English Edition
Dhivehi Edition

ސިނގިރެޓް ތައްޔާރުކޮށްފައި ވަނީ 4،000 އަށްވުރެ ގިނަ ވިހަ ކެމިކަލްސް ބޭނުންކޮށްގެންނެވެ.

އޭގެ ތެރޭގައި ސިގިރޭޓް ބޯލާފައި ބޭރުކޮށްލާ ދުމުގައި ކެންސަރުފަދަ ނުރައްކާތެރި ބަލިތައްޖައްސާ ކެމިކަލްސް ހިމެނެއެވެ. އަޅުގަނޑުމެން ނޭވާލަނީ އޮކްސިޖަން ހޯދުމަށްޓަކައެވެ. ދިރިހުރުމަށްޓަކައެވެ. އެއްވެސް ދިރިހުރުމަށްޓަކައި ސިގިރޭޓްގެ ދުން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.

ސިގިރޭޓްގެ ދުމުގެ ނުރައްކާތެރިކަން އޮތީ ޖައްވުގައި އެކަންޏެއް ނޫނެވެ. ދުނިޔޭަގައި މިނެޓަކު 10 މިލިއަން ސިގިރޭޓް ގަނެ ބޭނުންކުރެއެވެ. އަހަރަކު 5 ޓްރިލިއަން ފިލްޓަރު އަޅުގަނޑުމެން ފަށައިގެންވާ މާހައުލަށް އަޅައި ތިމާވެށި ތަޣައްޔަރު ކޮށްލައެވެ. މި ފިލްޓަރުތައް 18 މަހާއި 10 އަހަރުވަންދެން ހަލާކުނުވެ ހުރެއެވެ.

މޫދަށް އުކާލެވޭ ސިގިރޭޓް ފިލްޓަރުތަކާއި ބިމަށް އުކާލެވޭ ފިލްޓަރުތައް ވެހޭވާރެޔާއެކު އަދި އުކާލެވޭ ކުންޏާއެކު މޫދަށްއެޅި މަސްތައް އެ ކައި އުޅެއެވެ. އޭގެ ސަބަބުން ވަރަށްގިނަ ފަހަރު މަސްތައް މަރުވުމާއި ބަލިތައްޖެހުން ނުވަތަ ވިހަވެއެވެ. މިފަދަ މަސްތައް އަޅުގަނޑުމެން ކެއުމުން ތަފާތު އެތަކެއް ނުރައްކާތެރި ބަލިތައް ހަށިގަނޑަށް ވާސިލްވެއެވެ. މީގެ އިތުރަށް ގަސްގަހާގެއްސަށްވެސް ބަލިތައްޖެހި މަރުވާގޮތްވެއެވެ.

ކޮންމެ 300 ސިގިރެޓް ތައްޔާރުކޮށްލުމަށް ބޭނުންވާ ކަރުދާސް ހެދުމަށްޓަކައި 1 ގަސް ދުނިޔެއިން ނައްތާލެވެއެވެ. ސިގިރޭޓް ގިނައިން ވިއްކުމަށްޓަކައި މިއަށް ދެވިހިފާ މާއްދާ ނިކޮޓިންގެ މިންވަރުވެސް މިހާރުވަނީ %10 އަށް އިތުރުކޮށްފައެވެ. ބޭނުންވަނީ އެންމެ ކަމެކެވެ. ގިނަމީހުން ސިގިރޭޓްގެ ދަލުގައި ޖެއްސުމެވެ. އެއާ ނުލައި ނޫޅެވޭވަރު ކުރުމެވެ. މި އާދައަށް މަގުފަހިކޮށްދިނުމުގެ އިތުރަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި މަސްތުވާތަކެތީގެ ބޭނުން ހިފުމުގެ އާދައަށް ދިއުމާ ގުޅުމެއް ހުރިކަމަށްވެސް މިހާރުގެ ބައެއް ދިރާސާތަކުން ދައްކައެވެ.

މަޖަލަކަށް ނަމަވެސް މީހެއްގެ ގައިގާ ޖަހައިފިނަމަ ރުޅި އާދެވެއެވެ. ނަމަވެސް ސިގިރޭޓެއް ރޯކޮށްލުމަށްފަހު ވިހަދުންތައް އަޅުގަނޑުމެން އުޅެމުންދާ މާހައުލަށް ދޫކޮށްލާއިރު ތިމާ ނުރައްކަލުގެ ތެރެއަށް އެއްލާލާގޮތަށް ކައިރީގައިތިބޭ މީހުންނާއި ކުދިންނަށް އެދެވެނީ ބޮޑު އަނިޔާއެކެވެ. މިފަދަ އަނިޔާއެއް ދޭއިރުވެސް އެ ކަމާމެދު ރުޅިނާދެވެނީ އެ ދުމުން ލިބޭ ގެއްލުން އަންދާޒާ ކޮށްނުލެވޭތީއެވެ. ދުންފަތުގެ ދުމުން މުޅި މާހައުލު ތަޣައްޔަރު ކޮށްލައެވެ. ފެނާއި ބިންގަނޑުވެސް ތަޣައްޔަރު ކޮށްލައެވެ.

ސިގިރެޓުން މިފަދަ ގެއްލުން ލިބޭކަން އެނގި ތިބެވެސް އެވިހަ ހަށިގަނޑުތެރެއަށާއި ޖައްވަށް ދޫކޮށްލަނީ ވަގުތީ އުފަލަކަށްޓަކައެވެ. އެއަށްވުރެ ބޮޑު އުފަލެއް ލިބޭނީ ދުންފަތުގެ ވިހައިން ތިމާއާއި އެހެން މީހުން ސަލާމަތް ކޮށްގެންނެވެ. ވަށައިގެންވާ ރީތި މާހައުލު ހިމާޔަތްކޮށްގެންނެވެ.