ސްޓާވޯސްގެ އެންމެ ފަހުގެ ފިލްމު “ދަ ފޯސް އެވޭކެންސް” ގައި ބޭނުން ކޮށްފައިވާ “ބީބީ – 8 ޑްރޮއިޑް” ހަދާނެ ފަސޭހަގޮތެއް އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށްވާ އެޖިއޯ ކަސިމިރޯ ކިޔާލަދީފިއެވެ. އެކަމަކު އެއީ އަސްލު އޭއައި-ޕަވާޑް ޑްރޮއިޑެއް ނޫނެވެ. ނަމަވެސް އޭނަގެ ކުޅަދާނަ އިންޖިނިއަރިން މިމަސައްކަތައް ހަމަ ތައުރީފު ހައްގެވެ.
އެންޖެލޯ ގެ މި އުފެއްދުމަކީ ފަސޭހައިން އަމިއްލައަށްވެސް އުފައްދާ ލެވިދާނެ ބީބީ-8 ރޮބޮޓަކެވެ. މީތި ކޮންޓްރޯލް ކޮށްލަން ބޭނުންވަނީ އައިފޯން އެޕަކެވެ. މިއެޕަކީވެސް ހިލޭ ޑައުންލޯޑް ކުރެވޭ އެޕެކެވެ. މީގެ ޚަރަދު ކުޑަކޮށްލުމަށް އެންޖެލޯ އޭގެ މެދުބައި ހަދާ ފައިވަނީ ތަންކޮޅެއް ވަރުގަދަ ކަރުދާސް ފާޑުގެ އެއްޗެކުންނެވެ. އަދި އެގެ ބޯ ހަދާފައިވަނީ ސްޓައިރޯފޯމް އިންނެވެ. ހުރިހާ ކަމަކަށް އެނޖެލޯ މިލޯބިލޯބި ބީބީ-8 ރޮބޮޓް ހެދުމަށް ޚަރަދު ކޮށްފައިވަނީ އެންމެ 100 ޑޮލަރެވެ.
“ބޭނުންވާ ސާމާނު ހޯދުމަށް އެހާ ފަސޭހަނުވީމަ އަހަރެން މުޅިންވެސް ބޭނުން ކޮށްފައިވާނީ ފަސޭހައިން ގާތުން ލިބެން ހުރި އެއްޗެހި. އޭގެ ތެރޭ ބޯލް ބިއަރިންއަށް ބޭނުން ކުރީ ޑިއޯޑްރޭންޓްގެ ކޮޅުގަ އިންނަ އެތިކޮޅު. ފައިބާގްލާސް އަށް ކެންވާސް. މިހެންގޮސް މިޒާތުގެ ފަސޭހައިން ލިބޭ ތަކެތި.” އެނާ ބުނެއެވެ.
އެންޖެލޯގެ ބީބީ-8 ސިކުނޑި ފަރުމާކޮށްފައިވަނީ އޯޕެން ސޯސް އެއް ކަމަށްވާ މައިކްރޯކޮންޓްރޯލާ ބޯޑެއް ބޭނުން ކޮށްގެންނެވެ. އެއީ “އާޑުއިނޯ އޫނޯ” އެކެވެ. އޭގެއިން އެ ރޮބްޓުގެ ތިރީގައި ހުންނަ ފުރޮޅުތައް ފަސޭހަ ކަމާއި އެކު ބޭނުން ގޮތަކަށް ކޮންޓްރޯލް ކޮށްލެވެއެވެ. އަދި ރޮބޮޓުގެ ހަރަކާތް ފަސޭހަ ކަމާއި އެކު ހަރަކާތް ކޮށްލެވެއެވެ.
އެރޮބާޓުގެ ބޯ ރީތިކޮށް ހަރަކާތް ކުރާގޮތަށް އެންޖިލޯ ހަދާފައިވަނީ ސްޕީކަރު ތަކުގެ ދަގައްފާނު ބޭނުން ކޮށްގެންނެވެ. ޑުރޮއިޑް ކޮންޓްރޯލް ކުރުމަށް އޭނާ ބޭނުން ކުރަނީ ފްރީ އާޑިއުނޯ ކޮންޓްރޯލާ އެޕެކެވެ. އެ އެޕާއި ރޮބޮޓް ގުޅާލަނީ ޑްރޮއިޑް ތެރޭ ހަރުކޮށްފައި ހުންނަ ބުލޫޓޫތް ބޯޑަކުންނެވެ.
އެހެން ކަމަށްވާނަ މިކަމަށް ޝައުގުވެރިކަން ހުރި ކުދިން މަޑުކޮށްގެން ތިބުމުގެ ބޭނުމެއް ނެތެވެ. އަވަހަށް މަސައްކަތް ފަށާގަންނާށެވެ. ތިރީގައި އެވާ ވީޑިއޯ ބަލާލުމަށްފަހު ބީބީ-8 ރޮބެޓެއް ތައްޔާރު ކޮށްލުމަށްފަހު އަޖުމަ ބަލާލާށެވެ.