English Edition
Dhivehi Edition

ހިންދީ ޑްރާމާ ސިލްސިލާތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު ބަތަލާ އައިޝާ ސިންގް އަނެއްކާވެސް ބެލުންތެރިންނަށް ފެންނަން ތައްޔާރުވެއްޖެއެވެ. ބަތަލާ ދެން ފެނިގެންދާނީ މަންނަތު -ހަރު ޚުޝީ ޕާނޭ ކީގެ ލީޑް ރޯލުންނެވެ. މަންނާތުގެ ރޯލުން އައިޝަތު ސިންގް، އައިޝްވާރިޔާގެ ރޯލުން މޯނާ ވާސޫ، އަދި ވިކްރަންޓްގެ ރޯލުން އަދުނާން ޚާން ލީޑް ރޯލުން ފެނިގެންދާ މި ޝޯ އެނބުރޭނީ ގުޅުން ނޭނގޭ މަންމައަކާއި އަންހެން ދަރިއެއްގެ މައްސަލަ ބޮޑު ގުޅުމެއްގެ މައްޗަށެވެ.

މި ޑްރާމާއަށް އާ ބަސް ބުނި ސަބަބު ހާމަކުރަމުން އައިޝާ ބުނީ ސްޓޯރީލައިން އާއި އޭނާގެ ކެރެކްޓާ ވަރަށް ކަމުދާ ކަމަށެވެ. މި ޑްރާމާގެ ސްކްރިޕްޓް ކިޔާލުމަށް މުކްތާ (ޕްރޮޑިއުސަރު) ދިރިއުޅޭ ގެއަށް ދިޔަ ދުވަހު ސްކްރިޕްޓް އަޑު އަހާލުމުން ލޮލުން ކަރުނަ ފައިބަމުން ދިޔަ ކަަމަށް އައިޝާ ބުންޏެވެ. އެ ސިލްސިލާގެ ވާހަކަ އަޑުއަހާލުމަށްފަހު ވަގުތުން މަންނާތު ކުޅެން އެއްބަސްވީކަމަށް އައިޝާ ވަނީ ބުނެފައެވެ.

މި ޑްރާމާގައި އައިޝާ ޝެފެއްގެ ރޯލުން ފެނިގެންދާ އިރު އޭނާވަނީ އެ ރޯލަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. “އެއްޗެހި ކޮށަން ޕްރެކްޓިސް ކުރިން. ގޭގައި ބޭނުންކުރާ ވަޅި ބޭނުންކޮށްގެން ކޮށާލަން ދަސްކުރިން. އަހަރެން ފާސްޓް ޗޮޕިން ދަސްކުރިން. ޕްރޮމޯއަށް ޝޫޓް ކުރިއިރު އަހަރެންގެ އަތަށް ދިނީ ބަދިގެ ވަޅިއަށް ވުރެ ބޮޑެތި ވަޅިތަކެއް. އަހަރެންނަށް ދެން ވިސްނުނީ އަހަރެން ޕްރެކްޓިސް ކުރަންވީ ރަނގަޅު ބޮޑު ބަދިގެ ވަޅިއެއް ބޭނުން ކުރުމަށް ކަން . އަހަރެން އެކަން ކުރަން ފެށީ ކުރިން ކޮށާލަން ނޭނގުނު ނަމަވެސް މިހާރު މަންޒަރުތަކުގެ ތެރޭގައި އޮމާންކަމާއެކު އަމިއްލައަށް ކުރަން. އަހަންނަށް އެކަން ކޮށްދޭނެ މީހަކު ބޭނުމެއް ނޫން. އެކަން އަހަރެން ކޮށްފިން.” އައިޝާ ބުންޏެވެ.

މަންނަތުގެ ޓްރެއިލާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މި ޑްރާމާ ދައްކަން ފަށާނީ 06 ޖެނުއަރީ އިން ފެށިގެންނެވެ.