English Edition
Dhivehi Edition

މިހާރު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުލްﷲ ޝާހިދު އަވައްޓެރި ސްރީލަންކާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ހޯމް މިނިސްޓަރ ވަޖީރާ އަބޭވަރުދަނާ އާއި ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުވުމުގައި ލަންކާ ވިސާ މައްސަލައިގައި އުންމީދުއާވެއްޖެކަމަށް ފޮރިން މިނިސްޓަރު އަބްުދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ “ވިސާއާއި ގުޅޭގޮތުން ދާދި ފަހުން [ލަންކާ ސަރުކާރުން] ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު. ބެހެއްޓެވި އިހުތިރާމްދާރީއާ ދެއްވި ޔަގީންކަމުގެ ސަބަބުން އުންމީދު އާވެއްޖެ،” ކަމަށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް ބައްދަލު ކުރައްވާފައިވެއެވެ.

ލަންކާގެ ކުރީގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވައި ވިސާ މައްސަލަ އާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި އެހެން މުހިއްމު ކަންކަމާ ގުޅޭ ގޮތުން ވެސް މިނިސްޓަރ ޝާހިދު މަޝްވަރާ ކުރެއްވި އެވެ.

މިދިޔަ މަހު 21 ވީހުގައި ލަންކާއަށް ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން އެގައުމަށް ދަތުރުކުރާ މީހުންގެ ވިސާގެ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައެވެ. އެގޮތުން ދިވެހިންވެސް ރެސިޑެންސް ވިސާ ބޭނުންނަމަ އެގައުމަށް އެތެރެވެވޭނީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީއަށް ހުށަހަޅައި ވިސާ ހަމަޖެހުމުންނެވެ. ކުރިން އޮންނަ ގޮތުން އޮން އެރައިވަލް ވިސާގައި ލަންކާއަށް އެތެރެވެ އެގައިމުގައި ތިބެގެން ވިސާ ހަމަޖެއްސެއެވެ.