English Edition
Dhivehi Edition

އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 24 ކުންފުންޏެއްގެ މައްސަލަ ބަލަން އިމިގްރޭޝަނުން ފުލުހަށް ހުށައަޅައިފި އެވެ. މިއަދު އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގިނަ މަޝްރޫއުތަކަކަށް ބޭނުންވާނެ ބިދޭސީން ރާއްޖެ ގެނެސް ސައްހަ ނޫން ލިޔެކިޔުންތައް ހުށަހެޅި މައްސަލަތަކެއް ދިރާސާކޮށް އޭގައި ހިމެނޭ 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން 24 ކުންފުންޏެއްގެ މައްސަލަ ބަލަން ފުލުހަށް ހުށައެޅި އިރު އެއީ ކޮން ކުންފުނިތަކެއް ކަމެއް ނުބުނެ އެވެ. އިމިގްރޭޝަނުން އެ 24 މައްސަލަ ތަހުގީގު ކުރަން އެދުނީ އެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތަކާއިވެސް އެކު އެވެ. އެގޮތުން އެ 24 ކުންފުނީގެ ވެރިންނާއި ތުހުމަތުކުރެވޭ ކަންކަމުގައި ހިމެނޭ މީހުންގެ މައުލޫމާތު ފުލުހާ ހަވާލު ކުރި އެވެ. އަދި އެ މައުކޫމާތުތައް އިކޮނިމިކް މިނިސްޓްރީއާވެސް ހިއްސާކުރި އެވެ.

އަދި މައްސަލަތަކުގެ ތަހުގީގު ނިމެންދެން، މި 24 ކުންފުނީގެ ހިއްސާދާރުންނާއި ، މި މައްސަލާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ހިދުމަތްތަކެއް އިމިގްރޭޝަނުން ވަނީ މެދުކަނޑާލައިފަ އެވެ.