English Edition
Dhivehi Edition

މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ އިތުރުން 5 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަ ދިން ކުންފުނިތަކަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، މިނާ ޙައްޖު އުމްރާ ޕްރއިވެޓް ލިމިޓެޑް، ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް، އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިޥެޓް ލމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑްއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް 18 ކުންފުންޏަކުން ކުރިމަތިލިކަމަށާއި ނަމަވެސް ހުށަހަޅަންޖެހޭ މުހިންމު މަޢުލޫމާތުތަކެއް ފުރިހަމަ ނުވާތީ އެތަނުން 6 ކުންފުންޏެއް ޑިސްކޮލިފައިކޮށްފައިވާކަމަށެވެ. އަދި ހުއްދަ ދިން 5 ކުންފުނި ހޮވާފައިވަނީ ބާކީ ތިބި 12 ކުންފުނީގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ގިނައިން މާކްސް ލިބުނު ކުންފުނިތަކުގެ ތަރުތީބުން ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކޮށްފައިވަނީ ކަމާ ގުޅުހުންހުރި ދާއިރާތަކުގެ ފަރާތްތައް ހިމެނޭ 5 މެންބަރުންގެ ކޮމިޓީއަކުން ކަމަށެވެ. އަދި އިވެލުއޭޓްކުރުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ޕްރޮޕޯސަލްގައި ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ އަގާއި، ޚިދުމަތާއި ތަޖްރިބާއަށްކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.