ދުނިޔޭގެ ހުރިހާ ގައުމަކުން ގޮވާލިނަމަވެސް އެމެރިކާއާއެކު އީރާނުން އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ. ރޫހާނީ ވިދާޅުވީ އެމެރިކާއިން އިރާނަށް ފިއްތުންތައް ކުރިމަތި ކުރުވައިގެން އާ ނިއުކްލިއާ މަޝްވަރާތަކަކަށް ދިއުމަށް މަސައްކަތް ކުރިނަމަވެސް އަދި ދުނިޔޭގެ ހުރިހާ ގައުމަކުން އެކަމަށް ގޮވާލި ނަމަވެސް އެ ގައުމުން އެމެރިކާއާއެކު އެފަދަ އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށެވެ.
އިއްޔެ އެގައުމުގައި އޮތް ޖަލްސާއެއްގައި ވާހާކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ އެމެރިކާ އާާއި ހިލާފަށް އިރާނަކީ ބުއްދި ރަނގަޅު ގައުމެއް ކަމަށާއި އެހެން ގައުމުތަކާއެކު އެ ގައުމުން މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް އޮތް ކަމަށެވެ.
ރޫހާނީ އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި މުޅި ދުނިޔެއަށް ބެލި ނަމަވެސް އެމެރިކާގެ ސިޔާސަތަށް ތާއީދު ކުރަނީ އިޒްރޭލުގެ އިތުރުން ގާތްގަނޑަކަށް ހަތަރު ގައުމެކެވެ.
ރައީސް ރޫހާނީގެ ވާހަކަތައް މި މޭރުމުން ހުރި އިރު މިދިޔަ ހަފުތާ ތެރޭ ޓްރަމްޕް އޭނާގެ ޑިފެންސް މިނިސްޓަރު ގާތުގައި އިރާނާއި ހަނގުރާމަކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައި ވެއެވެ. ބުދަ ދުވަހު ވައިޓް ހައުސް ޖަލްސާއެއްގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުން އިރާނާއި ދިމާލަށް އެމެރިކާ ދުއްވާފައި ދާ ދުވެލި މަޑުކޮށްލާފައި ވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މެދު އިރުމަތީގައި އިތުރު ހަމަނުޖެހުމެއް ހިނގައިފި ނަމަ އޭގެ ނަތީޖާ ވަރަށް ގޯސް ވެދާނެކަމަށް އެމެރިކާގެ ޕެންޓަގަންއިން ޓްރަމްޕްއަށް ވަނީ އިންޒާރު ކޮށްފަ އެވެ.