English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގްގެ ފިޗް އިން ރާއްޖެއަށް ދީފައިވާ ބީ ޕްލަސް ސޮވެރިން ކްރެޑިޓް ރޭޓިން ދަމަހައްޓައިފި އެވެ.

ދުނިޔޭގެ ސިނާއަތުގެ 95 ޕަސެންޓު ހިއްސާކުރާ 3 ކުންފުނީގެ ތެރެއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރު ކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ ދެކުންފުނިން އެއް ކުންފުނި ކަމުގައި ވާ ފިޗް ރޭޓިންސް (ފިޗް) އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަކީ ބީ ޕްލަސް ކަމަށް ނިންމާ އެކަން އާންމުކޮށްފައިވަނީ އިއްޔެއެވެ.

ސޮވެރިން ކްރެޑިޓް ރޭޓިންއަކީ ދައުލަތެއްގައިވާ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތަށް ހާއްސަ މިނިވަން އިދާރާއެއް މެދުވެރިކޮށް ތައްޔާރުކުރާ އެސެސްމަންޓްގެ ނަތީޖާއަށް ކިޔާ ނަމެކެވެ. ފިޗުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިން ދީފައިވަނީ 2016 ވަނަ އަހަރެވެ.

ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ މޫޑީސް އިންވެސްޓާސް ސާވިސް (ޖޫސް) އާއި ފިޗް ރޭޓިންގްސް (ފިޗް) އަށެވެ.

ފިޗް އިން ބުނީ ރާއްޖެއަށް ދީފައިވާ ބީ ޕްލަސް ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ޚަރަދުގެ ނިސްބަތުން ބަލާއިރު ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް، އެކަށޭނަ ވަސީލަތްތައް ރާއްޖޭގައި ހުރިކަމުގައި ފާހަގަކުރެވޭތީ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ އިތުރުވަމުންދާ މިންވަރާއި، ކުރިއަރަމުން އަންނަ ޓޫރިޒަމު ސިނާއަތުން ލިބެމުންދާ އާމްދަނީ އިތުރުވާނެކަމަށް ކުރެވޭ އަންދާޒާގެ އިތުރުން ސްޓްރަކްޗަރަލް އިންޑިކޭޓަރުގެ ދުޅަހެޔޮކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފިޗްގެ ނިންމުމުން ސަރުކާރުގެ ސިޔާސަތުތަކަށް އެފަރާތަށް އޮތް އިތުބާރު ދައްކުވައިދޭ ކަމަށެވެ. އެގޮތުން ފިޗް އިން ވަނީ ކުރިއަށްވުރެ ސްޓްރެޓެޖިކް އަދި ދެފުށް ފެންނަ އުސޫލަކުން ހަރަދު ކުރުމަށް ދައުލަތުން ކުރާ މަސައްކަތާއި، ބޭރު ގައުމުތަކާ އޮންނަ ގުޅުމާ، އިގްތިސޯދީ އަދި އިޖްތިމާއީ ކަންކަން ކުރި އެރުވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިޗްގެ ރޭޓިންއާ ގުޅޭގޮތުން ކުރީގެ އިކޮނަމިކް މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ދެމެހެއްޓުން ބުނެދެނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަކީ ދެމެހެއްޓެނެވި ދިގުރާސްތާ އަދި ހަރުދަނާ ސިޔާސަތެއްކަމެވެ. އަދި އެ ސިޔާސަތުތައް ބައިނަލްއަގުވާމީ ބަލައިގަތުން ލިބިގަތުން ކަމަށެވެ.