ބުނެއުޅެއެވެ. ވަކަރުގަނޑު މާވަޑިޔާ ހިތެކެވެ. ނިޔާ ފަނޑިޔާރާ ހިތެކެވެ. ސުވާލަކީ ރައްޔިތުން ބައިވެރިވާ ރައްޔިތުންގެ ވެރިކަމެއްގައި، ލިޔެވިފައިވާ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާ ދައުލަތެއްގެ ރަސްމީ ބަހުރުވަ ގަވަރުނަރު ހިތެކޭ ބުނެވޭނޭ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ.