English Edition
Dhivehi Edition

ސީއެންއެމް އާއި މެދު ފިޔަވަޅު އަޅަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަމާބެހޭ އިދާރާތަކަށް ފޮނުވައިފިއެވެ.

ޑީޖޭއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރި ކަމަށް ބުނެ ސީއެންއެމް އޮންލައިނާ މެދު ފިޔަވަޅު އަޅަން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވާފައިވާ ކަމަށެވެ.

ޑީޖޭއޭ ގެ ބަޔާނުގައި ވަނީ ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް 348 މިލިއަން ދައްކަަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓައި، މިދިޔަ މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް ތުހުމަތުކޮށް ސީއެންއެމްގައި މިދިޔަ ހަފުތާގައި ލިޔެފައިވާ ލިޔުމަކީ ހަގީގަތެއް ނެތް، ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެއީ، ފަނޑިޔާރުންނާއި ކޯޓުތަކުގެ އަގު ވައްްޓާލައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ލިޔެފައިވާ ލިޔުމެއް ކަމަށާއި އެހެންވެ، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭގެ ބަޔާނުގައި ވެ އެވެ.

ޑީޖޭއޭ އިން ގޮވާލާފައި ވަނީ ނަފްރަތާއި ފިތުނަ ފަސާދަ އުފައްދަން އެފަދަ އަމަލުތައް ނުހިންގުމަށާއި އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަށެވެ.