English Edition
Dhivehi Edition

ފޭދޫގެ ބިމުގެ ދަތިކަން ހައްލު ނުކުރެވި އެތަކެއް ދުވަސްތަކަކަށްފަހު މިއަދުގެ ސަރުކާރުން މިވަނީ ފޭދޫގެ ބިންހިއްކުމުގެ ބޮޑު މަޝްރޫޢުއެއް ފަށާ ނިންމާލާފަ އެވެ.

ފޭދޫގެ ބިމަށް އިތުރު ވެގެން ދިޔަ 50 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު މިމަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ޓްވިޓާ ގައެވެ.

View image on TwitterView image on TwitterView image on TwitterView image on Twitter

Raees Yameen atholhu thereygai hingavaa tharaggee ge mashroou thakuge therein: Feydhoo bin hikkun nimijje

ނަމަވެސް އުފެދޭ ސުވާލަކީ ހަގީގަތުގައިވެސް އެމަސައްކަތް ނިމުނީ ތޯއެވެ؟ އެންމެ ފުރަތަމަ މަސައްކަތް ކުރުމަށް ވާހަކަ ދެކެވި ސޯޝަލް މީޑިއާގައި މިމަޝްރޫއުގެ ޕްލޭން ތަކުގެ ފޮޓޯތަށް ޕޯސްޓް ކުރެވުނު ގޮތަށް ހިއްކާ ނިމިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި ބިން ހިއްކުމަށް ފުރަތަމަ ޖަހާފައިވާ ބަންޑް ވޯލްއާއި އެއްގޮތަށްވެސް ހިއްކިފައި ނުވާކަން ފާހަގަ ވެއެވެ.

 

އެގޮތުން ދިގިހެރައިގެ ހުޅަނގު ދެކުނު ފަރާތުން ބަންޑްވޯލް ޖަހާފައިވާ ހިސާބަށް ހިއްކާފައި ނުވެއެވެ. އަދި ފޭދޫގެ ހުޅަނގު އުތުރު ފަރާތުގަ ހިއްކަން ނިންމާފައިވާ ބައި އެއްކޮށް ހިއްކިފާއި ނުވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީގެ އައްޑޫގައި ހުންނަވާ ކޯޑިނޭޓަރު މުހައްމަދު ފައިސަލް “އައްޑޫ އޮންލައިން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑްރެޖާ އިން ހިއްކަން ނިންމާފައިވާ ހިސާބު ހިއްކާ މިހާރު ނިމުނީ ކަމަށެވެ.

ނަމަވެސް ކުރީގެ ބަންޑްވޯލް ޖެހި ހިސާބަށް ފަސްގަނޑު ގެންގޮސް ކުރީގައި ޕްލޭން ކުރެވިފައިވާ ހިސާބަށް ހިއްކާ ނިންމާނެ ކަމަށެވެ. “އެހުރިހާ ހިސާބަކަށް ބޭނުންވާ ވަރަށް ފަސް ހުންނާނެ މިހާރު. ހައިމާކު ފަދަ މެޝިނަރީސް ބޭނުން ކޮށްގެން ފަސްގަނޑު އެހިސާބަށް ގެންދެވޭނެ. ބޮޑުހިލަ ޖައްސާނީ އެހިސާބުން ފެށިގެން. ޑްރެޖާއިން ހިއްކަން ޖެހޭ ހިސާބު ނިމުނަސް އަދި މުޅިން މަސައްކަތް ނުނިމޭ.” ފައިސަލް ވިދާޅު ވިއެވެ.

މީގެ އިތުރުން ފޭދޫގެ ހުޅަނގު އުތުރު ފަރާތުގައި އާޓިފިޝަލް ބީޗެއްވެސް ތައްޔާރު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އީއައިއޭ ހެދުމަށް ފަހު އަދި އެކަމަށް ބޭނުންވާ ހުއްދަ ލިބުމުން ކަމަށެވެ. ސަބަބަކީ ބިންހިއްކަން ފުރަތަމަ ފެށިއިރު އާޓިފިޝަލް ބީޗެއް ހެދުމުގެ ޚިޔާލެއް ނެތްކަމަށާއި ނަމަވެސް ފޭދޫގެ ގިނަ ރައްޔިތުންގެ އެދުމާއި އެކު އެކަން ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ.

 

“އާޓިފިޝަލް ބީޗް ހެދުމަށް ބޭނުންވާ ވަރަށް މިހާރުވެސް ބޮޑުހިލަ ރައްކާ ކުރެވިފައި އެބަ ހުރި. އެއީ ފޭދޫގެ ލިންކްރޯޑް އެއްކޮޅުން އަނެއް ކޮޅަށް މީގެ ކުރިން ޖަހާފަ ހުރި ހިލަތައް. އެ ބޭނުން ކުރަން މިވިސްނަނީ އާޓިފިޝަލް ބީޗް ހެދުމަށް. އޭގެއިން މާރަނގަޅަށްވެސް ވާނެ. އިތުރަށް އެކަމަކަށް ހިލައެއް ބޭނުމެއް ނުވާނެ” ފައިސަލް ވިދާޅުވިއެވެ.

ކޯޑިނޭޓަރު ފައިސަލު ވިދާޅުވީ މިހާރު ދެން އެންމެ މުހިއްމު ކަމަކީ އެފަސްގަނޑު ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެއްސުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާރު އެމަސައްކަތް ކުރުމަށް ސްރީލަންކާގެ ކުންފުންޏެއް ކަމަށް ވާ “ޝިއެރާ” ކުންފުންޏާއި ވަނީ ހަވާލު ކުރެވިފައެވެ. “ހިލަޖެއްސުމަށް ބޭނުންވާ ހިލަތައް ހިފައިގެން އަންނަ ބޯޓު މިހަފްތާ ގައި މާލެ އަންނާނެ. އެއަށްފަހު އައްޑުއަށް ހަފްތާ ނިމުމުގެ ކުރިން އައިސް މަސައްކަތް ކުރަން ފެށޭނެ. މޫސުން ތަންދޭނަމަ އަދި އިތުރު ކަމެއް މެދުވެރި ނުވާނަމަ ތާވަލް ކުރެވިފައިވާ ގޮތަށް އިރާދަ ކުރެއްވިއްޔާ ކުރިއަށް ދާނެ.” ފައިސަލް ވިދާޅު ވިއެވެ.

 

 

މީގެ އިތުރުން ފައިސަލް ވިދާޅުވީ މަރަދޫފޭދޫގެ ފުޓްބޯޅަ ދަނޑު ހިމާޔަތް ކުރުމަށް އެސަރަހައްދަށްވެސް ފަސްއަޅާ އެތަން ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ހުއްދައާއި އަދި އީއައިއޭގެ މަސައްކަތް ނިމުމުން އަމަސައްކަތް ވަރަަށް އަވަހަށް ނިންމާނެ ކަމަށެވެ. “މިކަމަކީ މަރަދޫފޭދޫ ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް. އެކަން އިރާދަ ކުރެއްވިއްޔާ ކުރެވޭނެ. މާލަސްތަކެއް ނުވެ ކުރެވޭނެ” ފައިސަލް ވިދާޅު ވިއެވެ.

ފޭދޫގެ ވަށައިގެން ހިއްކާފައިވާ 50 ހެކްޓަރުގެ ބިމުގެ ސަރަހައްދު ތަރައްގީކުރާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށް ފޭދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ކޮމާޝަލް އޭރިއާއާއި ޕްރީސްކޫލްތަކާއި ގަބުރުސްތާން ހެދުމާއި ގެދޮރު އިމާރާތް ކުރުމުގެ އިތުރުން ޒުވާނުންނަށް ޚާއްޞަ އެރީނާތައް މިސަރަހައްދުގައި ގާއިމު ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

 

 

ހަމައެއާއި އެކު ފްލެޓް އަޅާނެ ސަރަހައްދުތައް ކަނޑައަޅައި ފިހާރަތަކާއި ޕާކާއި ސްޕޯޓްސް އެރީނާ ހަދާނެ ސަރަހައްދުތައް ކަނޑައަޅާނެ ކަމަށާއި މީގެ އިތުރުން ގެސްޓް ހައުސް ވިޔަފާރި އަށް ވެސް ބިން ހާއްސަ ކުރަން ވަނީ ނިންމައިފަ ކަމަށް އައިބީ ވިދާޅު ވިއެވެ.

ފޭދޫގައި މިހާރު ދިރި އުޅެމުން އަންނަ ރަށްވެހިންނަކީ އައްޑޫ ސިޓީ ގަމުަގެ ރަށްވެހިންނެވެ. އޭރުގެ ރަސްކަމުގެ ސަރުކާރުން އިނގިރޭސިންނަށް ގަން 100 އަހަރަށް ކުއްޔަށް ދިނުމާއި ގުޅިގެން ގަމުގެ ރަށްވެހިން ބަދަލު ކުރީ ފޭދުއަށެވެ. ފޭދުއަކީ ބިމުގެ ގޮތުން ގަމާއި އަޅާބަލާއިރު ވަރަށް ކުޑަ ރަށަކެވެ. ފޭދޫގެ ބިން ހިއްކުމާއި ގުޅިގެން ގަމަށް އުފަން އިސް ރަށްވެއްސަކާއި “އައްޑޫ އޮންލައިން” އިން ފޭދޫ ބިން ހިއްކުމާއި ގުޅިގެން އުފެދޭ ޝުއޫރު އޮޅުން ފިލުވާލުމަށް ސުވާލު ކޮށްލީމެވެ.

“މި ބިމަކީ ފޭދޫ މީހުންނަށް މީގެ އެތަކެއް އަހަރެއް ކުރިން ލިބެން ޖެހޭ ހައްގެއް. ގަމުން އަހަރުމެން ބޭލީ މިރަށަށް. މިއީ ބިމުގެ ގޮތުން ވަރަށް ކުޑަ ރަށެއް. މިހާރު ބިން ހިއްކާފަ ބިން ބޮޑުވީމަ އުފާވޭ. އެކަމަކު މިއީ އަދިވެސް ލިބެން ޖެހޭ ހައްގުގެ ބައިކުޅަ ބައެއް. އަދިވެސް ގަމުގެ ބިމާ އެއްވަރުގެ ބިމެއް ނުލިބޭ.” ފޭދޫގެ އިސް ރަށްވެއްސަކު ބުނެލިއެވެ.

އޭނަ ބުނާގޮތުން އަދިވެސް ދިވެހ ސަރުކާރުން ފޭދޫގެ ބިން މިއަށްވުރެވެސް ބޮޑު ކުރަން ޖެހޭނެ ކަމަށެވެ. އެއީ ލިބެންޖެހޭ ހައްގެއް ކަމުން އެކަން ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް ހޯދައިދޭން ޖެހޭނެ ކަމަށެވެ. މިވީހާތަނަށް އެއްވެސް ވެރިޔަކަށް މިހައްގު ގަމުގެ ރަށްވެހިންނަށް ހޯދާ ދިނުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތްކަން އޭނަ ފާހަގަ ކުރެއްވި އެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ރައީސް ޔާމީނު އެކަން ކޮށްދެއްވީތީ އޭނާ ރައީސަށް ޝުކުރު އަދާކުރެއްވީ ވަރަށް އުފަލުންނެވެ.