ދުނެޔެވީ ހަޔާތުގައި ހޭދަކުރާ ދުވަސްތަކުގައި އަޑި ގުޑަންތަކާއި ކުރިމަތި ނުލާނެ ހަމަ އެކަކުވެސް ނެތެވެ. ކޮންމެ ގުޅުމެއްގައިވެސް ކަންއޮތީ މިބީދައިންނެވެ. އެއީ ދެމަފިރި ކަމުގެ ގުޅުން ކަމުގައި ވީނަމަވެސް އަދި އެހެން ގުޅުމެއްގައި ވީނަމަވެސް މެއެވެ. ދޭދޭ މީހުންގެ ދެމެދުގައި ކުރެވޭ މުއާމަލާތެއްގެ ސަބަބުންވެސް ހަރުދަނާ ގުޅުންތައް ބަލިކަށި ވެދެއެވެ.
އެހެންކަމުން ހަޔާތުގެ ބައިވެރިއާއި މުއާމަލާތުކުރުމުގައި ވަރަށް ބޮޑަށް ވިސްނާލުމަކީ މުހިއްމު ކަމެކެވެ. ހަރުދަނާ ރަނގަޅު ގުޅުމެއް އާލާ ކުރުމަށް ކޮންމެ މީހަކުވެސް އަނެކައާއި މުއާމަލަތް ކުރުމުގައި ހިތުގައި ޖެހޭފަދަ ބަސްތައް ބޭނުން ނުކުރުމަކީ ވަރަށް މުހިއްމު ކަމަކެވެ.
އެހެންކަމުން ދޭދޭ މީހުންގެ މެދުގައި ވާހަކަ ދައްކާއިރު ކޮންމެހެން ބޭނުން ކުރަން ނުޖެހޭ ބަސްތަކަށް ބަލާލަމާ ހިނގާށެވެ. ދެމީހެއްގެ ދެމެދުގައި ކުރެވޭ މުއާމަލާތަކީ ހަރުދަނާ ގުޅުމެއްގެ އެންމެ މުހިއްމު އަސާސެވެ. އޭގެ ތެރޭ އަނގައިން ދެކެވޭ ވާހަކާއިގެ އިތުރުން ހަށިގަނޑުގެ ހަރަކާތާއި މޫނުމައްޗަށް ގެނެވޭ ތަފާތު ކުލަވަރުތައް ހިމެނެއެވެ. ކޮންމެ މީހަކަށްވެސް ބޭނުންވާ ކަމެއް ކުރުވުމަށް އަނެކާއާއި ވާހަކަ ދައްކަން އެބަޖެހެއެވެ. އެއީ ކާން ބޭނުންވި ކަމުގައި ވީނަމަވެސް އަދި ހަށިގަނޑަށް ބޭނުންވާ އަރާމެއް ލިބިގަތުމުގައި ވެސް މެއެވެ.
ހަޔާތުގެ ބައިވެރިޔާގެ ފަރާތުން ލިބެންވާ ހުރިހާ ކަމެއްގައިވެސް އަދި އުފަލެއްގައިވެސް މުއާމަލާތު ކުރަން ޖެހެއެވެ. އެގޮތުން ދެމީހުންގެ ވާހަކަ ދެއްކުމުގައި އެކަކު އަނެކަކަށް އޯގާތެރިކޮށް ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް ވަރަށް ގިނަހާލަތް ތަކުގައި ނޭގި ނަމަވެސް ހިތްނޭދޭ ބަސްތަކެއް ދުލުން ބޭރުވެއެވެ. ހަޔާތުގެ ބައިވެރިއާއި އެކު އުފާވެރި ދިރިއުޅުމެއް ވޭތު ކުރުމަށް ހިތްނޭދޭ ބަސްތަކުން ދުރުހެލި ވުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމަކެވެ.
އޮސްޓަންގެ ޔުނިވާސިޓީ އޮފް ޓެކްސަސްއިން ވަރަށް ފަހުން ކޮށްފައިވާ ދިރާސާއަކުން ހާމަވާގޮތުގައި ހިތްހަމަ ނުޖެހި ނަފްރަތު އުފެދެނީ ހަމައެކަނި ދެކެވޭ ވާހަކަ އަކުން އެކަންޏެއް ނޫނެވެ. ބައިވެރިޔާގެ ފަރާތުން އުއްމީދުކުރާ ކަންތައްތައް ހިތްއެދޭ ގޮތަށް އިހްސާސް ނުވުމަކީވެސް ގުޅުމަށް މާބޮޑަށް ބުރޫއަރާ ކަމަކެވެ.
ވަރަށް ގިނަފަހަރު ކޮންމެ މީހަކަށްވެސް މިވާގޮތަކީ ހަގީގަތް ބެލުމެއް ނެތި ހިތުގައި ޖެހޭ މޭރަމަކުން ވާހަކަ ދެއްކެނީއެވެ. ނުވަތަ ބޭއިޚްތިޔާރުގައި އެފަދަ ގޮތަކަށް ވާހަކަ ބެހެއްޓެނީއެވެ. ނަމަވެސް ހަގީގަތް ބެލުމެއްނެތި މިގޮތަށް ދެކެވޭ ވާހަކައިން ބައިވެރިއާއި އެކު އުފެދިފައިވާ ގުޅުން ދުރުވާގޮތް ބޭއިޚްތިޔާރުގައި ބުނެވޭ އެއްޗެކަށް ވުރެ މާބޮޑެވެ.
އޮފީހުގައި ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ ވަރުބަލިކަމުގެ ސަބަބުން ނުވަތަ ބަނޑުހައިވެ ހާންތިވުމުގެ ސަބަބުން ބައިވެރިޔާ ހިތްހަމަ ނުޖެހޭ މޭރުމަކުން ވާހަކަ ދެއްކުނު ކަމުގައި ވިޔަސް ގިނަފަހަރު އެފަދަ އެކަންކަމަށް މައާފު ލިބޭނެއެވެ. ސަބަބަކީ އެގޮތަށް ވާހަކަ ދެއްކިފައި އެވަނީ ދެރަކޮށްލުމުގެ ނިޔަތުގައި ނޫންކަމަށް ވުމެވެ. ނަމަވެސް އެފަދަ ވާހަކަ ދެއްކުމާއި އެކު އެމީހެއްގެ ސުލޫކު ގޯސްވެ ވިޔާނުދާ ކަންކަން ކުރެވޭނަމަ އެބެލެވޭނީ ގަސްދުގައި ކުރެވޭ ކަމަކަށެވެ. މީގެ ސަބަބުން ބައިވެރިޔާއަށް ލިބިގެންދާނީ ނަފްރަތު ކުރެވޭފަދަ ހިތާމަ ތަކެވެ.
ކަންމިހެން ހުރުމާއެކު ހަޔާތުގެ ބައިވެރިއާއި ވާހަކަ ދައްކާއިރު ކޮންމެހެން ބޭނުން ކުރަންޖެހޭ ލަފްޒްތައް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. މިސާލަކަށް ތަފާތު ގޮތަކަށް ބަހެއް ބުނެވުނު ކަމުގައި ވީނަމަވެސް ތިމަންނަ ބުނި އެއްޗެއްގެ މާނަ ތިނަގައި ގަނެވުނީ ނުބައި ކޮށްކަމަށް ބުނެލަން ވާނެއެވެ. ނުވަތަ އަދި އެވާހަކައެއް ދައްކާއިރު އަމިއްލަ ނަފްސްގެ މައްޗަށް ބާރު ހިންގާ އެފަދަ ބަސްތައް ބުނެވޭ ގޮތާއި ވައްޓަފާޅި ހަރުކަށި ވެގެން ނުވާނެއެވެ. އަދި މީހާގެ ހަރަކާތާއި މޫނުތީގެ ކުލަވަރުން ރުޅިވެރިކަން ނުދެއްކުން ވަރަށް މުހިއްމެވެ.
ހަށިގަނޑުގެ ހަރަކާތާއި އަދި މޫނުމައްޗަށް ގެނެވޭ ކުލަވަރުގައި އެތައްބައިވަރު ކަމެއް އަނެކާއަށް ފާހަގަވެ ކިތައްމަ އެއްޗެއް އިހްސާސްވާނެއެވެ. ހެވިލާފަ ސަމާސާ ރާގަކަށް ނުރުހޭ ބަސްތައް ބޭނުން ކުރެވޭ ހެއްޔެވެ؟ ނުވަތަ ހިތްހަމަ ނުޖެހޭ ބަހެއް ބުނުމަށް ފަހު އެބަސް ތަކުރާރުކޮށް ބުނަންހެއްޔެވެ؟
މިފަދަ ކަންކަމުގެ ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ސަމާސާ ރާގަށް ބުނެވޭ ހިތްހަމަ ނުޖެހޭ ބަސްތަކުން އަނެކާއަށް ލިބޭ ހިތްނުތަނަވަސްކަން ކުޑައެވެ. އެހެންކަމުން ސަމާސާ މަޖާ ގޮތަކަށް ކުރެވޭ ހިތްނޭދޭ މުއާމަލާތް ބައިވެރިޔާއަށް ބަލައި ގަންނަން އެހާ އުނދަގުލެއް ނުވާނެއެވެ. ނަމަވެސް އެއްކަމެއް ތަކުރާރުވެގެންދާނަމަ ކުރެވޭ އަސަރު ބޮޑުވެއެވެ.
ހަޔާތުގެ ބައިވެރިޔާއާއި އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ހަޔާތްވެސް އުފާވެރި ކުރުމުގެ ބޭނުމުގައި ކަން ދަންނަން ޖެހެއެވެ. ބައެއް މީހުން ކަންކަމުގައި ހިތްހަމަ ނުޖެހުން އުފެދުނީމަ ހަޔާތުގެ ބައިވެރިޔާއާއި ވާހަކަ ދެއްކުން މަދުކޮށްލައެވެ ނުވަތަ ހުއްޓާލައެވެ. ނަމަވެސް މީގެ ސަބަބުން ލިބޭ ހިތްދަތިކަން ވެސް ވަކި ކުޑައެއް ނުވާނެއެވެ. ބައެއް ހާލަތްތަކުގައި އަނގައި ނުބުނެ ހުރުން ރަނގަޅެވެ. ނަމަވެސް ވާހަކަ ދައްކަން ޖެހޭ މުހިއްމު ދަނޑިވަޅުގައި ވާހަކަ ދައްކަން ޖެހެއެވެ.
ބައެއް ފަހަރު ހަޔާތުގެ ބައިވެރިޔާ އަނެކާ އުޅެންޖެހޭ މިންގަޑު ނުވަތަ ހުދޫދު ކަނޑައަޅައެވެ. މިކަމުގައި ވަރަށް ގިނަފަހަރު އަނެކާ ހިތްހަމަ ނުޖެހުމާއި ނަފްރަތު އުފެދެއެވެ. ހަޔާތުގެ އުފާވެރިކަން ނުލިބޭ މިންވަރަށްވެސް ބައެއްފަހަރު އެފަދަ ބައިވެރިން ކަންތައްތަކުގެ މެދުގައި ރޮނގެއް ދަމާލައެވެ. މިފަދަ ހާލަތްތަކުގައި ހިތްތިރިކޮށް ބައިވެރިއާއާއި ވާހަކަ ދައްކާށެވެ. ވީހާވެސް ބޮޑަށް ފުރަތަމަ ވިސްނާދޭށެވެ. މިސާލަކަށް އެފަދަކަން ކަމުގައި ހިތްހަމަ ނުޖެހޭ ވާހަކަ ބުނުމަށްފަހު އެކަމުގެ ހައްލަކީ ކޮބައިތޯ އަހާ އޮޅުންފިލުވާށެވެ. ރުޅިއައިސްގެން އެކަނޑައެޅުނު ހުދޫދު ފަހަނަޅާ ރުޅިވެރިކަމާއި އެކު ނުދާށެވެ.
މަސައްކަތުގެ މާހައުލުގައި އަބަދުވެސް ބޭނުން ކުރެވޭ ބަސްކޮށާރައިގައި ހިމެނޭ ބަހަކަށް ވެފައި މިއޮންނަނީ މިކަމެއް މިވެނި ގޮތަކަށް ކުރަން ޖެހޭނެއެވެ. ނުވަތަ ކުރަންވާނެއެވެ. މިފަދަ ބަސްތައް ހަޔާތުގެ ބައިވެރިއާއި މުއާމަލާތު ކުރުމުގައި ބޭނުން ނުކުރާށެވެ. މިފަދަ ބަސްތައް ހަޔާތުގެ އެކި ގުޅުން ތަކުގައި އެހާ ވިހަ މިވަނީ ކީއްވެ ހެއްޔެވެ؟ މީގެ ޖަވާބު ހޯދަން އަމިއްލަ ނަފްސަ މިބަސްތަކުން މުއާމަލާތު ކުރީމަ ކުރެވޭ އިހްސާސް ބަލާލާށެވެ. އާއްމު ދިރިއުޅުމުގައި އުފެދިފައި އޮންނަ ގުޅުން ހަރުދަނާ ކަންމަތީ ކުރިއަށް ގެންދިއުމަށް މިފަދަ ވިހަގަދަ ބަސްތައް ބޭނުން ނުކުރާށެވެ. މީގެ ސަބަބުން ނިކުންނަ ނަތީޖާ ހިތިވާނެއެވެ. އަނެކާ އެފަދަ މީހަކާއި ދޭތެރޭ ދެކޭގޮތް ތަފާތު ވުމާއެކު ހިތްހަމަ ނުޖެހުން އުފެދި އެއޮންނަ ގުޅުމަށް ބުރޫއަރާނެ އެވެ.
ހަޔާތުގެ ބައިވެރިޔާގެ ހުންނަ ނޭދެވޭ އާދަކާދަ ރަނގަޅު ކުރުމަށް އަމިއްލަ ނަފްސު ހިތްނޭދޭ މޭރުމުން މުއާމަލާތު ނުކުރާށެވެ. ކަމެއް ރަނގަޅު ކުރުމަށް މަޑުމައިތިރި އޯގާތެރި ބަސްމަގު ބޭނުން ކުރާށެވެ. މިސާލަކަށް ބައިވެރިޔާ ކަމެއް ގޯސްކޮށް ކުރާނަމަ އެކަމަކީ އެހާރަނގަޅު ކަމެއްކަމަށް ހީނުވާ ވާހަކަ ބުނާށެވެ. އަދި އޭގެ ސަބަބުން ކުރިމަތި ވެދާނެ ކަންތައްތަކަށްވެސް އަލިއަޅުވާލާށެވެ. މިގޮތުން ހިތުތެރޭގައި އުފެދޭ ޝުޢޫރު މާރަނގަޅަށް ބަޔާންކޮށް ދެވޭނެއެވެ. އަދި ކަންތައްތައް ކުރުމަށް މަޖުބޫރު ނުކުރުވާށެވެ. އާޚިރުގައި އެމީހުން ރަނގަޅު މަގު އަމިއްލައަށް އިޚްތިޔާރު ކުރާނެއެވެ.