އިންސާނުން އުޅޭ ކޮންމެ ދިމާލަކުން މިފެންނަނީ ކުނިބުނިއެވެ. މީގެ ތެރޭ އިންސާނިއްޔަތަށް ގެއްލުން ދެނިވި އެތަކެއް ނުރައްކާތެރި ކުނިބުނިވެސް އެބަހުއްޓެވެ. މުޅިދުނިޔެ މިހާރު މިވަނީ މިކަމަށް ހައްލެއް ހޯދަން ނުކުޅެދިފައެވެ. މިކަމަށް ހައްލެއް ހޯދުމަށް އެތަކެއް ޖަމިއްޔާއެއް ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ ހަރަކާތް ތެރިވަމުންނެވެ.
ދުނިޔޭގެ ބިންމަތީގައި އިންސާނުން އުފައްދާ މިކުނިބުންޏަށް އެކަށޭނެ ހައްލެއް ނުލިބެނީސް އިންސާނުން މިހާރު މިއަންނަނީ ޖައްވުވެސް ކުނިބުނި ތަކުން ފުރާލަމުންނެވެ. ނާސާއިން ލަފާކުރާ ގޮތުގައި “ސްޕޭސް ޖަންކް” ގެ ގޮތުގައި އެކި ސެޓްލައިޓް ތަކުގެ ބައިތަކުންނާއި، ސްޕޭސް ކްރާފްޓްގެ ބައިތަކާއި އަދި މިނޫންވެސް މިފަދަ 500،000 ކުނިބުނި ޖައްވުގައި ހުރެދާނެއެވެ. އަދި މީގެ އިތުރަށް ކުޑަކުޑަ އެތިކޮޅުކޮޅުގެ 100 މިލިއަން އެތިކޮޅު ހުރެދާނެ ކަމަށްވެސް ނާސާއިން ބުނެފައި ވެއެވެ.
މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މިފަދަ ކުނިގަނޑެއް ދުނިޔެއަށް ވެއްޓޭނެ ކަމަށް އެންމެން ތިބީ އިންތިޒާރު ކޮށްގެންނެވެ. ނަމަވެސް އެ “ސްޕޭސް ޖަންކް” ދުނިޔޭގެ ބިމަށް ވާސިލު ވުމުގެ ކުރިން ފަޒާގެ ތެރޭ ވަނީ އަނދާއިގެން ގޮސްފައި ކަމަށް ނާސާއިން ބުނެފާވެއެވެ. މިފަހަރު މީގެ އަސަރު ދުނިޔެއަކަށް ނުކުރިއެވެ. ނަމަވެސް މުސްތަގުބަލުގައި މީގެ ނުރައްކާ ތެރިކަމާއި އިންސާނުން ކުރިމަތި ލާން ނުޖެހޭނެއެކޭ ދަންނަވާކަށް ނޭގެއެވެ. ބިންމަތީގައި އުފެދިފައިވާ ކުންޏަށްވުރެ “ސްޕޭސް ޖަންކް”ގެ ނުރައްކާ ތެރިކަން މާބޮޑު ވެދާނެއެވެ.
ސައިންސް ވެރިން ލަފާ ކުރިކޮތުން ސްރީލަންކާގެ އައްސޭރިފަށުން 100 ކިލޯމީޓަރު ދުރަށް ވެއްޓޭނެ ކަމަށް ބުނެފައިވަނީ އެޕޮލޯ މިޝަންގެ ބައިތަކެއް ކަމަށެވެ. ނަމަވެސް އެ އެތިގަނޑު ވެއްޓުނު ކަމަށްވެސް އަދި ވީ ކީއްކަމެއްވެސް ސައިންސްވެރިން ޔަގީން ކަމާއި އެކު ބުނެފައި ނުވެއެވެ.
މިއީ އިންސާނިއްޔަތަށް ލިބުނު ސިގްނަލް އެކެވެ. މިހާރުން މިހާރަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ވިސްނާލަން އެބަޖެހެއެވެ. މިކަމަށް ހައްލެއް ހޯދަން އެބަޖެހެއެވެ. ޖައްވުގައި ހުރި ކުނިބުނި ސާފު ކުރަން އެބަޖެހެއެވެ. ނަމަވެސް މިކަމަށް އެއްވެސް ގައުމަކުން މާ ކަންބޮޑުވެ އުޅޭ ތަނެއް އަދި ހަމަ ޔަގީނުންވެސް ނުފެނެއެވެ. މިކަމުގައި އެންމެ ބޮޑަށް އުޅެން ޖެހޭނީ އެމެރިކާއެވެ. ސަބަބަކީ ޖައްވުގައިވާ ގިނަ ކުނިތައް ދޫކޮށްފައިވަނީ އެމެރިކާއެވެ.
އެމެރިކާގެ ސިޔާސަތު މިހާރު މުޅިން ހުއްޓިފައި ހުރީ ޓެރަރިޒަމް އާއި ދިމާލަށެވެ. މިވެސް ދުނިޔެއަށް ވަރަށް ބޮޑު ބިރެކެވެ. އަޅުގަނޑު ބުނާހިތް އޮތީ ޓެރަރިޒަމްގެ ބިރުވެރިކަން ދުނިޔެއަށް ކުރިމަތި ކުރުވާފައިވަނީ ހަމަ އެމެރިކާއާއި ޔޫރަޕުގެ ގައުމު ތަކުންނެވެ. ދުނިޔޭގެ ބެލެނިވެރި ގައުމަށް ވުމަށް އެމީހުން އެދަނީ އެމީހުންގެ ބާރު ނުފޯރާ ހުރިހާ ގައުމެއް ހާލާކުގެ ތެރެއަށް ވައްޓާލުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރަމުންނެވެ.
މިހާރު މިއޮތީ ޖައްވު ނުސާފު ވެފައިވާ މުސީބާތާއި ކުރިމަތިލާން ޖެހިފައެވެ. އެމެރިކާގެ ހިއްސާ މީގެ ވަރަށް ބޮޑެވެ. ނަމަވެސް ޖައްވު ސާފު ކުރުމަށް އެމީހުން މާބޮޑު މަސައްކަތެއް ކޮށްފައިވާ ކަމަކަށް މީޑިއާއަކުން ހަމަ ޔަގީނުންވެސް އެނގޭކަށް ނެތެވެ.
“ސްޕޭސް ޖަންކް” ގެ އިތުރުންވެސް ޖައްވުގައި އެތަކެއް ގިނަހިލަ ދަތުރު ކުރަމުން އެބަދެއެވެ. މިއެއްޗިއްސަކީ އިރުގެ ވަށާއިގެން ދަތުރު ކުރުމަށްފަހު މަރުވެގެންދާ ކޮމެޓް ނުވަތަ އެސްޓްރޮއިޑް ތަކުގެ ބައިތަކެވެ. މީގެ ބޮޑު ގިނި ހިލައެއް މި ދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ދުނިޔެއާއި ވަރަށް ކައިރިން ދަތުރު ކޮށްފައިވާކަމަށް ނާސާއިން މައުލޫމާތުދެއެވެ.
މިފަދަ އެހެން އެސްޓޮރޮއިޑެއް ދެން އެންމެ އަވަހަށް ދުނިޔެއާއި ކައިރިން ދަތުރު ކުރާނެކަމަށް ނާސާއިން ލަފާކޮށްފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ދުނިޔެއާއި 38 މިލިއަން ކިލޯމީޓަރު ދުރުންނެވެ.