English Edition
Dhivehi Edition

ފުވައްމުލަކު ފަސްގަނޑުގައި ﷲ ރޯދި ކުރެއްވި ބާވަތްތަކުގެ ތެރެއިން ލުނބޯ މިހާރުވަނީ މުޅިންހެން ހުސްވެފައެވެ.

މިއީ އެރަށުގެ މީހުންނަށް އިގްތިސާދީ ގޮތުން ދިމާވި ހީނަރު ކަމެކެވެ. އެހެންނަމަވެސް އެރަށުގެ މީހުންނަށް މިހާރުވަނީ އުންމީދެއް ލިބިފައެވެ. އެއީ ކެމް ގެ ޗެއާމަން މުހައްމަދު ނިޔާޒު (ނިޔާ) އެވެ. އޭނާ މިހާރު ގެންދަވަނީ އެރަށުގައި ލުނބޯ އިންދައި އާލާކުރުމަށް ތައްޔާރު ވަމުންނެވެ. އެކަމަށްޓަކައި އޭނާވަނީ 6000 އަކަފޫޓުގެ ބިމެއް އެރަށުން ހޯއްދަވައިފަ އެވެ. އަލުން ލުނބޯ ހައްދަން ނިޔާ ތައްޔާރުވަނީ ޒަމާނީ ވަސީލަތްތަކާ އެކުގައެވެ. އެއްވެސް ކެމިކަލެއް ބޭނުން ކުރުމަކާ ނުލައެވެ. އެކަމަށް ބޭނުންކުރާނެ ލުނބޯ ގަސްތައް އޭނާ ގެންދަވަނީ މަޑުމަޑުން ގެންނަމުންނެވެ.

aa2

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް އުފަން މުހައްމަދު ނިޔާޒު ވިދާޅުވީ ރާވާފައިވާ ގޮތަށް ކަންކަން ދާކަމަށްވާނަމަ ކުރިއަށްއޮތް އަހަރު ކޮންމެ ހަފްތާއަކު 3000 ކިލޯ ލުނބޯ އެރަށުން އުފައްދާނެ ކަމަށެވެ. “ފުވައްމުލަކުން ލުނބޯ ހުސްވެދާނެ ކަމަށް މިރަށުގެ މީހުންވެސް ގަބޫލެއް ނުކުރާނެ. އެހެންނަމަވެސް މިރަށުން މިހާރުވަނީ ލުނބޯ ހުސްވެފައި. އަލުން ލުނބޯ ހައްދައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް މިފަށަނީ. އިރާދަ ކުރެއްވިއްޔާ މިކަން ކާމިޔާބުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު. އަންނައަހަރުން ފެށިގެން ކޮންމެ ހަފްތާއަކު މިރަށުން ތިންހާސް ކިލޯ ލޮނބޯ އުފެއްދުމަކީ އަޅުގަނޑުގެ ލަނޑުދަނޑި،” ނިޔާ ވިދާޅުވި އެވެ.

ނިޔާ ވިދާޅުވީ ފުވައްމުލަކަކީ ބިންގަނޑު ރަނގަޅު ފެންހެޔޮ ރަށެއް ކަމަށެވެ. އެހެންކަމުން އެއްވެސް ކެމިކަލެއް ބޭނުންނުކޮށް އެރަށުގައި ލުނބޯ ނުހެއްދެންވީ އެއްވެސް ސަބަބެއްނެތެވެ.

މިފަހަރު އެރަށުގައި ލުނބޯ ހައްދާނީ ވަކި ސަރަހައްދެއްގައި ޒަމާނީ އުކުޅުތައް ބޭނުން ކޮށްގެންނެވެ. “ފަށައިގަންނައިރު ހަފްތާއަކު ތިންހާސްކިލޯ ލުނބޯ އުފެއްދުނަސް މަސައްކަތް ކުރިއަށްދާ މިންވަރަކުން އަދަދު އިތުރުކުރެވޭނެ އިރާދަ ކުރެއްވިއްޔާ. މިއީ މިރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރެއް ކަމަށް ދެކެން،” ފުވައްމުލަކުގައި ހުންނަވައިގެން ނިޔާ ވިދާޅުވިއެވެ.

ފުވައްމުލަކަކީ ދަނޑު ވެރިކަންކުރާ ރަށެކެވެ. ތަފާތު އެކިވައްތަރު ތަކުގެ މޭވާއަކީ އެއްޒަމާނެއްގައި އެރަށަށް ވަރަށް ތިޔާގި އެއްޗެކެވެ. އެރަށަށް ޒިޔާރަތްކުރާ ރައްޓެހި ރަހުމަތްތެރިންނަށް އެފަދަ ސާމާނު އެއްވެސް ޖެހިލުމެއްނެތި ބަސްތާ ބަސްތާއިން ހަދިޔާކުރި ޒަމާނެއްވެސް ހިނގައްޖެއެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެރަށުންވަނީ ބައެއް ވައްތަރުގެ މޭވާ ހުސްވެފައެވެ. އޭރުވެސް މިހާރުވެސް އެރަށުގައި އެންމެ ތިޔާގި އެއްޗަކީ އަނބެވެ.

aa4

ނިޔާ ވިދާޅުވީ ކެމް އަބަދުވެސް މަސައްކަތްކުރާނީ ދަނޑުވެރިންނާ ގާތުން ކަމަށެވެ. “ކެމްގެ އަތް އަބަދުވެސް އޮންނާނީ ދަނޑުވެރިންގެ ކޮނޑުގައި. އެމީހުންނަށް ބޭނުންވާ ތަމްރީނާއި މައުލޫމާތު ދިނުމަށް އަޅުގަނޑުމެން ތައްޔާރު. ފުވައްމުލަކުގައި ލުނބޯ އާލާ ކުރުމަށް މިފަށާ މަޝްރޫއު ކުރިއަށްދާއިރު އަޅުގަނޑުމެންގެ އެހީތެރިކަން ފުވައްމުލަކު ދަނޑުވެރިންނަށް ފޯރުކޮށްދޭންވެސް މިތިބީ ތައްޔާރަށް،” ނިޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ވަރަށްމަދު ރަށެއްގައި ނޫނީ ނުހެއްދޭ އާފަލުވެސް އޭނާވަނީ ފުވައްމުލަކުގައި ހައްދައިފައެވެ. މިހާތަނަށް ދެފަހަރެއްގެ މަތީން އެގަހުގައި އާފަލު ރޯދިކުރެއްވިއެވެ. އެއީ ދަނޑުވެރިކަމުގެ ދާއިރާއިން އޭނާ ހޯއްދެވި ކާމިޔާބީއެކެވެ. އެނގިފައިވާ ގޮތުގައި ދެން އާފަލު ގަހެއް ހެދިފައިވަނީ އޭނާގެ އަމިއްލަ ރަށްކަމަށްވާ ފަރެސްމާތޮޑާގައެވެ. މިގަސް ހެއްދުމުގައިވެސް ނިޔާގެ ދައުރެއް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ތެރެއަށް ނިޔާ ވަދެވަޑައިގެންފައިވަނީ 2001 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާވަނީ ވީޓީސީއިން ވުޑުކާވިންއާއި ވަޑާންކުރަން ދަސްކޮށްފައެވެ. އެއަށްފަހު ސިފައިންގެ އާ ގުޅި ގައުމަށް ޚިދުމަތް ކޮށްދެއްވިއެވެ. ވޯކްސް ކޯޕަރޭޝަންގެ ޖެނެރަލްމެނޭޖަރު ކަމުގެ ވަޒީފާވެސް އޭނާ ވަނީ އަދާ ކުރައްވާފައެވެ. ދެން އޭނާ ފެނުނީ އެމްޕީއެލްގެ ޕޯޓްސް ފެސިލިޓީ ސެކިޔުރިޓީ އޮފިސަރެއްގެ ގޮތުގައެވެ.

aa3

ދަނޑުވެރިކަމުގެ މަސައްކަތް އޭނާ ކުރައްވަން ފެއްޓެވީ ހޯބީއެއްގެ ގޮތުގައެވެ. ދަނޑުވެރިކަން އޭނާ ދަސްކުރެއްވީ އޮންލައިންކޮށް ކިޔަވައިގެންނެވެ. އަދި އެއަށްފަހު ރާއްޖޭގައި ދަނޑުވެރިކަންކުރާ ގޮތާ ބެހޭގޮތުން އޭނާ އަމިއްލައަށް ހޯދުންތަކެއް ހޯއްދެވިއެވެ. އެ ހޯއްދެވުންތަކަށްފަހު އޭނާ ވިދާޅުވީ “ގިނަ ދަނޑުވެރިންނަށް ނޭނގޭ ނިޔުޓްރިޝަނާ ބެހޭ މައުލޫމާތު. އެހެންކަމުން ދެމެހެއްޓެނި ގޮތުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު އޮންނަނީ ދަނޑުވެރިންނަށް ކުޑަވެފައި. ނިޔުޓްރިޝަނާ ބެހޭ މައުލޫމާތު ރަނގަޅަށް ނޭނގުމުގެ ސަބަބުން ދަނޑަށް ކުރާ ޚަރަދު ބޮޑުވެ ލިބޭ އާމްދަނީ ކުޑަވޭ. އެންމެފަހުން މިޖެހެނީ އެމަސައްކަތް ހުއްޓާލަން،” ކަމަށެވެ.

ނިޔާ ގެންދަވަނީ ދަނޑުވެރިން އެމަކަށް ހޭލުންތެރި ކުރުވައި ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށްވަނީ ފުވައްމުލަކު 200 އެއްހާ ދަނޑުވެރިންނަށް މައުލޫމާތު ދެއްވާފައެވެ. އަދި އައްޑު އަތޮޅުގައިވެސް ވަނީ އެކި ފަހަރުމަތިން ދަނޑުވެރިކަމާ ބެހޭ މައުލޫމާތު 300 އެއްހާ މީހުންނަށް ދެއްވާފައެވެ. އޭގެ އިތުރަށް ހދ. ގައި ވަނީ 290 ވަރަކަށް މީހުންނަށް ދަނޑުވެރިކަމުގެ މައުލޫމާތާއި އަމަލީ ތަޖުރިބާ ދަސްކޮށްދެއްވައިފައެވެ. އޭގެ އިތުރަށް ބައެއް ރިސޯޓު ތަކުގައިވެސް ނިޔާ ވަނީ ދަނޑުވެރިކަމާ ބެހޭ މައުލޫމާތު ދެއްވައިފައެވެ. ނިޔާވަނީ އައްޑޫ މީދޫގައި އޮގަނިކް ދަނޑުވެރިކަމެއް ކުރުމަށް އެރަށުގެ ދަނޑުވެރިންނަށް ހިތްވަރު ދެއްވައި އެމަސައްކަތްވެސް ފަށްޓަވައިފައެވެ.

aaa

ކެމް އަކީ ރިސޯޓުތަކުގެ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ފުލްކޮށް ކޮށްދޭ ކުންފުންޏެކެވެ. ގަސް އިންދައި ހެއްދުމަކީ އޭގެތެރެއިން އެއްބައެވެ. މިހާތަނަށް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ނިޔާވަނީ ވަރަށް ފުރިހަމައަށް އެމަސައްކަތް ކުރައްވާފައެވެ. މި މަސައްކަތް ނިޔާމެން ކުރައްވަމުން ގެންދަވަނީ ދުނިޔޭގައިވާ އެންމެ ރަނގަޅު ގޮތްތައް ހޯއްދަވައި ގެންނެވެ.

ނިޔާއަކީ އުފެއްދުންތެރި ދަނޑުވެރިއެކެވެ. ނިޔާއަކީ ޒަމާނީ ޚިޔާލާއި ވައްޓަފާޅި ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ހިތްވަރު ދެއްވާ ބޭފުޅެކެވެ. ނިޔާއަކީ ކެމިކަލާ ނުލައި ދަނޑު ހައްދަން އެންމެ ބޮޑަށް ހިތްވަރުދެއްވާ އެއްބޭފުޅާއެވެ. ކެމިކަލް ބޭނުންކޮށްގެން ހައްދާ ދަނޑުބިންތަކުން ލިބޭ ގޮވާން ބޭނުންކޮށްގެން ކެންސަރުފަދަ ބަލިތަކުގެ ޝިކާރައަކަށް އިންސާނުންވާކަށް ނިޔާ ބޭނުންފުޅެއް ނުވެއެވެ.

ނިޔާ ފަދަ ބޭފުޅުން ކޮށްދެއްވާ މިފަދަ މަސައްކަތްތައް ބަަލައިގަންނަން ޖެހެއެވެ. މިފަދަ ބުރަމަސައްކަތަކީ އެންމެ ބޭފުޅަކަށް ކުރެއްވޭނެ ކަމެއްނޫނެވެ. މިމަސައްކަތުގައި ނިޔާއާއެކު ހިތަވަރުގަދަ ޓީމެއް އެބައޮތެވެ. ނިޔާއާއި އެ ޓީމަށް ހަމަ ސާބަހެވެ.