English Edition
Dhivehi Edition

ފުވައްމުލަކު އައްޔަން ދައިތައަކީ އިހު ޒަމާނުގައި އެރަށުގައި އުޅުނު މުސްކުޅި އަންހެނެކެވެ.

ދިރިއުޅުމަށް ކޮށްއުޅުނު މަސައްކަތަކީ އޭނާގެ ފިރިމީހާ ގެންނަ ރާ ހިންދައި ހަކުރު ހިލުމެވެ. އައްޔަން ދައިތައަކީ އެޒާމާނުގައި ފުވައްމުލަކަށް ދިމާވި ބަލި މަޑުކަމުގެ އަސްލު ކަމަށްވި ފުރޭތައިގެ ކިބައިން ރަށް ސަލާމަތް ކޮށްދިން ހިތްވަރުގަދަ “ހިރޮއިން” އެވެ. ފުވައްމުލައް ފުރަތަމަ ފަހަރަށް ފަޅުވެފައިވަނީ މި ދައިތަގެ ދުވަސްވަރު ކަމަށް ދޫދޫ މަތިން ވަނީ އަޑު ފެތުރިފައެވެ.

މިކަހަލަ އެތައް ހާދިސާއެއް ހިތްގައިމު ކަމާއި ނަލަކަން ލިބިފައިވާ މަލަރީތި ފުވައްމުލަކުގައި ހިނގާފައިވާ ކަމަށް ވާހަކަތައް ދެކެވިފައި އެބަހުއްޓެވެ.

ތާރީޚީ ވާހަކަތައް ކިޔައިދޭއިރު އިންސާނުންގެ ބުއްދިއަށް ގަބޫލު ނުކުރެވޭ މިޒަމާނަށް ނުފެތޭ އެތައްކަމެއް މިޖީލާ ހަމައަށްވަނީ ވާސިލު ވެފައެވެ. އައްޔަނު ދައިތަގެ ވާހަކައަކީ މީގެ ތެރެއިން އެއް ވާހަކަ އެކެވެ.

ފުވައްމުލަކުގެ ތާރީޚު ދެނެވަޑައިގަންނަވާ ގޫފަހަވަތި އަލިދީ ވިދާޅުވި ގޮތުގައި އެރަށު ތުނޑި ހިމެނޭ ސަރަހައްދަށް އެއްޒަމާނެއްގައި “އައްޔަން” މިހެން ކިޔައި އުޅުނެވެ. އެސަރަހައްދުގެ ވަލަށް އައްޔަން ވަލޭވެސް ކިޔައިި އުޅުނު ކަމަށް އަލިދީދީ ވިދާޅުވިއެވެ. އެހެން ކަމުން އައްޔަން ދައިތައަށް “އައްޔަން ދައިތަ” ކިޔުނީ އައްޔަން ސަރަހައްދުގައި ދިރި އުޅުނީމަ، އެސަރަހައްދަށް ނިސްބަތް ކޮށް ކަމަށް ވެދާނެއެވެ. އެސަރަހައްދުގައި އައްޔަން ޒިޔާރަތުގެ ނަމުން މަޝްހޫރުވެފައިވާ މަހާނައެއް ހުރެއެވެ. އަދި މަހާނައާ ދިމާ މޫދުގައި “އައްޔަން ގައު” ގެ ނަމުން މަޝްހޫރު ވެފައި ގަލެއްވެސް އޮވެއެވެ. އަލިދީދީ ވިދާޅުވީ މުޅި އެސަރަހައްދަށް މިހާރު ކިޔަނީ ތުނޑީ ސަރަހައްދު ކަމަށެވެ.

ތާރީޚުން އެނގޭ ގޮތުގައި ފުވައްމުލައް ތިން ފަހަރު ފަޅުވިއެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރަށް އެރަށް ފަޅުވީ އައްޔަން ދައިތަގެ ޒަމާނުގައެވެ. އެހެންނަމަވެސް އެއީ ކޮން ދުވަސްވަރެއް ކަމެއް ނޭނގެއެވެ. އެހެން ކަމުން އެރަށް ފުރަތަމަ ފަޅުވުމާ ބެހޭ ގޮތުން މާގިނަ މައުލޫމާތެއްވެސް ލިބޭކަށް ނެތެވެ.

ދުވަސްވަރަކީ ފުވައްމުލަކުގައި ވަރަށް ވަރުގަދަ ބަލިމަޑުކަމެއް ފެތުރިގެން އުޅުނު ދުވަސްވަރެކެވެ. އެތައް ބަޔަކު އެ ބަލި މަޑުކަމުގެ ތެރޭގައިވަނީ މަރުވެގެން ގޮސްފައެވެ. ބޭހަކަށް ގުޑުވައެއް ނުލެވުނެވެ. އެންމެފަހު ފަންޑިތަ ހަދަން ފެށިއެވެ. ނަމަވެސް ފަންޑިތައަކަށް މައިތިރިއެއް ނުވިއެވެ.

އެދުވަސްވަރު މީހުންގެ ވިސްނުން ހުންނަ ގޮތުން ފަންޑިތައަށް ގުޑުވައި ނުލެވުނު ކަމެއް ދެން މައިތިރިއެއް ނުވާނެއެވެ. އެހިސާބުން އެންމެން ނިންމީ ރަށްދޫކޮށް ދިޔުމަށެވެ.

ރަށް ދޫކޮށް ދިޔުމަށް މީހުން ފުރައިފިއެވެ. އައްޔަން ދައިތައަކީ މީހުން ފުރައިގެން ދިޔައިރު އުޒުރުވެރި ކަމެއް ދިމާވެގެން ނުފުރި އިން މީހެކެވެ.

ރަށް ދޫކޮށް މީހުން ފުރައިގެން ދިޔަ ދުވަހުގެ ރެއެވެ. އައްޔަން ދައިތަ އިނީ އޭނާގެ ފިރިމީހާ ގެނެސްފައިހުރި ރާ ހިންދައި ހަކުރު ހިލުމުގެ މަސައްކަތުގައެވެ.

ދައިތަ ހަކުރު ހިލަމުން ދިޔައީ ބަދިގޭ ދޮރާ ވަރަށް ކައިރީގައިހުރި އުނދުނަކަށް ތަރާފަތް (ތާހެއްހެން މެދަށް އަޑިކޮށް ލޮއިން ހަދައި ދެއުޅައް ލައިފައި ހުންނަ އެއްޗެއް) އުދައިގެން އިންދެއެވެ.

ފުވައްމުލަކު، އަސްރަފީގޭ އަލްމަރުހޫމް، އިބްރާހީމް ސައީދު މޫސާ ފަތްތޫރައިގައި ލިޔުއްވާފައިވާ ގޮތުންނަމަ އައްޔަން ދައިތަ ހަކުރު ހިލަން އިނީ ތިރި ގޮނޑިއެއްގައެވެ.

ހަކުރު ހިލަމުން ގޮސް ވަރުޖެހެމުން ދަނިކޮށް ބަދިގޭ ދޮރުން އެތެރެއަށް ވަރަށް ބޮޑު މީހަކު ބޯ ވެއްދިތަން ދައިތައަށް ފެނުނެވެ. އެ ބިޔަ ބޮޑު މީހާ ފެނިފައި ދައިތަ ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެންގޮސް އަތުގައި އޮތް ދަބު (ހިލާއެއްޗެހި ހިލުމަށްޓަކައި ދޭފަތެއްހެން ލަކުޑިން ހަދައި އެއްކޮޅު ގުދުކޮށްފައި އޮންނަ އެއްޗެއް) އިން އެ މީހާގެ މޫނުގައި ޖެހުނެވެ. އޭރު ދަބުގެ ދެފުށުގައިވެސް ހޫނު ހަކުރު ގަދައަށް ހޭކިފައި ހުއްޓެވެ. އެއައި ބިޔަ މީހާގެ މޫނުގައި ހޫނު ދަބުން ޖެހުމުން “އެމީހަކު އައްދިޔޯއެވެ، މަ މަރައިފިޔޭ ކިޔައި ހަޅޭއްލަވަމުން ރޮމުން ހިނގައްޖެއެވެ. ފަހުން އެދައިތަ ވިސްނިގޮތުގައި އެއީ އެރަށަށް އަރައިގެން އުޅޭ ވަބާ (ރޯގާ) ގެ އަސްލުކަމުގައިވާ ފުރޭތައެވެ.” އިބްރާހީމް މޫސާ ލިޔުއްވާފައި ވެއެވެ.
ރަށް ދޫކޮށްފައި ދިޔަ މީހުންގެ ވާހަކަ އަޑު އަހާށެވެ. ރަށް ދޫކޮށްފައި ދިޔަ މީހުން ފަހުން ރަށުގެ ޚަބަރު ބެލިއެވެ. ބެލި ބެލުމުން އައްޔަނު ދައިތަ ސަލާމަތުން ދުނިޔޭގައި އިންކަން އެނގުނެވެ. މި ޚަބަރު އެމީހުންނަށް ލިބުމާއެކު އެނބުރި ރަށަށް އައިސް އަލުން ވަޒަންވެރިވީއެވެ.

މަރުހޫމް އިބްރާހީމް މޫސާ މިވާހަކަ ލިޔުއްވާފައިވަނީ އެ ރަށުގެ ދުވަސްވީ މުސްކުޅިންގެ ފަރާތުން މިވާހަކަ އަޑު އިވިފައިވާ ގޮތަށެވެ.
އަޅުގަނޑުމެން ކުޑައިރު ހުވަދު އަތޮޅުގެ ބައެއް ހިސާބުގައި މިވާހަކަ ދެގޮތަކަށް ކިޔައި އުޅުނު އަޑު އެހީމެވެ.
އެއްގޮތަކީ އިބްރާހީމް މޫސާ ލިޔުއްވާފައިވާ ގޮތެވެ. ދެވަނަ ގޮތަކީ ފުރޭތަ އައިއިރު އައްޔަން ދައިތަ އިނީ ވަޅިން ކާށި އުކުރައިގެން ކާއްޓާއި މަހާ ކާށެވެ. ފުރޭތަ އައިސް ދޮރުގެ ދެކަނީގައި އަތް ވިއްދާފައި ގޭތެރެއަށް ބަލާލިއެވެ. އަދި ދައިތަ ގާތުން އެހިއެވެ. “ދައިތާ މިރޭ މިގޭ ކަންޓަލަ މަންޓަލަ (މިރޭ މިގޭގައި ކަނީ ކާއްޓާއި މަހާހޭ؟) ސުވާލު ކޮށްލިއެވެ.
ފުރޭތަގެ މިސުވާލަށް ދައިތަ ޖަވާބު ދިނީ ފިސާރި އަންހެން ވައްތަކަމާއި ކެރުންތެރި ކަމާއެކުގައެވެ. ދައިތަގެ ޖެހިލުން ކުޑަކަމާއި ފުރޭތަ ދެކެ އެއްވެސް ވަރަކަށް ބިރުނުގަތް ކަން އެނގުމުން ދައިތަދެކެ ފުރޭތަ ބިރުގަނެއްޖެއެވެ. ފުރޭތަ ދައިތަ ދެކެ ބިރުގަނެފިކަން ދައިތައަށް އެނގުނު ހިނދު “އާނ! މިރޭ މިގޭ ކަންޓަލަ މަންޓަލަ” އޭ ކިޔާފައި ކާށިކިބައިގެ ތެރެއަށް ވަޅި ކޮށްޕައިގެން އަނބުރަމުން ފުރޭތަ ފަހައި ދުއްވައިގެންފިއެވެ. ފުރޭތަ ގައިގަންނާ ކުރެއްވި ބިރުން އެރަށުން ފައިބައިގެން ދިޔައީއެވެ.