English Edition
Dhivehi Edition

އެމެރިކާގެ ސެންފްރޭންސިސްކޯގައި ގާއިމު ކޮށްފައިވާ “މެމްފިސް މީޓްސް” ކުންފުނިން ކުރިއަށް އޮތް ފަސްއަހަރު ތެރޭ ލެބްގައި އާލާކޮށް އުފައްދާ އެއްގަމު މަސް ބާޒާރަށް ނެރޭނެ ކަމަށް ބުނެފިއެވެ.

މި އުފެއްދުމަކީ އެއްގަމު މަސް ކެއުމަށް ލޯބިކުރާ އެތައް ބަޔެއްގެ ހައިކަން ފިލުވާލަދޭނެ އުފެއްދުމެއް ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ކަލްޗާޑް އެއްގަމު މަހެވެ. މިހާރު އެއްގަމު މަސް އުފައްދާ ޖަނަވާރު ފާމު ތަކުން ދުނިޔޭގެ ތިމާވެއްޓަށް ބޭރުވާ ގްރީންހައުސް ގޭސް މިއުފެއްދުމުން 90 އިންސައްތަ ދަށްވާނެކަމަށް އެމީހުން ގަބޫލު ކުރައެވެ. މީގެ އިތުރުން މި އެއްގަމުމަސް ވެގެންދާނީ މިހާރު ބާޒާރުގައި ލިބެން ހުންނަ އެންމެ މީރު ބާވަތުގެ މަހަށްވުރެ އަނގަޔަށް މީރު މަހެއްގެ ގޮތުގައެވެ.

މިކުން ފުނިން މިކަމަށް މިހާރު ވަނީ އެތައް މިލިއަން ޑޮލަރު ޚަރަދު ކޮށްފައެވެ. މިމަސް ބާޒާރަށް ނެރުމުން މިވެގެންދާނީ ކަތިލުމެއް ނެތި ލިބޭނެ މަހަކަށެވެ. މީގެ ތެރޭ ހޮޓް ޑޮގްސް، ސޮސެޖް، ބާގާސް އަދި މީޓްބޯލް ހިމެނޭނެއެވެ.

އާދެއިގެ މަހުގައި ހުންނަ ކެލޮރީއަށް ވުރެ މިއުފެއްދުމުގެ ކެލެރީ 23 ގުނަ ދަށްވާނެއެވެ. އެންމެ ކެލޮރީއެއްގެ ކެއުމެއް އުފެއްދުމަށް ބޭނުންވަނީ ހަމަ އެކަނި ތިން ކެލޮރީގެ ހަކަތައެވެ. މިމަހުގެ އެންމެ ރަނގަޅު ކަމެއް ކަމުގައި އެމީހުން ބުނަނީ މިމަހުގައި އެއްވެސް ޒާތެއްގެ އެންޓިބައޯޓިކް، ނަޖިސް، ޕެތޮޖެންސް އަދި އެހެން އެއްވެސް ބާވަތެއްގެ ނުބައެއް ނުހުންނާނެ ކަމަށެވެ. އެހެން ކަމުން ކާއެއްޗެހިން ހަށިގަނޑަށް ޖެހޭ ބަލީގެ ބިރުވެރިކަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށެވެ.

މެމްފިސް މީޓްސްގެ ސީއީއޯ އުމާ ވަލެޓީ ބުނާގޮތުން މިއީ މުސްތަގުބަލުގެ އެއްގަމު މަހެވެ. “އަހަރުމެންގެ ތަސައްވަރަކީ އެއްގަމު މަސް އުފެއްދުން މީގެ ކުރިން ދަތުފަތުރު ކުރުމަށް ބޭނުން ކުރި ޖަނަވާރު ކާރަށް ބަދަލު ވެގެން ދިޔަ މިސްރާބަށް ދިއުން. މީގެ ސަބަބުން މިހާރު ޖަނަވާރުތައް ކަތިލައިގެން އުފައްދާ މަހުގެ ބަދަލުގައި މިއުފެއްދުމަށް މުޅިން ބަދަލު ވެގެން ދިއުން. އަދި މީގެ ސަބަބުން އެއްވެސް ވިސނުމެއް ނެތި ކަތިލެވޭ ޖަނަވާރު ތަކުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވުން.” އުމާ ބުނެއެވެ.

އެމީހުން މިމަސް އުފައްދަން މިކުރާ ކަމަކީ ޖަނަވާރު ތަކުގެ ސެލްތައް އޭގެއިން ވަގިކޮށްގެންނެވެ. މީގެ ތެރޭ އޫރު، ގެރި އަދި ކުކުޅު ގެ ސެލްތައް ހިމެނެއެވެ. މިސެލްތައް އެމީހުން ބޮޑުކުރަނީ ޓެސްޓިއުބުގައި ލެބޯޓްރީގައެވެ. ބައޯރިއެކްޓާ އެއްގެ ތެރޭ އެސެލްތައް ދިރުވަން އެމީހުން އެއަށް އިތުރަށް އަޅަނީ އޮކްސިޖަން، ހަކުރު އަދި އެހެނިހެން ނިއުޓްރިއެންޓްސް ތަކެވެ. މެއިލް އޮންލައިންގައި ބުނެފައިވާ ގޮތުން މިގޮތަށް ބައޯރިއެކްޓާ ތެރޭ އެމަސް އުފެދެން ނަގަނީ ގާތްގަނޑަކަށް ނުވަ ދުވަހާއި 21 ދުވަހުގެ މުއްދަތަކެވެ.

މި މަރުހަލާގައި މަސްގަނޑު އުފެދުމުގެ ވަގުތު އަވަސް ކުރުމަށް އެމީހުން އިތުރަށް އަޅަނީ އުފަން ނުވާ ކަންބަޅީގެ ލޭގައި އެކުލެވޭ ޕްލަސްމާ އެވެ. ހުރިހާ ވައްތަރެއްގެ ސެލްއަށް މިބޭނުން ކުރަނީ ހަމަ މިޕްލަސްމާއެވެ. މިއީ ވެޖިޓޭރިއަނުން މިބޭނުން ކުރުމަށް ދުރުކުރާނެ ކަމެކެވެ. އެހެން ކަމުން އެމީހުން މިހާރު ދިރާސާ ކުރަމުންދަނީ މި ޕްލަސްމާ ނުވަތަ ސިރަމްގެ ބަދަލުގައި ގަސްގަހުގެ މާއްދާއެއް ބޭނުން ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ނަމަވެސް މިފަދަ މާއްދާއަކުން އުފައްދާނަމަ އޭގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދާނެ ކަމަށް އެކުން ފުނިން ބުނެއެވެ. އޭރުން މީގެ އެއްރާތާ މަހުގެ އަގަކަށް ވެގެންދާނީ ގާތްގަނޑަކަށް 18،000 ޑޮލަރެވެ. މިހާރު އެމެރިކާގައި އެއްގަމު މަސް ލިބޭ އަގަކީ 4 ޑޮލަރަށް ރާތަލަކެވެ. އެހެން ކަމަށްވާނަ މިހާރު އާނމދަނީއަށް ލިބޭ ލާރިކޮޅު މިޖެހެނީ އަންދާނުލާ ރައްކަ ކުރާށެވެ.

މި އުފެއްދުމުގެ ޚަރަދު ކިތައްމެ ބޮޑުވިކަމުގައި ވީނަމަވެސް އެކުންފުނީގެ އަމަޒަކީ ބާގާއެއްގެ އަގު 11 ޑޮލަރުގައި ބެހެއްޓުމަށް ކަމަށް ވޯލްސްޓްރީޓް ޖާނަލްގައި ވަލެޓީ ބުނެފައި ވެއެވެ. “އަހަރުމެން ގަބޫލު ކުރާގޮތުން ކުރިއަށް އޮތް 20 އަހަރު ތެރޭ ބާޒާރުގައި މުޅިންހެން ލިބޭނީ ކަލްޗާޑް އެއްގަމު މަސް.” ވަލެޓީ އިތުރަށް ބުނެފައި ވެއެވެ.

މިގޮތަށް މިއުފެއްދުން އުފެއްދޭނީ ހަމަ ޔަގީނުންވެސް ގުދުރަތީ ނިޒާމަށް ބަދަލު ގެނެސްގެން ކަމާއި މެދު ދެބަސް ނުވެވޭނެއެވެ. އެހެންކަމުން މީގެ ސަބަބުން އިންސާނިއްޔަތައް ގުދުރަތީ ބަދަލު އައުމަކީ ދުރުކަމެއް ނޫނެވެ. ނަމަވެސް މިފަދަ ކަންތައްތައް އަހަރުމެން އިންސާނުންނަށް ތަޖުރިބާ ކުރެވޭނީ އެބޭނުން ކުރުމެގެ ދިގު މަރުހަލާއަކުންނެވެ. ހަމަޔަގީނުންވެސް އިސްލާމީ މުޖުތަމަޢުގައި އެއްގަމު މަސްކެއުން ހަލާލުވަނީ ދީނީގޮތުން ހަމަޖެހިފައި އޮންނަ އުސޫލުން ޖަނަވާރު ކަތިލައިގެންނެވެ.