English Edition
Dhivehi Edition

މިހާރު ފްރާންސްގައި ކުރިއަށްދާ 72 ވަނަ ކާންސް ފިލްމް ފެސްޓިވަލްއަށް ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާއިރު، ފިލްމާ މިއުޒިކަށް ލޯބިކުރާ ފަރާތްތަކުން މި ފެސްޓިވަލްގެ ކޮންމެ މަންޒަރެއްވެސް ބަލަމުންދަނީ ފޫހިކަމެއް ނެތިއެވެ.

ތަރިންގެ ހެދުންތަކުން ފެށިގެން ރެޑްކާޕެޓްގައި ތަރިން ހިނގާފައިދާ ގޮތާއި އެތަރިންނާއެކު ބައިވެރިވާ މީހުންނަށްވެސް ބެލުންތެރިން ބަލަމުންދަނީ ޝައުގުވެރިކަމާއެކުގައެވެ. މި ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ކާންސް ފެސްޓިވަލްއަށް ދިޔައީ އޭނާގެ ކުރިއަށް އޮތް ފިލްމު ‘ދަ ޑެޑް ޑޮންޓް ޑައި’ގެ ތަރި ބިލް މުރޭ އާއި އެކުގައެވެ. އުމުރުން 68 އަހަރުގެ މުރޭ އާއި ސެލީނާ އެކުގައި މި ފެސްޓިވަލްއަށް ދިއުމުން އެންމެ ފުރަތަމަ ގިނަ ބަޔަކަށް ހީކުރެވުނީ ދެމީހުން އެކުގައި ދިޔައީ ފިލްމުގެ ޕްރޮމޯޝަނަށްކަމަށެެވެ. އެހެންނަމަވެސް މި ހަފްލާގައި މުރޭ އާއި ސެލީނާ އެކުގައި ހުރިހާ ވަގުތެއް ހޭދަކޮށްފައިވާއިރު ސެލީނާ ކަންފަތްދޮށުގައި ކޮންމެވެސް ވާހަކައެއް މުރޭ ބުނި މަންޒަރުވަނީ ފޮޓޯނަގާމީހުންގެ ލެންސްތަކަށް އަރާފައެވެ.

އެދެމީހުންގެ މި ފޮޓޯ އާއި އެކު ގިނަ ބަޔަކު މުރޭ ސެލީނާ ގާތު ދެއްކި ސިއްރު ވާހަކައަކީ ކޮބައިތޯ ބެލުމުގެ ޝައުގުވެރިކަންފާޅުކުރަމުންދަނިކޮށް ސެލީނާވަނީ އޭނާ އާއި މުރޭ އާއި ދެމީހުން ކައިވެނިކުރަން އުޅޭކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާންކޮށްފައެވެ. އެންމެ ފުރަތަމަ ގިނަ ބަޔަކަށް މިއީ ސަމާސާއެއް ކަމުގައި ހީކުރެވުނު ނަމަވެސް ސެލީނާ ވަނީ ކާންސް ފެސްޓިވަލްގައި އޭނާއާއި މުރޭ އެކުގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. “މިއީ ކާންސް ފެސްޓިވަލްގައި އަހަރެންގެ އެންމެ ފުރަތަމަ އަހަރު. މި ފިލްމުގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއް. ބިލް މުރޭ އާއި އަހަރެން މި އުޅެނީ ކައިވެނިކުރަން” އިންސްޓަގްރާމްގައި 146 މިލިއަން ފޮލޯކުރާ ސެލީނަ ބުންޏެވެ.

ގިނަ ބަޔަކަށް އަދިވެސް ސެލީނާގެ މި ވާހަކަތައް ގަބޫލުކުރަން އުދަގޫވެފައިވާއިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ފިލްމު ‘ދަ ޑެޑް ޑޮންޓް ޑައި’ ޕްރރޮމޯޓްކުރުމަށްޓަކައި ޖައްސާފައިވާ މޮޅު ‘ސްޓަންޓެއް’ކަމަަށެވެ.