English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ އިހުޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެކަކު އަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވުމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ގޮވާލައްވައިފިއެވެ.

ރަމަޟާންމަހުގެ ރޭތައް އިހުޔާކުރުމުގެ ގޮތުން ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މައްސަރުގައި މާތް ﷲ ވަރަށް ގިނަ ދަރުމައާއި ސަވާބު ލައްވާފައިވާ ކަމަށާއި އެހެންކަމުން މި މައްސަރުގައި ހެޔޮ އަމަލުކުރެވޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ބައެއް ފަހަަރަށް ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކުޑަކަމެއް ކަމަށް ހީކޮށް ބައެއް ކަންކަމަށް ފަރުވާކުޑަކޮށް ދޫކޮށްލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ކަމަކީ ހިނިތުންވުން ކަމަށާއި އަޅުގަނޑުމެން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވޭ އަނެއް ކަމަކީ މަގުމަތީގައި އޮންނަ އެއްޗެއް ފެނި އެއްކައިރިއަށް ޖައްސައިލުން. މިއީ ވަރަށް ގިނަ ފަހަރު ފަރުވާކުޑަކޮށްލެވޭ ކަމެއް . އަތުގައި އޮންނަ އެއްޗެއް ނުވަތަ އަތުޖެހުނު އެއްޗެއް މަގުމައްޗަށް އެއްލައިލެވެނީ . ނަމަވެސް އެއީ ކަންކޮށްގެންވާނެ ގޮތް ނޫން” ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަގުމަތީގައި އެއްޗެއް އޮވެ އެ އެއްޗެއް އެއްކައިރި ކޮށްފިނަމަ އެމީހަކަށް ދަރުމައާއި ސަވާބު ދެއްވާނެ ކަމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށާއި އެހެންކަމުން މަގުމަތި ރީތިކޮށް ބޭއްވުމަށާއި މަގުމަތީގައި ހުންނަ ތަކެތި އެއްކައިރިއަށް ޖެއްސުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވަވާފައެވެ.

މިނިސްޓަރު ވިދާޅުވީ ބުއްދިވެރިއަކީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް ހެޔޮ ކަމެއްނަމަ، ފަރުވާކުޑަކޮށްނުލައި އެކަމެއް ކުރާ މީހާ ކަމަށާއި ކަދުރު އޮށެއްގެ ފަޅިއެއްހާ މިންވަރު މާތް ﷲ ގެ މަގުގައި ސަދަގާތް ކޮށްގެން ވެސް ނަރަކައިން މިންޖުވޭތޯ މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވާ ކަަމަށެވެ. ދަރުމަ ހުރީ ހަމައެކަނި ބޮޑު އަދަދަކުން ސަދަގާތް ކުރުމުން ނޫން ކަމަށާއި ކިތަންމެ ކުޑަ ކަމެއް ވިޔަސް ހެޔޮކަމެއް ކޮށްފިނަމަ ދަރުމައާއި ސަވާބު ލިބޭނެ ކަމަށެވެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ދަރުމައާއި ސަވާބު ދެއްވަނީ ދެ ޝަރުތެއް ހިމެނިގެން ކަމަށާއި އެއީ އިޚުލާސްތެރިކަމާއި ޝަރީއަތުގައި އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުން ކަމަށް ވިދާޅުވިއެވެ. މި ދެ ޝަރުތު ފުރިހަމަވާ ގޮތަށް ހެޔޮ އަމަލެއް ކޮށްފިނަމަ ބަރަކާތާއި ސަވާބު ދެއްވާނެ ކަމަށް ދީނުގައި އަންގަވާފައިވާކަން ފާހަގަކުރައްވައި ހަޔާތުގައި ކުރާ ކޮންމެ ކަމެއް ވެސް މިގޮތުގެ މަތިން ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރު ބާއްވާ އިހުޔާ ފޯރަމް ތައާރަފުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖޭގައި ރަމަޟާންމަހުގެ ރޭތައް އިހުޔާކުރުމުގެ ޖަލްސާތައް އެންމެ ފުރަތަމަ ފެއްޓެވި ރައީސް މައުމޫން މިރޭގެ ޖަލްސާގައި ތަގުރީރުކޮށްދެއްވި ކަމަށްޓަކައި އަދި 1980 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އިހުޔާ ޖަލްސާތައް މެދުނުކެނޑި ކުރިއަށް ގެންދެވިފައިވާތީ ރައީސް މައުމޫނަށް ޝުކުރު އަދާކުރައްވާފައެވެ.

ރޭގެ ފޯރަމްގެ މައުޟޫއަކީ ބަރަކާތްތެރި ރަމަޟާން މަހަކީ ކީރިތި ގުރުއާނުގެ މައްސަރެވެ. މި ފޯރަމްގައި ރައީސް މައުމޫން ވަނީ ތަގުރީރުކުރައްވާފައެވެ. އަދި މި ޖަލްސާގައި ނާއިބުރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަމަޟާންމަހުގެ ރޭތައް އިހުޔާކުރުމުގެ ގޮތުން ޖަލްސާ ބާއްވަން ފެށީ 1980 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައެވެ. މިގޮތުން އެންމެ ފުރަތަމަ ރައީސް މައުމޫން މުލިއާގޭގައި މި ޖަލްސާތައް ފައްޓަވައި ކޮންމެ ރެއަކު ދަރުސްތައް ދެއްވިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމަށް އިހުޔާ ފޯރަމް ބަދަލުވީ 1984 ގައި އިސްލާމީ މަރުކަޒު ހުޅުވުމުންނެވެ.