English Edition
Dhivehi Edition

ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރު ފަޅުތަނެއްގެ ގޮތުގައި ބެހެއްޓުމަށްފަހު އަނެއްކާވެސް ބޮނޑޮގެ ސިނަމާއަކަށް ހެދުމުގެ މަސަކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިތަނަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ޢިމާރާތްކުރި ތަނެކެވެ. އެތަން އިމާރާތް ކުރެވިފައިވަނީ ހަނގުރާމައިގެ ބަންކަރެއްގެ ގޮތުގައި ނުވަތަ ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ގޮތުގައެވެ.

ނަމަވެސް މިތަން ހަދައި ނިމުނުއިރު ދެވަނަ ބޮޑު ހަނގުރާމަ ނިމިފައިވުމުން އެތަނުގައި އިނގިރޭސިންގެ އެއްވެސް ބޭނުމެއް ނުކުރާކަމަށް މަރަދޫ މީހުންގެ ފަރާތުން މައުލޫމާތު ލިބެއެވެ. އޭގެ ފަހުން އެތަން އެކިއެކި ކަންކަމުގައި ބޭނުން ކުރެވިފައި ވެއެވެ.

އެގޮތުން އެތަނުގައި މަރަދޫ ސްކޫލާއި، މަރަދޫ އޮފީހުގެ އިތުރުން ޤުރުއާން ކުލާސްތައް ހިންގުމާއި ކާޑު ގުދަނެއްގެ ގޮތުގައި ބޭނުން ކުރެވުނެވެ. ބޮނޑޮގެ އެންމެ ފަހުން ބޭނުންކުރީ، 1980 ގެ އަހަރު ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިނަމާތައް ހެދިގެން ދިޔަ ދުވަސްވަރު މަރަދޫ ސިނަމާގެ ގޮތުގައެވެ. އޭގެ ފަހުން އެތަނުގެ ބޭނުން އެއްވެސް ވަރަކަށް ހިފާފައެއް ނުވެއެވެ. އެތަން ދިޔައީ ވީރާނާ ވަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްގެން ބޮނޑޮގެ މަރާމާތުކޮށް، ސިނަމާއަކަށް އަނެއްކާވެސް ހަދައި، އަންނަ ނޮވެންބަރު 11 އަށް ހުޅުއްވޭ ވަރުވާނެކަމަށް އައްޑޫ ސިޓީ ކައުންސިލުންވަނީ ވިދާޅުވެފަ އެވެ.

އައްޑޫގައި ހުރި މިފަދަ ތާރީޚީ ތަންތަން ދަނީ ވީރާނާވަމުންކަން ފާހަގަ ކޮށްލެވެ އެވެ. އަދި އެފަދަ ތަންތަން ގަސްދުގައި ހަލާކު ކުރުމަކީވެސް ނެތްކަމެކޭ ބުނެވޭކަށް ނެތެވެ. ބޮނޑޮގެ މީގެ ކުރިން އަޅާފަ އޮތް ކަރަންޓް ވިއުގައާއި ފަންކާ އަދި ބޮކިފަދަ ތަކެތިވެސް ވަނީ ވަގަށް ނަގާފައެވެ. ކައުންސިލުން އިސްނަގައިގެން މިފަދަ ހުރިހާ ތާރީޚީ ބިނާތައް ހިމާޔަތް ކުރުމަކީ އަންނައޮތް ޖީލުތަކަށް އަދާ ކުރަންޖެހޭ ޒިއްމާއެއް ކަމަށް ތާރީޚަށް ލޯބި ކުރާ އެތައްބަޔަކު ގަބޫލު ކުރައެވެ.