ސީރިއާގައި ތިބި ދިވެހިން އެ މީހުންގެ އާއިލާތަކުގެ އެދުމުގެ މަތިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ (އެންސީޓީސީ) އިން ބުނެފިއެވެ.
އެންސީޓީސީ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިޔާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ސީރިއާ އަށް ހަނގުރާމަ ކުރަން ގޮސް ތިބި މީހުންގެ އާއިލާތަކުން އެ މީހުން އަނބުރާ ރާއްޖެ ގެނައުމަށް އެދި ފޮރިން މިނިސްޓްރީ އަށާއި، ފުލުހުންނަށާއި އެހެނިހެން މުއައްސަސާތަކަށް ހުށައެޅުމާ ގުޅިގެން އެކަމާ މެދު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވާން އެ ގައުމަށް ގޮސް ތިބި ދިވެހިން އަބުރާ ރާއްޖެ ގެނެއުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއި އެކު ކުރިއަށްދާކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަކަރިއްޔާ ވިދާޅުވީ ސީރިއާގައި ދިވެހިން ތިބިކަމުގެ އެއްވެސް ރަސްމީ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށާއި އާއިލާގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބިނާކޮށް މިހާތަނަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 54 މީހުން ސީރިއާގައި ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އދ. އާ ގުޅިގެން ފޮރިން މިނިސްޓްރީންނާއި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން މައުލޫމާތު ސާފުކުރަމުންދާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.